އަބަދުވެސް މައިންބަފައިން އުފަލުގަ ބައިތިއްބަން މަސައްކަތްކުރުމަކީ އެމީހެއްގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވައި ކާމިޔާބުމިންވަރުކުރައްވަވާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އަބަދުވެސް މައިންބަފައިން އުފަލުގަ ބައިތިއްބަން މަސައްކަތްކުރުމަކީ އެމީހެއްގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވައި ކާމިޔާބުމިންވަރުކުރައްވަވާނެ ކަމެއް! އިން ޝާ ﷲ


ތިބާ ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ ދުވަހަކުވެސް ކުރާ އެއްކަމަކީ ތިމާގެ މައިންބަފައިންގެ މޫނަށް ހިނިތުންވުން ގެނެސްދިނުން ކަމުގައި ނިކަން ހަދައިބަލާށެވެ! ކުރަން މަސައްކަތްކޮށްފިނަމަ އެއީ ނުކުރެވޭނެވަރުގެ ބޮޑުކަމެއް ނޫނެވެ. ވަރށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. ސަބަބަކީ މައިންބަފައިން އަބަދުވެސް ތިބޭނީ ދަރިންނާއިމެދު ފަޚުރުވެރިވެ ހިނިތުންވާހިތުން ކަމުގައި ވާތީއެވެ!   

ހަދިޔާއެއް ދީގެންވެސް، ހަދިޔާއެއް ނުދީ ފިރުމާލައިގެންވެސް، އަދި އޯގާތެރިކަން ފޯރުކޮށްދިގެން ނަމަވެސް އެހީތެރިވެދީގެން ވެސް މައިން ބަފައިންގެ ކިބައިން ހިނިތުންވުން ހޯދިދާނެއެވެ. އަދި ކީއްހެއްޔެވެ؟ އެމީހުން އުފާވާނެ ބަހެއް ބުނި ނަމަވެސް ހިނިތުންވާނެއެވެ.  

ރަނގަޅަށް ވިސްނައިލާށެވެ! ތިބާ ތިބާއަށް ހެދުމަށްޓަކައި ޤްރްބާންވި މައިންބަފައިން މިއަދު އެތިބީ ތިބާގެ އެހީތެރިކަމަށް އެދިއެދިއެވެ. އެއީ ތިބާއަށް ލިބިފައިވާ ރަނުގެ ފުރުޞަތެވެ. ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއިއެކު މައިން ބަފައިންނަށް އެހީތެރިވެ، މައިން ބަފައިންނަށް ޚީދުމަތްކުރުމަކީ ހަމަ ޖިހާދުކުރުން ފަދަ މަތިވެރި އަމަލެކެވެ.

މައިން ބަފައިންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ނުލިބި އެތިބީ ކިތައް މިލިއަން މީހުން ހެއްޔެވެ؟ ކުރީގައި މައިން ބަފައިން މަރުވެފައިވުމުންނެވެ. ތިބާއަށް އެ ފުރުޞަތު ދެއްވެވި ކަމަށްޓަކައި ޝުކުރުވެރިވާ މީހުންގެ ތެރޭގައި ހިމެނޭށެވެ. ނުހަނު ފަސޭހަކަމާއިއެކު ސުވަރުގެ ވަނުމަށް ލިބިފައިވާ ރަނުގެ ފުރުޞަތު ނަގައިނުލާށެވެ.

ރަމަޟާން މަސް މިހައިތަނަށް އައިއިރު އަމިއްލަ މައިން ބަފައިން ލޮލުން ނުދެކޭ ކިތައް މީހުން އެބަތިބި ހެއްޔެވެ؟ އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދޭ ކިތައް މީހުން އެބަތިބި ހެއްޔެވެ؟ އެކަމަކު އެބަ ރޯދަވެސް ހިފަމުއެވެ. ސުވަރުގެ ލިބުމަށްވެސް އެދެމުއެވެ. ﷲ ތަޢާލާގެ ރުހި ވޮޑިގަތުން ލިބުމަށްވެސް އެދެމުއެވެ.

ވީމާ ކޮންމެ މީހަކުވެސް މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަކީވެސް އަދާކުރަންޖެހޭ ވާޖިބެއްކަން ޤަބޫލުކުރާށެވެ! އަދި އެއީ ނުހަނު މަތިވެރި ސަވާބު ލިބެނިވި އަޅުކަމެއް ކަމަށް ހިތުގެ އެންމެ އަޑިން ޤަބޫލުކުރާށެވެ. މައިން ބަފައިންނަށް ލޯބި ދީ ހެޔޮކޮށް ހިތަން އަމުރު ކުރެއްވެވީ ހަމަ އެހެން ހެޔޮ އަމަލުތައް ކުރުމަށްވެސް އަމުރުފުޅު ކުރެއްވެވި ﷲ ތަޢާލާކަން ހަނދާން ނައްތައިނުލާށެވެ! 

އަޖުމަ ބަލައިލަންވެސް ތިބާއަކީ ކޮންމެ ދުވަހަކު އެންމެ ފަހަރަކު ނަމަވެސް މައިންބަފައިންގެ މޫނަށް ހެޔޮ ހިނިތުންވުން ގެނެސްދޭ މީހަކަށްވެ ބަލާށެވެ! އެކަމުގެ ފައިދާ ތިބާ ކުރާ ކޮންމެ ކަމަކުން ވެސް ފެންނާނެއެވެ. އިންޝާ ﷲ 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން