"މީސްތަކުންނަށް ރަޙުމްނުކުރާ މީހަކަށް ﷲ
ރަޙުމް ނުކުރައްވަވާނެތެވެ."
މިޙަދީޘްފުޅުގައި އައިސްފައިވަނީ ވަކިމީހެއްގެ ވާހަކައެއް ނޫނެވެ. "އައްނާސް" އެވެ. އެއީ ހުރިހާ އެންމެންނެވެ. އެންމެހައި މީސްތަކުންނެވެ. ވީމާ ވަކިމީހަކު ދޫކޮށްލައިގެންވާކަށް ނެތެވެ. އެންމެންނަށް ރަޙުމްކުރަން އެބަޖެހެއެވެ.
ވަރަށް އާދައިގެ ވާހަކައަކުން ފަށާނަމެވެ. ތަނެއްގައި އިށީނދެވަޑައިގެންނެވިނަމަވެސް ޞަޙާބީން އިސްކަން ދެއްވެވީ އެހެން މީހުންނަށް ޖާގަދެއްވެވުމަށެވެ. އެއްޖާގައަށްވުރެ ބޮޑުކޮށް ނުނަންގަވައެވެ. އަދި ދިރިއުޅުއްވެވުމުގެ ކޮންމެ ކަމެއްގައިވެސް ކުރިއަށް ނެރުއްވެވީ އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވެވުމެވެ. ވީމާ އެހެން މީހުންނަށް ހެޔޮކޮށްހިތުމާއި ރަޙުމްކުރުމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެ އެންމެ މުހިންމު އެއްސިފައެވެ.
މީސްތަކުންނޭވެ! އެހެން މީހުންނަށް ރަޙުމްކުރާށެވެ. ޚާއްޞަކޮށް މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި އަނބިދަރިންނަށް ރަޙުމްކުރާށެވެ. އެންމެންނަށް ރަޙުމްކުރާށެވެ. ހަމައެކަނި މިޙަދީޘްފުޅަށް ބަލައިލިނަމަވެސް އެކަމުގެ މުހިންމުކަން އެނގިގެން އެބަދެއެވެ.
މީސްތަކުންނޭވެ! އެހީތެރިވާންވީ، ހެޔޮކޮށް ހިތަންވީ، ރަޙުމްކުރަންވީ ތިމާ ޤަބޫލުކުރާ ގޮތް ޤަބޫލުކުރާ މީހުންނަށް އެކަންޏެއް ނޫނެވެ. ކޮންމެ މީހަކީވެސް މުޅިން ތަފާތު މީހެކެވެ. އެންމެ ކުޑަމިނުން އެއްމާބަނޑު ދެމީހުންނަށް ބެލިނަމަވެސް ތަފާތުތަކެއް ހުންނާނެއެވެ. ހުރިހާ ކަންކަމުގައި އެއްގޮތެއް ނުވާނެއެވެ. އެހެނީ ކޮންމެ މީހަކުވެސް އުފައްދަވާފައިވަނީ ތަފާތު މީހެއްގެ ގޮތުގައެވެ. ވީމާ ކޮންމެ ދެމީހެއްގެ މެދުގައިވެސް ތަފާތުތަކެއް ހުންނާނެއެވެ. ޖެހޭނީ އެކަން ޤަބޫލުކުރާށެވެ.
އެންމެ ފުރަތަމަ އަމިއްލަގޭތެރެއިން ފަށާށެވެ. ދެން އަވަށްޓެރިންނަށެވެ. ދެން އެންމެންނަށެވެ. އެންމެހައި މީސްތަކުންނަށް ރަޙުމްކުރާ މީހަކަށް ﷲ ރަޙުމްކުރައްވަވާނެތެވެ. ދުޢާއަކީ އަހަރެމެން އެންމެންނަކީ ﷲ ތަޢާލާ ރަޙުމްކުރައްވަވާ މީހުން ކަމުގައި ލެއްވެވުމެވެ.
-މުފްތީ މެންކުގެ ދަރުސަކުން
--މިއަދުނޫސް