ޢާއިޝަތު ރަފާޙް ޢަލީ
އީމާންތެރިކަމަކީ އަޅުގަނޑުމެންނަށް އުންމީދު އާކޮށްދޭ އެއްޗެކެވެ. އެހެންކަމުން، އަޅުގަނޑުމެން މި ބުނަނީ، މިއީ ކޮންމެހެން އީމާންތެރިކަން ކުޑަވުމުން ދިމާވާ ކަމެއް ނޫން ކަމަށެވެ. ބައެއް ފަހަރު މިއީ ކުރެވޭ ފާފަތަކުގެ ނަތީޖާއަކަށް ވެސް ވެދާނެއެވެ. ނަމަވެސް، ފާފަތަކުގެ ނަތީޖާއޭ މި ބުނަނީ ކީއްވެގެން ހެއްޔެވެ؟ މި ދުނިޔޭގައި ކުރާ ފާފައަކަށް އެންމެ ފަހުގެ އުޤޫބާތެއްގެ ގޮތުން އަދަބެއް ނުލިބެއެވެ. އަދަބު އޮތީ އާޚިރަތުގައެވެ.
އަޅުގަނޑު މި ބުނާ އެއްޗަކީ ކޮބައި ހެއްޔެވެ؟ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަމެއް ކުރުމަކީ ގޯސް ކަމެއް ކަމަށާއި، އެކަމެއް ނުކުރުމަށް ﷲ އަމުރުކުރައްވާފައިވަނީ ތިޔަބައިމީހުންގެ ލާބަޔާއި މަންފާއަށެވެ. އެހެންކަމުން، އެ ކަމެއް ކޮށްފިނަމަ، އޭގެ ގެއްލުން ތިޔަބައިމީހުންނަށް ކުރާނެއެވެ. މިސާލަކަށް، މީހަކު ރާބޯނަމަ، ދުނިޔޭގައި ހިނގާ ގެވެށި އަނިޔާގެ އެންމެ ބޮޑު ފަސް ސަބަބުގެ ތެރޭގައި ރާބުއިން ހިމެނޭކަން އަޅުގަނޑުމެންނަށް އެނގެއެވެ. ދުނިޔޭގައި ހިނގާ އެންމެ ބޮޑެތި ޖަރީމާތަކާއި ގެވެށި އަނިޔާތަކުގެ ތެރެއިން އެންމެ ގިނައީ ރާބުއިމުގެ ސަބަބުން ދިމާވާ ކަންކަމެވެ.
ﷲ ވަނީ ރާބުއިމާއި ޖުވާކުޅުމުގައި ބައެއް މަންފާތައް ހުރި ނަމަވެސް، އޭގެ ގެއްލުން މާ ބޮޑު ކަމުގައި އަންގަވައި، އެކަންކަމާ މުޅިން ދުރުހެލިވުމަށް އަމުރުކުރައްވާފައެވެ. އަޅުގަނޑު ރާ ބޮއެފިނަމަ، އެ ކުރެވުނީ ފާފައެކެވެ. އަދި އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހެނީ ހަމައެކަނި ﷲ އަށް އުރެދުނީތީއެއް ނޫނެވެ.
ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، ޢަފޫކުރައްވާ އިލާހެވެ. ކީރިތި ޤުރުއާނުގައި ﷲ ވަނީ ގިނަ ފާފަތަކެއް އަފޫކުރައްވާ ކަމަށް ވަޙީކުރައްވާފައެވެ. ނަމަވެސް، އެ ކުރެވޭ ފާފައެއްގެ ސަބަބުން، ރާބުއިމުގެ ސަބަބުން ދިމާވާނެ ކަމަށް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެއެވެ. ބައެއް މީހުންނަށް ﷲ އަށް އުރެދި، ތައުބާވުމުގެ ތެރެއިން ފިލާވަޅު ލިބޭއިރު، އަނެއް ބަޔަކަށް އެކަން ދަސްވަނީ ވަރަށް ހިތްދަތި ގޮތްގޮތުންނެވެ. ފާފަތަކުގެ ނަތީޖާއާ ކުރިމަތިލާން ޖެހެނީ މިފަދައިންނެވެ. ބައެއް ފަހަރު ﷲ ދުނިޔޭގައި ކުޑަ އަދަބެއް ދެއްވަނީ، އިންސާނާ ހޭލެއްވުމަށްޓަކައި، ނުވަތަ އެ މީހެއްގެ ދަރަޖަ މަތިވެރިކުރެއްވުމަށްޓަކައި، ނުވަތަ ފާފަ ފުއްސަވައިދެއްވުމަށްޓަކައެވެ.
