ޖެހިފައިވާ ބަލިން ގަދަނުވާނެކަމަށް ޑޮކްޓަރު ބުނުމަކީ ލައްވަވާ އެންމެ ބޮޑު ރަޙްމަތް! އެއީ ސުވަރުގެ ވަންނަން ދެއްވަވާ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ޖެހިފައިވާ ބަލިން ގަދަނުވާނެކަމަށް ޑޮކްޓަރު ބުނުމަކީ ލައްވަވާ އެންމެ ބޮޑު ރަޙްމަތް! އެއީ ސުވަރުގެ ވަންނަން ދެއްވަވާ ފުރުޞަތެއް!

ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޓެސްޓައް ހެދުމަށްފަހު ބަލިން ގަދަނުވާނެ ކަމަށް ޑޮކްޓަރު ބުނެފާނެއެވެ. އެޙާލަތުގައި ގިނަ ބައަކަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިގެންދެއެވެ. ދާދި އަވަހަށް ދުނިޔެއާއި ވަކިވާންޖެހޭނެކަން ޤަބޫލުކުރެވޭތީއެވެ.  

ޒުވާނަކަށް ބޮޑު ބައްޔެއްޖެހި ދެން ގަދަނުވާނެކަމަށް ޑޮކްޓަރު ބުނުމުން އޭނާދިއައީ ދެވަނަ ޑޮކްތަރުގެ ގާތަކަށް ނޫނެވެ. މިސްކިތުގެ އިމާމްގެ ގާތަށެވެ. ގޮސް އެވާހަކަ ކިޔައިދިނުމުން އިމާމް ބުނީ މާޔޫސްނުވުމަށެވެ. ޑޮކްޓަރުން އެހެން އެބުނަނީ ޓެސްޓްތަކުގެ ނަތީޖާއަށް ބަލައެވެ. ނަމަވެސް ތިބާ މަރުވާނެ ވަޤުތު ކަނޑައަޅުއްވަވާނީ ﷲ ތަޢާލާއެވެ.  

އެހެން ބުނެފައި ޝިފާއަށް އެދިގެން ކުރަންވީ ކަންކަން ކިޔައިދިނެވެ. އެތައް ބައިވަރު ކަންކަމެވެ. އެއިގެ ތެރެއިން ޒުވާނާއަށް އެންމެ ބޮޑު ހިތްވަރެއްލިބި އުފާވެރިކަން ލިބުނު ވާހަކަ ބުނެލާނަމެވެ.  

"ދަރިފުޅާއެވެ! ކަންބޮޑުނުވާށެވެ! އެއްވެސް ބޮޑު ބައްޔެއް ނުޖެހި މަރުވާ މީހުންވެސް މަދެއްނޫނެވެ. ބޮޑެތި ބަލިތައްޖެހި ފުރާނައާ ހަނގުރާމަކުރަމުންދަނިކޮށް ޝިފާލިބޭ މީހުންވެސް މަދެއްނޫނެވެ. އަދި މާބޮޑަށް ސީރިއަސްނުވެ ޝިފާލިބޭ މީހުންވެސް މަދެއްނޫނެވެ. މިއިން ކޮންމެ ޙާލަތެއްވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާއެވެ.  

މިހެންވެސް ވިސްނާށެވެ! ކުއްލިއަކަށް މަރުވާ މީހުންނަށް އޮންނަނީ ތައުބާވެސް ނުވެވިފައެވެ. ދަރިފުޅު އަދިތިއަހުރީ ސަލާމަތުންނެވެ. އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފަށާށެވެ! ތިއައީ އެކަމަށް ދަރިފުޅަށް ދެއްވެވި ފުރުޞަތެވެ.  

އަދި މިހެންވެސް ވިސްނާށެވެ! ކޮންމެ މީހަކީވެސް ކޮންމެވެސް ދުވަހަކުން މަރުވާނެ މީހެކެވެ. އެކަމަށް ގިނަބައަކު ވިސްނައެއް ނުލައެވެ. މަރުވަނީ ފާފަކުރަމުން ދަނިކޮށެވެ. އަދި ބަލިން ޝިފާލިބޭ މީހުންވެސް ޢުމުރުހަމަވުމުން މަރުވާނެއެވެ. އެއިގެ ބަދަލުގައި ދަރިފުޅު ތައުބާވެ ހެޔޮޢަމަލުތައް ކުރަންފަށާތަނުން މަރުވުމަކީ މައްސަލައެއް ނޫނެވެ. އެއީ އެންމެ އުފާވެރިވެސް ގޮތެވެ. ސަބަބަކީ އެއިރުން މަރުވުމުން ތިބާގެ ފުރާނައަށް ޝިފާދެއްވަވާނެއެވެ. (ފާފަފުއްސަވައި ސުވަރުގެ ވައްދަވާނެތެވެ.) އެންމެ ބޮޑު އުފާވެރިކަމެއް ލިބެން އޮތީ އެޝިފާއިންނެވެ. (ފާފަތައް ފުއްސަވައި ސުވަރުގެ ވެއްދެވުމުންނެވެ.)"  

އެޒުވާނާ ބުނެފައިވަނީ އިމާމުގެ އެވާހަކޮޅު އަޑުއިވުނު ވަޤުތުން ފެށިގެން ޝިފާނުލިބި މަރުވެދާނެކަމާއިމެދު ނުވެސް ވިސްނާކަމަށެވެ. ހުރީ ހިތްހަމަޖެހިގެން އުފަލުގައި ކަމަށެވެ. ކުރެވުނުހައި ހެޔޮކަމެއް ކުރަމުން ގެންދިއައީ ކަމަށެވެ.  

އެއީ އޭނާގެ ޢުމުރުން އެންމެ 28 އަހަރުގައެވެ. މިހާރު އޭނާގެ ޢުމުރަކީ 35 އަހަރެވެ. އެހެންވީމާ ދާދިއަވަހަކަށް މަރެއްވެސް ނުވިތާއެވެ. މިހާރުވެސް ހަމަގަދަފަދައެވެ.  

އަހުރެން ބުނާނީ އިމާމް އެބުނެދިނީ ބައްޔެއްގައި ޑޮކްޓަރުން އުންމީދުކަނޑައިލާ މީހުންނަށް ދެވޭނެ އެންމެ އަގުހުރި ނަޞީޙަތް ކަމަށެވެ.  

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  

- މިއަދުނޫސް

މިއަދު އޮންލައިން