ޤުރްއާނުގެ ފުރިހަމަ ފައިދާއާއި ޘަވާބު މިންވަރުކޮށްދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެއް!: ޝައިޚް ބިލާލް އައްސަދު

ކިޔުމަށް ހޭދަވާނީ 2މ
ޤުރްއާނުގެ ފުރިހަމަ ފައިދާއާއި ޘަވާބު މިންވަރުކޮށްދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެއް!: ޝައިޚް ބިލާލް އައްސަދު

ޢާއިޝަރު ރަފާޙް ޢަލީ

 

އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް ބަރަކާތާއި މަތިވެރިކަން މިންވަރުކޮށްދެއްވާށެވެ. ކީރިތި ޤުރުއާނަކީ އަޅަމެންގެ ހިތްތަކުގެ ބަހާރު ކަމުގައި ލައްވައި، އަޅަމެންގެ ހިތްތަކުގެ ނޫރުކަމުގައި ލައްވާށެވެ. އަދި އެއީ އަޅަމެންގެ ހިތާމަތަކާއި ފިކުރުތަކަށް އޮތް ފަރުވާއެއް ކަމުގައި ލައްވާށެވެ. އަޅަމެންނަށް އިލާހީ ރުހިވޮޑިގަތުމުގެ މަގު ދައްކަވައި، ދާއިމީ ނިޢުމަތުގެ ސުވަރުގެއަށް ވައްދަވާށެވެ. 

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ އެ ފޮތުގެ ޛަރީޢާއިން އަޅަމެންނަށް ހަނދާންކޮށްދެއްވައި، އެހީތެރިވެވޮޑިގެންދެއްވަވާށެވެ! އަދި އަޅަމެންނަށް ނޭނގޭ ކަންކަން އެ ފޮތުން އުނގަންނައިދެއްވަވާނދޭވެ! އެ ފޮތް ކިޔެވުމުގެ ތައުފީޤާއި އޭގެ ފޮނިކަން އަޅަމެންނަށް ދެއްވައި، އިބަ އިލާހު ރުހިވޮޑިގަންނަވާ ފަދައިން އެ ފޮތަށް ޢަމަލުކުރުމުގެ ހެޔޮނަސީބު ދެއްވާށިއެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެ ފޮތުގެ ޙަލާލު ކަންތައްތަކަށް ބޯލަނބައި، ޙަރާމް ކަންތައްތަކުން ދުރުހެލިވާ ބަޔަކު ކަމުގައި އަޅަމެން ލައްވަވާނދޭވެ! އެ ފޮތުގެ ޝަރީޢަތަށް ފުރިހަމައަށް ތަބާވާ ބަޔަކު ކަމުގައި އަޅަމެން ލައްވާށެވެ. އެ ފޮތުގެ ބަރަކާތުން ޤިޔާމަތް ދުވަހު އަޅަމެންގެ މޫނުތައް އަލިކޮށްދެއްވައި، އަޅަމެންގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދެއްވަވާނދޭވެ! ޖާހިލުކަމުގެ އަނދިރިން މިންޖުކުރައްވައި، މަގުފުރެދުމުން ސަލާމަތްކުރައްވައި، ސީދާވެގެންވާ މަގަށް އަޅަމެންނަށް މަގުދައްކަވާނދޭވެ! 

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ އިލާހުގެ ފޮތާއި ބަސްފުޅުން އަޅަމެންނަކީ ފުދުންތެރި ބަޔަކު ކަމުގައި ލައްވަވާނދޭވެ!! ކީރިތި ޤުރުއާނުން އަޅަމެންނަށް ބަރަކާތް ލައްވަވާނދޭވެ! ރޭދުވާލު އެ ފޮތް ކިޔެވުމުގައި އަޅަމެންނަށް މަގުފަހިކޮށްދެއްވަވާނދޭވެ! ޤުރުއާނުގެ ހިދާޔަތުން އަޅަމެން ނިޢުމަތުގެ ސުވަރުގެތަކަށް ވާޞިލުކޮށްދެއްވަވާނދޭވެ!

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެ ފޮތަކީ އަޅަމެންނަށް ފަހިވާނޭ ޙުއްޖަތެއް ކަމުގައި ލައްވަވާނދޭވެ! އަދި އަޅަމެންނާ ދެކޮޅަށް އޮތް ޙުއްޖަތެއް ކަމުގައި ނުލައްވަވާނދޭވެ! އަޅަމެންގެ ހިސާބުކިތާބު ފަސޭހަކޮށްދެއްވައި، ޙަލާލާއި ޙަރާމް ވަކިކޮށް އުނގަންނައިދެއްވަވާނދޭވެ! އަދި ޢިލްމާއި، ޞާލިޙު ޢަމަލާއި، އިޖާބަވާނޭ ދުޢާ އަޅަމެންނަށް މިންވަރުކުރައްވަވާނދޭވެ! އާމީން. 

- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން 

- މިއަދުނޫސް

 

                   

 

މިއަދު އޮންލައިން