ޢާއިޝަތު ރަފާޙް ޢަލީ
އަޚުންނާއި އުޚުތުންނޭވެ! އަހަރެން މާގިނަ ވަގުތު ނަގައިފިކަން އެނގެއެވެ. ނަމަވެސް، އަހަރެމެންނަށް ކުރިމަތިވާ ނަފްސާނީ ބައެއް އުނދަގޫތަކާ އަމަލީ ގޮތުން ކުރިމަތިލާނެ ގޮތުގެ ބައެއް ކަންކަމަށް ބަލާލަން ބޭނުމެވެ. ގުރުއާނުގައި "ނަފްސާނީ ބަލިމަޑުކަމަށް" ބޭނުންކޮށްފައިވާ ލަފުޒަކީ ކޮބައިހެއްޔެވެ؟ ތިޔަބޭފުޅުންނަށް ހައިރާންކަމެއް ލިބިދާނެ ނަމަވެސް، ގުރުއާނުގައި މިކަމަށް ބޭނުންކޮށްފައިވާ އެންމެ މާނަފުން ލަފުޒަކީ "ޖުނޫން" (جنون) އެވެ. އަރަބި ބަހުގައި މިއީ ނޭދެވޭ މާނައެއްގައި ބޭނުންކުރާ ލަފުޒެއް ނަމަވެސް، މީގެ މާނަ ބިނާވަނީ އެ ބަލާލާ ގޮތެއްގެ މައްޗަށެވެ.
"ޖުނޫން" ގެ މާނައަކީ މޮޔަވުން ނުވަތަ ނަފްސާނީ ބަލިމަޑުކަމެކެވެ. ނަފްސާނީ ބަލިމަޑުކަމެއްގެ މާނައަކީ، ތިމާގެ އަމިއްލަ ވިސްނުމުގެ މައްޗަށް ފުރިހަމަ ބާރު ނެތުމެވެ. މީގައި ތަފާތު ދަރަޖަތައް ހުރެއެވެ. އަދި މިފަދަ ހާލަތްތައް ތަހައްމަލުކުރާ މީހުންނަށް، އެމީހުންގެ ކެތްތެރިކަމާއި ލިބޭ ތަދާއި ވޭނަށް ﷲ ސަވާބު ދެއްވައެވެ.
ސަހީހު މުސްލިމްގެ ހަދީޘަކަށް ސަމާލުކަން ދެއްވާށެވެ. ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ: "މުސްލިމަކަށް ޖެހޭ އެއްވެސް ބައްޔެއް، ނުވަތަ ހަށިގަނޑަށް ލިބޭ ތަދެއް، ނުވަތަ ކުރިމަތިވާ 'ހައްމު' (ކަންބޮޑުވުން)، ނުވަތަ 'ޣައްމު' (ހާސްކަމާއި ނުތަނަވަސްކަން - މީގެ ތެރޭގައި ޑިޕްރެޝަން ނުވަތަ އެންޒައިޓީ ހިމެނިދާނެ)، ނުވަތަ އެހެން މީހެއްގެ ފަރާތުން ލިބޭ އުނދަގުލެއް (އަމަލުން ނުވަތަ ބަހުން ވިޔަސް)، ނުވަތަ ކުރީގެ ހިތާމަވެރި ހާދިސާއަކާ ގުޅިގެން ލިބޭ ދެރައެއް - މި ހުރިހާ ކަމެއްގެ ބަދަލުގައި ﷲ އެމީހެއްގެ ފާފަ ފުއްސަވައިދެއްވައެވެ. އެންމެ ކުޑަމިނުން ހަށިގަނޑަށް ހެރޭ ކައްޓެއްގެ ސަބަބުން ލިބޭ ތަދަށްވެސް ﷲ އެމީހެއްގެ ފާފަތައް ފޮހެލަދެއްވައެވެ."
މީގެ މާނައަކީ، ތިބާއަށް ބިރުވެރިކަމެއް، ނުތަނަވަސްކަމެއް ނުވަތަ މާޔޫސްކަމެއް ކުރިމަތިވެ، އެކަމަށް ކެތްތެރިވާ ހާލު، ތިބާގެ ފާފަތައް ﷲ ފޮހެލަދެއްވުމެވެ. މިއީ އީމާންތެރިކަން ހުރި މީހުންނަށް ކުރިމަތިވާނެ ކަންކަމެވެ. ހުރިހާ ނަބިއްޔުންނަށްވެސް މިފަދަ ހާލަތްތައް ކުރިމަތިވިއެވެ. މިއަށް ކިޔަނީ "އިބްތިލާ" (އިމްތިހާނު) އެވެ. ބައެއް ފަހަރު އިމްތިހާނު ވަރުގަދަވި ވަރަކަށް، އެއީ ތިބާ ﷲ ގެ ހަޟުރަތުގައި ލޯބިވެތި މީހެއް ކަމުގެ ނިޝާނެކެވެ. ނަމަވެސް، އެ ލޯބިވެތިކަން ދެމިއޮންނާނީ އެކަމަށް ތިބާ އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. އެއީ ކެތްތެރިކަމެވެ.
- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން
- މިއަދުނޫސް