ޤުރުއާނާއި ޙަދީޘްގައި "ޞަރަޢު" (صَرَعْ) ކިޔާ ކަމެއްގެ ވާހަކަ އައިސްފައިވެއެވެ. މިއީ ވާގިނެތޭ ބައްޔެވެ. ރަސޫލާ ﷺ ގެ ޒަމާނުގައި އުޅުއްވި އަންހެން ބޭކަނބަލަކަށް މިފަދަ ނަފްސާނީ އަދި ޞިއްޙީ މައްސަލައެއް ދިމާވެ، އޭނާ ދޭތެރެދޭތެރެއިން ފިޓު ޖެހެއެވެ. އޭނާ ރަސޫލާ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑަށް ފިޓު ޖެހެއެވެ. އަޅުގަނޑަށް ޝިފާ ދެއްވުން އެދި ﷲ އަށް ދުޢާކޮށްދެއްވަފާނަންތޯއެވެ؟"
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "ކަމަނާއަށް ޝިފާ ދެއްވުން އެދި ތިމަންކަލޭގެފާނު ދުޢާކޮށްދެއްވަފާނަމެވެ. ނުވަތަ ކަމަނާ ކެތްތެރިވެވަޑައިގަންނަވާނަމަ، އެ ބައްޔާއެކު ކެތްތެރިކަމާއެކު ހުންނަވާށެވެ. އޭރުން ސުވަރުގޭގައި ކަމަނާގެ ދަރަޖަ މާ މަތިވެރިވާނެއެވެ." އެހިނދު އެ ބޭކަނބަލާ އިޚްތިޔާރު ކުރެއްވީ އެ ބައްޔާއެކު ކެތްތެރިވުމަށެވެ. ތިޔަބައިމީހުން ހިތަށްއަރާފާނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މިއީ ހަމައެކަނި އެކަމަނާއަށް އޮތް ޚާއްޞަ ކަމެކެވެ. އެހެނީ ރަސޫލާ ﷺ އެކަމަނާއަށް އެ ޚަބަރު ދެއްވީ ﷲ ގެ ފަރާތުން އައި ވަޙީގެ ޒަރިއްޔާއިންނެވެ. ނަމަވެސް އެކަމަނާ ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑު ފިޓު ޖެހިގެން ބިމަށް ވެއްޓޭ ހިނދު، ހޭނެތިފައި ހުންނާތީ އަޅުގަނޑުގެ ހަށިގަނޑުން ބައެއް ފާޅުވެއެވެ. އަޅުގަނޑުގެ ހަށިގަނޑު ނިވާވެފައި އޮތުމަށް އެދި ﷲ އަށް ދުޢާކޮށްދެއްވަފާނަންތޯއެވެ؟" ރަސޫލާ ﷺ އެކަމަށް ދުޢާކޮށްދެއްވިއެވެ. ޞަޙާބީން ވިދާޅުވާ ގޮތުގައި، އޭގެ ފަހުން އެކަމަނާ ބިމަށް ވެއްޓޭ ކޮންމެ ފަހަރަކު، ހަށިގަނޑުގެ އެއްވެސް ތަނެއް ފާޅެއް ނުވެއެވެ. މީގެން އެނގެނީ ނަފްސާނީ ބަލިތަކާއި، ދިރިއުޅުމުގެ މައްސަލަތަކާއި، ލިބޭ ތަދުތަކަކީ ބޭކާރު އެއްޗެއް ނޫން ކަމެވެ. އެ ކަންކަމަށްޓަކައި އަޅުގަނޑުމެންނަށް ޘަވާބާއި ދަރުމަ ލިބޭނެއެވެ.
- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން