ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި ލޯބި އެންމެ ރަނގަޅު ގޮތުގަ ދެމެހެއްޓުމަށްޓަކާ ދެމަފިރިން އެކަކު އަނެކަކަށް ލޯބިވާ ވާހަކަ ބުނުމާ ތަޢުރީފު ކުރުމަކީ ކުރަން ވަރަށް ރަގަޅު ކަމެއް!
ދެމީހުންގެ ދިރިއުޅުން އުފާވެރި ކުރުމަށްޓަކައި އެކަކު އަނެކަކަށް ތަޢުރީފު ކުރުމަކީ މުހިންމު ކަމެއް! ބައްލަވާ އިސްލާމްދީނުގާ ހުއްދަދެއްވާފަ މިވަނީ އެއީ އެކަން އޮންނަ މިންވަރަށް ވުރެންވެސް ބޮޑުކޮށް ބުނުމަށް! ބޮޑުކޮށް ބުނިކަމުގާވިޔަސް އެއީ ދޮގަކަށް ނުވާގޮތަށް!
މިސާލަކަށް ފިރިމީހާ އޭނާގެ އަނބިމީހާދެކެ ތިޔަހާ ރީތި އަންހެނަކު ނުދެކެމޭ ބުނުމަކީ އަނބިމީހާގެ ހިތަށް ހިތްހަމަޖެހުން ލިބޭ ކަމެއް! ފަހަރެއްގާ އެވެދާނެ ޙަޤީޤަތްނޫން ކަމަށް! އެހެންވިޔަސް އެއީ ދޮގެއްގެ ގޮތުގާ ﷲ ތަޢާލާ ނުލިޔުއްވަވާނެ! އެހެންވީމާ އެފުރުޞަތު ދެއްވާފަ އެއޮންނަނީ ދެމީހުންގެ އުފާވެރިކަން ކުރިޔަށް ގެންދިއުމަށްޓަކާ،
އެހެންވީމާ ބައެއްކަހަލަ މުޢާމަލާތްތަކުގާ ހަމަސީދާ ނުކުތާއިން ނުކުތާއަށް ނޫނަސް އެފުރުޞަތު ދެއްވާފަ އެއޮތީ އެއީ ޒަވާޖީ ޙަޔާތެއް ކުރިޔަށް ގެންދިއުމަށްޓަކާ. އެހެންވީމާ މިނުކުތާއަކީވެސް އަޅުގަނޑުމެން ދިރިއުޅުމެއް އުފާވެރި ކުރަންޏާ ވަރަށް މުހިންމު ކަމެއް. އެކަކު އަނެކަކު ލޯބިވާ ވާހަކަ ގާތްކަން އެއިޙްޞާސް ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އެކަކު އަނެކެއްގެ އިޙްޞާސްތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް.
ރަސޫލާ ﷺ ވަރަށް ގާތުން ޢާއިޝަތުގެފާނުގެ އިޙްސާސްތައް ދެނެވަޑައިގަންނަވާ އެހެންވެގެން އެއްދުވަހެއްގާ ވިދާޅުވަނީ ތިމަންކަލޭގެފާނަށް އެގިވަޑައިގަންނަވައޭ ކަމަނާ ތިމަންކަލޭގެފާނު ދެކެ ހިތްޕުޅާ ނުވެފަހުންނަ ވަޤުތު. އެކަމަނާ ދަންނަވަނީ ކިހިނެއްތޯއޭ ކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ؟ ޙަދީޘް ކުރެއްވިއޭ ކަމަނާ ތިމަންކަލޭގެފާނު ދެކެ ހިތްޕުޅާ ނުވެފަ ހުރެއްޖިއްޔާ ހުވާ ކުރައްވާއިރުގާ، ޢަރަބިންނަކީ ވަރަށް ގިނައިން ހުވާކުރާ ބައެއް ހުވާކުރައްވާ އިރުގާ ކަމަނާ ވިދާޅުވާނީ لاَ وَرَبِّ إبْرَاهِيْم އިބްރާހީމްގެފާނު ރައްބު ގަންދީ ހުވާކުރަމޭ، އެކަމަކު ކަމަނާ ތިމަންކަލޭގެފާނު ދެކެ ހިތްޕުޅާވެފަ ހުންނަ ގަޑީގާ ކަމަނާ ވިދާޅުވަނީ وَرَبِّ مُحَمَّد މުޙައްމަދުގެ ފާނުގެ ރައްބު ގަންދީ ބުނަމޭ،
ހަމަ އެއްކަމެއް މިކުރަނީ ހުވާމިކުރަނީ ﷲ ގަންދީ ނަބިއްޔާ ﷺ މިވާހަކަ ބަޔާން ކުރެއްވީމާ އެކަމަނާ ވިދާޅުވަނީ އާދޭހޭ! ﷲގެ ނަބިއްޔާއޭ ކަލޭގެފާނުދެކެ ހިތްޕުޅާ ނުވެފާހުންނަ ގަޑީގާ ހަމައެކަނި ކަލޭގެފާނުގެ ނަންފުޅު ބޭނުންނުކުރުން ނޫން އެހެން އެއްވެސް ކަމެއް ތިމަންކަމަނާ ނުކުރަމޭ! އެހެންވީމާ މީ ރަގަޅު ފިރިއެއްގެ ކިބައިގައި ހުންނަންޖެހޭ ކަމެއް ޒަވާޖީ ޙަޔާތް ކުރިޔަށް ގެންދިއުމަށްޓަކައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާ ލޯބިވުމާ ނަފްސާނިއްޔާތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން