ޢާއިޝަތު ރަފާޙް ޢަލީ
ﷲ ތަޢާލާގެ ޙަޟްރަތުން ރިޒުގު އެދި ދަންނަވާނެ ގޮތްތަކާއި، ރިޒުގު އިތުރުވެ ބަރަކާތްލެއްވުމަށް މަގުފަހިވާ ސަބަބުތަކާ ބެހޭގޮތުން ދީނީ ޢިލްމުވެރިން އަގުހުރި އިރުޝާދުތަކެއް ދެއްވާފައިވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ މާތްﷲއަށް ފުރިހަމައަށް ވަކީލުކުރުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "ތިޔަބައިމީހުން ﷲއަށް ޙައްޤުގޮތުގައި ވަކީލުކޮށްފިނަމަ، އުދުހޭ ދޫނިސޫފާސޫފިތަކަށް ރިޒުގު ދެއްވާ ފަދައިން ތިޔަބައިމީހުންނަށްވެސް ރިޒުގު ދެއްވާނެއެވެ." އެ ދޫނިތައް ހެނދުނު ހުސްބަނޑާ ނިކުމެ، ހަވީރު އެނބުރި ހާއްޔަށް އަންނަނީ ބަނޑުފުރައިގެންނެވެ.
ހަމައެފަދައިން، ތަޤުވާވެރިވުމަކީވެސް ރިޒުގު އިތުރުވުމުގެ އަސާސީ ސަބަބެކެވެ. ﷲއަށް ބިރުވެތިވެ، އެކަލާނގެ އެންގެވި މަގުން ހިނގާ މީހާއަށް، އެކަލާނގެ މަގެއް ދައްކަވައި، އޭނާ ހީވެސް ނުކުރާ ފަދަ ގޮތްގޮތުން ރިޒުގު ދެއްވާނެއެވެ. މީގެ އިތުރުން، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީވެސް ރިޒުގު ތަނަވަސްވާ ކަމެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: "އޭނާގެ ރިޒުގު ތަނަވަސްވުމަށާއި، އޭނާގެ އުމުރުގައި ބަރަކާތްލެއްވުމަށް އެދޭ މީހާ، ރަޙިމުގެ ގުޅުން ދަމަހައްޓާ ހުށިކަމެވެ!"
ދެން އޮތް މުހިންމު ސަބަބަކީ އިސްތިޤާމަތްތެރިކަމެވެ. މީސްތަކުން ސީދާވެގެންވާ ތެދުމަގުގައި ދެމިތިބިނަމަ، އެކަލާނގެ އެބައިމީހުންނަށް ބޯނެ ފެން (ރިޒުގު) ތަނަވަސްކޮށްދެއްވާނެކަން ކީރިތި ޤުރުއާނުން އެނގެއެވެ. އަދި ޝުކުރުވެރިވުމަކީވެސް ރިޒުގު އިތުރުވާ ސަބަބެކެވެ. ﷲ ވަނީ "ތިޔަބައިމީހުން ޝުކުރުވެރިވެއްޖެނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާނަމޭ" ވަޙީކުރައްވާފައެވެ. ނަމަވެސް ހިތާމައަކީ، މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ﷲއަށް ޝުކުރުވެރިވުމުގެ ބަދަލުގައި، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް އިންކާރު ކުރާތީއެވެ. ދުޢާ ކުރުމަކީވެސް ރިޒުގު އިތުރުވުމަށް އޮތް ބާރުގަދަ ވަސީލަތެކެވެ.
މިއީ ރިޒުގު އިތުރުވާ ސަބަބުތަކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިޒުގު އިތުރުވުމަކީ ސީދާ އޭގެ އަދަދު ގިނަވުމެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އޭގެ މާނައަކީ ރިޒުގުގައި ބަރަކާތްލެއްވުމެވެ. އޭރުން އެ މަދު މިންވަރުންވެސް ބޮޑެތި ބޭނުންތައް ފުދި، އޭގެ ފައިދާ ފުރިހަމައަށް ކުރާނެއެވެ. މިއީ އަޅުގަނޑުމެންނަށް ފެންނަން އޮތް ޙަޤީޤަތެކެވެ. ބައެއް ފައިސާގައި ﷲ ބަރަކާތް ލެއްވުމުން އޭގެއިން އެތައް ކަމެއް ކުރެވޭއިރު، ބަރަކާތް ނެތް ފައިސާ ކިތަންމެ ގިނަޔަސް ވަރަށް އަވަހަށް ހުސްވެގެންދެއެވެ.
ކޮންމެއަކަސް، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ: "އަދި ތިޔަބައިމީހުންގެ ރިޒުގާއި، ތިޔަބައިމީހުންނަށް ވަޢުދުކުރައްވާ ކަންތައްތައް ވަނީ އުޑުގައެވެ." ﷲ އަޅުގަނޑުމެން އެންމެންނަށް ޙަލާލު ތަނަވަސް ރިޒުގު މިންވަރުކުރައްވާށިއެވެ. އާމީން.
- ޝައިޚް އުޘްމާން އަލްޚަމީސްގެ ދަރުސަކުން
- މިއަދުނޫސް