އަޅުގަނޑުމެން މަސައްކަތް ކުރަންވީ ޤުރުއާނުގެ އަހުލުވެރިއަކަށް ވުމަށްޓަކައި، އަޅުގަނޑުމެން މިހާރު ދަސްކޮށްފަ ހުންނަބައި އިތުރަށް މުރާޖަޢާކޮށް އިތުރަށް ދަސްކުރަން. އެއީ އަޅުގަނޑުމެން މި އިތުރަށް ދަސްކުރަން މި ޖެހެނީ، އެއީ ޤިޔާމަތް ދުވަހުން އެމީހެއްގެ ދަރަޖަ އުފުލުމަށްޓަކައި.
އެހެންވީމަ އުމުރުން ދުވަސްވިޔަސް ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް ހިތުދަސް ކުރެވޭނެ. ރާއްޖޭގައިވެސް އެބަތިބި ޤުރުއާން އުމުރުން ދުވަސްވީ މީހުންވެސް ޤުރުއާން ދަސްކޮށްފަ. އެހެންވީމަ ކީރިތި ޤުރުއާން އަޅުގަނޑުމެން ދަސްކުރުމަށްޓަކައިވެސް އަޅުގަނޑުމެން ހިތަށް އަރުވަންވީ މި ވާހަކަތައް.
އެހެންވެ އަޅުގަނޑުމެން މި ހެޔޮކަމެއް ކުރުމަށްޓަކައި އަޅުގަނޑުމެން ނިޔަތް ގަންނަ ހިސާބުން އަޅުގަނޑުމެންނަށް އެބަ ލިބޭ ސަވާބު. ކީރިތި ޤުރުއާން އަޅުގަނޑުމެން ހިތުދަސްކުރުމަށްޓަކައި ނިޔަތް ގަންނަންވީ، އަދި އެކަން ޙާޞިލްނުކުރެވުނު ކަމުގައި ވިޔަސް.
އެހެންމަ އިސްލާމްދީނުގައި އަޅުގަނޑުމެން ހެޔޮކަމެއް ކުރުމަށް ނިޔަތް ގަތުމުން އެބަ ލިބޭ ސަވާބު. އަދި އެކަމެއް ކޮށްފިއްޔާ އިތުރަށް އެބަ ސަވާބުލިބޭ. އެކަމު ނުބައި ކަމެއް ކުރުމަށް އަޅުގަނޑުމެން ނިޔަތް ގަތަކަސް އަދި އަޅުގަނޑުމެންނަށް ފާފައެއް ނުވެއް ލިޔުއްވޭނެ، އަޅުގަނޑުންމެ އެކަމެއް ނުކުރާ ކަމަށް ވަންޔާ.
ކީރިތި ޤުރުއާން ދަސްކުރުމަށް އަޅުގަނޑުމެން ނިޔަތް ގަންނަންވީ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން މަސައްކަތް ކުރަންވީ ވީހާވެސް ގިނަ ހެޔޮ ކަންތައްތައް ކުރުމަށްޓަކައި. އެންމެ ގިނައިން އެންމެ ފަސޭހައިން އަޅުގަނޑުމެންނަށް އެންމެ ބޮޑު ދަރުމައެއް ލިބޭ އެއް ކަމަކީ ކީރިތި ޤުރުއާން ކިޔެވުން. އެހެންވީމަ މި ވާހަކަތައް އަޅުގަނޑުމެން އަމިއްލަ ނަފްސައްވެސް ހަނދާން ވުމަށްޓަކައި، ހަނދާން ކުރަންވީ. އަދި އަޅުގަނޑުމެންގެ ދަރީންނަށްވެސް އަދި އެހެން މީހުންނަށްވެސް ކިޔައިދޭންވީ ޤުރުއާނުގެ އަހުލުވެރިއަކަށް ވާށޭ.
އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ނަމާދާއި މި ކީރިތި ޤުރުއާނާ އަޅުގަނޑުމެން ދޫކޮށްލައިފިއްޔާ، އަޅުގަނޑުމެންނެކޭ އަދި މުސްލިމް ނޫން މީހެކޭ އެއްވެސް ތަފާތެއް ނޯންނާނެ.
ހަމަ ކޮންމެ ދުވަހަކުވެސް އެމީހެއްގެ އަމިއްލަ ޝެޑިއުލް ގައި އެމީހެއްގެ އަމިއްލަ އެ ދުވަސް ހޭދަކުރާ ގޮތަކަށް ހަމަ ހެނދުނު ހޭލައިގެން މަސައްކަތް ކުރުމަށްފަހު އެގޮތަށް ދާނީ. އަޅުގަނޑުމެން މި ތަފާތު ވަނީ ކީރިތި ޤުރުއާނާއި އަދި ނަމާދުން. އެހެންވީމަ އަޅުގަނޑުމެންގެ ދަރިންނަށްވެސް އަޅުގަނޑުމެން މި ވާހަކަތައް ކިޔައިދޭންވީ. ބައްޕަ މަންމަ ނުބުންޏަސް އަމިއްލައަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ތިކުދިންނަށް ޤިޔާމަތް ދުވަހުން އެއްވެސް މީހަކަށް އަނެއް މީހަކަށް އެއްވެސް ކަމެއް ނުވެއް ކޮށްދެވޭނެ.
އެހެންވީމަ އަމިއްލައަށް އެމީހަކު ނަރަކައިން ސަލާމަތް ވުމަށްޓަކައި އަދި ސުވަރުގޭގައި މަތީ ދަރަޖަ ހޯދުމަށްޓަކައި ޤުރުއާނުގެ އަހުލުވެރިއަކަށް ވާންވީ. އަޅުގަނޑުމެންނަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ ބައެއް. އެހެންވީމަ އަދި އިތުރަށް އަޅުގަނޑުމެން މަސައްކަތް ކުރުމަށްޓަކައި މި ޙަދީޘްތައް އަޅުގަނޑުމެން ހަނދާނަށް ގެންނަންވީ.
ދުޢާ އަކީ، އަޅުގަނޑުމެން އެންމެންނަކީވެސް ކީރިތި ޤުރުއާނަށް ލޯބިކުރާ އަދި ކީރިތި ޤުރުއާން ހިތުދަސްކުރާނެ ބައެއް ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެންގެ ދަރިންނަކީވެސް ކީރިތި ޤުރުއާން ހިތުދަސްކޮށް ކީރިތި ޤުރުއާނުގެ އަހުލުވެރިންނަށް ވުން.
- ޝައިޚް އަޙްމަދު އަޙްޞަންގެ ދަރުސަކުން