ޢަލީ އިޙްޞާން ފިރާޤް
ބަކަރިތަކަށް ފެންދޭންތިބި މަދުޔަނުގެ ދެ އަންހެންކުދީންގެ ވާހަކަވެސް ބަޔާން ކުރައްވައިފައިވަނީ މޫސާގެފާނުގެ ވާހަކައިގެ ތެރޭގައެވެ. މޫސާގެފާނު މަދުޔަނަށް ވަޑައިގެންނެވިތަނުން އެރަށުގެ ފެންވަޅު ކައިރީގައި ވަރަށް ގިނަ ބަޔަކު އެބައިމީހުންގެ ޖަނަވާރުތަކަށް ފެންދެމުން ގެންދަނިކޮށް އެކަލޭގެފާނަށް ދެކެވަޑައިގަތެވެ. އެތަނުގެ ތަންކޮޅެއް ދުރުގައި ދެ އަންހެނަކު އެބައިމީހުންގެ ޖަނަވާރުތައް ފެންވަޅު ކައިރިން ދުރައްޖައްސަމުން ގެންދިޔައެވެ. އެއީ އެބައިމީހުންގެ ބަކަރިތަކާއި އެ ދެ އަންހެނުންގެ ބަކަރިތައް އެއްވެ އޮޅިގެން ދިޔުމުން ސަލާމަތް ކުރުމަށްޓަކައެވެ.
މި ދެ އަންހެނުންގެ މި ޢަމަލު ފެނިވަޑައިގެން موسى ގެފާނު އެ ދެ އަންހެނުން އެގޮތަށް ކަންތައް ކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެ ދެ އަންހެނުން ޖަވާބު ދެއްވިއެވެ.
[ޖަނަވާރުތައް ހުއިހައްޕާމީހުން އެއުރެންގެ ޖަނަވާރުތަކަށް ފެންދީ ދުރަށް ހިނގައްޖައުމަށް ދާނދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެތެވެ. އަހުރެމެންގެ ބައްޕައަކީ މިތަނަށް އައިސް އެފަދަކަމެއް ކުރެއްވޭވަރަށްވުރެ އުމުރުން ދުވަސްވެފައިވާ މުސްކުޅިއެކެވެ.]
މިދެންނެވި ވާހަކަތައް ޤުރްއާނުގެ ޤަޞަޞު ސޫރަތުގެ 23 ވަނަ އާޔަތުގައި އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَلَمَّا وَرَدَ مَاءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ النَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ امْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِي حَتَّىٰ يُصْدِرَ الرِّعَاءُ ۖ وَأَبُونَا شَيْخٌ كَبِيرٌ ﴿٢٣﴾
މާނައީ: [އަދި އެކަލޭގެފާނު مدين ގެ ފެންވަޅުގެ ކައިރިޔަށް ވަޑައިގެންނެވިހިނދު، މީސްތަކުންގެ ތެރެއިން ގިނަބަޔަކު (އެއުރެންގެ ޖަނަވާރުތަކަށް) ފެންދެނިކޮށް އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި އެއުރެންނާ ތަންކޮޅެއް ދުރުގައި ދެއަންހެނަކު ތިބެގެން (އެއުރެންގެ ޖަނަވާރުތައް) ދުރަށް ޖައްސާތީ ދެކެވަޑައިގެންނެވިއެވެ. (އެހިނދު) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެމީހުން ތިޔަހެން ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެ ދެ އަންހެނުން ދެންނެވިއެވެ. ޖަނަވާރުތައް ހުއިހައްޕާމީހުން (އެއުރެންގެ ޖަނަވާރުތަކަށް ފެންދީ) ދުރަށް ހިނގައްޖައުމަށް ދާނދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެތެވެ. އަދި އަހުރެމެންގެ ބައްޕައަކީ (އެފަދަކަމެއް ކުރެއްވޭވަރަށްވުރެ) عمر ން ދުވަސްވެފައިވާ މުސްކުޅިއެކެވެ.]
އެ ދެ އަންހެނުންގެ ވާހަކަތައް އިވިވަޑައިގެން موسى ގެފާނު އެ ދެ މީހުންނަށް އެހީތެރިވެވަޑައިގެންނެވިއެވެ. އެދެމީހުންގެ ބަކަރިތައްކަށް ފެންދެއްވިއެވެ. އެއަށްފަހު ގަހެއްގެ ހިޔަލަށް ވަޑައިގެން އިންނަވައި ދުޢާފުޅު ކުރެއްވިއެވެ.
[އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.]{ޤަޞަޞު 24}
އަލް ޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [އެ ދެ އަންހެނުން ބަކަރިތަކަށް ފެންދީގެން އެހެންނާ އަންނަ ދުވަސްދުވަހަށް ވުރެ އަވަހަށް ގެއަށް އައުމުން އެކުދިންގެ ބައްޕަ ވަރަށް ޙައިރާންވިއެވެ. އެދުވަހު މާ އަވަހަށް އާދެވުނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެ ދެ އަންހެނުން ކަންތައް ހިނގައި ދިޔަ ގޮތުގެ ފުރިހަމަ ތަފްޞީލު ބައްޕައަށް އެރުވިއެވެ. ކަންތައް ހިނގައި ދިޔަ ގޮތް އެނގިވަޑައިގެން އެ ދެ އަންހެނުންގެ ބައްޕަ ބޭނުންފުޅުވީ موسى ގެފާނާ ބައްދަލު ކުރެއްވުމަށެވެ. އެގޮތުން އޭގެ ތެރެއިން އެއްކުއްޖަކު موسى ގެފާނު ބަލައިފޮނުއްވިއެވެ.]{ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން ހަތްވަނަ ޖިލްދުގެ 393 ވަނަ ޞަފްޙާ}
އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. [ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ.] ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ހިނދު، އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ. [ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ.] {ޤަޞަޞު 25}
ސައްޔިދު އަބުލް އަޢުލާ މައުދޫދީ ވިދާޅުވެފައިވެއެވެ. [މި ދެންނެވި އާޔަތްތަކުގައި ބަޔާންވެގެންވާ ދެ އަންހެން ކުދިންގެ ބައްޕައާ ބެހޭ ގޮތުން މުސްލިމުންގެ ތެރޭގައި އާންމުވެފައިވަނީ އެބޭކަލަކީ شُعَيْبٌ عَلَيْهِ السَّلَامُ ކަމަށެވެ. ނަމަވެސް ކީރިތި ޤުރްއާނުން މިކަމަށް އެއްވެސް ދަލީލެއް ނުލިބެއެވެ. شُعَيْبٌ عَلَيْهِ السَّلَامُ އަކީ ޤުރްއާނުގައި ނަންގެނެވިގެންވާ ނަބީބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ނަބީބޭކަލެކެވެ. އެ ދެ އަންހެންކުދިންގެ ބައްޕައަކީ، شُعَيْبٌ عَلَيْهِ السَّلَامُ ނަމަ އެކަން ޞަރީޙާކޮށް ޤުރްއާނުގައި ބަޔާން ކުރެއްވީސްކަން ކަށަވަރެވެ. {އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން، ޤަޞަޞު ސޫރަތުގެ 25 ވަނަ އާޔަތުގެ ތަފްސީރު}
އެ ދެ އަންހެނުންގެ ތެރެއިން އެއްކުއްޖަކު ބައްޕައަށް ދެންނެވިއެވެ. [އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ.] އެކުދިންގެ ބައްޕަ ވިދާޅުވިއެވެ. [މޫސާގެފާނަކީ ތިޔަ ސިފަތައް ލިބިވަޑައިގެން ހުންނެވި ބޭކަލެއްކަން ދަރިފުޅަށް އެނގެނީ ކިހިނެތް ހެއްޔެވެ؟] އެކުއްޖާ ދެންނެވިއެވެ. [ދިހަ މީހުންނަށް ނޫނީ އުފުލައި ނުލެވޭވަރުގެ ވަޅުގެ މަތިގަނޑު އެކަލޭގެފާނު އުފުލައިދެއްވިއެވެ. އަޅުގަނޑު އެކަލޭގެފާނު ގޮވައިގެން އައި މަގުމަތީގައި އެކަލޭގެފާނުގެ ކުރިމަތިން އަންނާން ފެށުމުން އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެންގެ ފަހަތުން ކަމަނާ ވަޑައިގަންނަވާށެވެ. އަހަރެންނަށް މަގު އޮޅިގެންދާނަމަ ފަހަތުގައި ހުރެ ދާންވީ މަގާ ދިމާއަށް ގައުކޮޅެއް އެއްލައިލާށެވެ. އޭރު އަހަރެންނަށް ދާންވީ މަގު އެނގިދާނެއެވެ.] {ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން ހަތްވަނަ ޖިލްދުގެ 394 ވަނަ ޞަފްޙާ}
ކޮންމެއަކަސް އެ މުސްކުޅި ޝައިޚު އޭނާގެ ދަރިކަނބަލުން އެދިވަޑައިގެންނެވި ގޮތަށް މޫސާގެފާނު އެބައިމީހުންގެ ބަކަރިތައް ބެލެހެއްޓެވުމާ ޙަވާލުކުރެއްވިއެވެ. މީގެ އިތުރުން އޭނާގެ ދެ އަންހެންކުދީންގެ ތެރެއިން ކުއްޖަކާ މޫސާގެފާނު ކާވެނިފުޅު ކޮށްދެއްވަން ޤަޞްދުކުރައްވާ ވާހަކަ ވިދާޅުވިއެވެ. ޝަރުތެއްގެ މަތީންނެވެ. އެއީ، އަށްއަހަރު ވަންދެން އޭނާއަށް އެކަލޭގެފާނު ޚިދުމަތްކޮށް ދެއްވަން ޝަރުތު ކުރައްވައިފައެވެ. މިކަން ބަޔާން ކުރައްވައި ޤަޞަޞު ސޫރަތުގެ 27 ވަނަ އާޔަތާއި 28 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
قَالَ إِنِّي أُرِيدُ أَنْ أُنكِحَكَ إِحْدَى ابْنَتَيَّ هَاتَيْنِ عَلَىٰ أَن تَأْجُرَنِي ثَمَانِيَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَا أُرِيدُ أَنْ أَشُقَّ عَلَيْكَ ۚسَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّالِحِينَ ﴿٢٧﴾ قَالَ ذَٰلِكَ بَيْنِي وَبَيْنَكَ ۖ أَيَّمَا الْأَجَلَيْنِ قَضَيْتُ فَلَا عُدْوَانَ عَلَيَّ ۖ وَاللَّـهُ عَلَىٰ مَا نَقُولُ وَكِيلٌ ﴿٢٨﴾
މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ދެވުމަށެވެ. އަށްއަހަރު ވަންދެން ތިމަންނާއަށް خدمة ކޮށްދެއްވުމުގެ شرط ގެ މަތިންނެވެ. ފަހެ، ދިހައަހަރު ކަލޭގެފާނު ހަމަކުރައްވައިފިނަމަ، އެއީ ކަލޭގެފާނުގެ ހެޔޮފުޅުކަމެވެ. އަދި ކަލޭގެފާނަށް އުނދަގޫކުރާކަށް ތިމަން ނޭދެމެވެ. اللَّه އިރާދަކުރެއްވިއްޔާ ތިމަންނާއީ صالح ންގެ ތެރެއިންވާ މީހެއްކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އެއީ ތިމަންނާއާ ކަލޭގެފާނާ ދެމެދު އެއްބަސްވީގޮތެވެ. ދެ މުއްދަތުންކުރެ ކޮންމެ މުއްދަތެއް ތިމަން ވޭތިކުރިޔަސް، ފަހެ، ތިމަންގެ މައްޗަކަށް ދެކޮޅުވެރިވުމެއްނެތެވެ. އަދި ތިމަންމެން މި ބުނާބަހުގެ މައްޗަށް اللَّه ހެކިވެވޮޑިގެންވެއެވެ.]
އަންވާރުއް ތަންޒީލު ވަ އަސްރާރުއް ތައުވީލު އޭ ކިޔުނު ފޮތުގައި، ناصر الدين البيضاوي ލިޔުއްވައިފައިވެއެވެ. އެ ދެ އަންހެނުންގެ ތެރެއިން މޫސާގެފާނު ކާވެނި ބައްލަވައިގެންނެވި ބޭކަނބަލަކީ، صفوراء އެވެ. ނުވަތަ صفراء އެވެ. {އިމާމު ބައިޟާވީ، އަންވާރުއް ތަންޒީލު ވަ އަސްރާރުއް ތައުވީލު، ޤަޞަޞު ސޫރަތުގެ 25 ވަނަ އާޔަތުގެ ތަފްސީރު}
މޫސާގެފާނު އެ ޞާލިޙު މުސްކުޅި ޝައިޚްގެ ދަރިކަނބަލުންނާ ކާވެނި ބައްލަވައިގެން މަދުޔަނުގައި ދިހަ އަހަރު ވޭތު ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު އަނބިކަނބަލުންނާއެކު މަދުޔަނު ދޫކުރައްވައި މިޞްރަށް ވަޑައިގެންނެވިއެވެ.