ޢަލީ އިޙްޞާން ފިރާޤް
ޔަހޫދީންނަކީ މޫސާގެފާނަށް ތަބާވެ ތައުރާތަށް އީމާންވި މީސްތަކުންނެވެ. އަދި މިހާރުވެސް ތައުރާތަށް އީމާންވެގެން އުޅޭކަމަށް ދައުވާކޮށް އުޅޭ މީހުންނެވެ. ޔަހޫދީންވަނީ އެބައިމީހުން މުޤައްދަސް ކޮށްގެން ގެންގުޅޭ ތައުރާތު އެތަށް ގޮތަކަށް ބަދަލުކޮށްފައެވެ. އޭގައިވާ ޙުކުމްތަކާއި އާޔަތްތަށް އޮޅުވާލާފައެވެ. މިހާރު ތައުރާތޭ ކިޔައިގެން އެބައިމީހުން ގެންގުޅޭ ފޮތަކީ އަމިއްލަ އަތްތަކުން ބަދަލުގެނެސް ހަދާފައިވާ "މަސްހުނި ރުނބަ" އެކެވެ.
މޫސާގެފާނުގެ ޝަރީޢަތުގައި ހޮނިހިރު ދުވަހަކީ ޚާއްޞަ އިމްތިޔާޒީ މަޤާމެއް ދެއްވައިފައިވާ ދުވަހެކެވެ. އިސްލާމީ އުއްމަތަށް ހުކުރު ދުވަސް ޚާއްޞަ ކުރައްވައި މާތް ކުރެއްވި ފަދައިން ޢައްޔަން ކުރެވިފައިވާ ދުވަހެކެވެ. އެ ދުވަހު އެބައިމީހުން ތައުރާތު ކިޔަވާ ހަދައެވެ. މާތްﷲ ހަނދުމަކޮށް ޒިކުރުކޮށް ހަދައެވެ. އިލާހީ އަމުރުފުޅުގައިވާ ފަދައިން އެބައިމީހުން އެދުވަސް ޚާއްޞަ ކޮށްފައިވަނީ އަޅުކަން ކުރުމަށެވެ.
ޔަހޫދީންގެ ތާރީޚުގެ ޞަފްޙާތަށް ނިއުޅާލުމުން ފެންނަނީ ކަޅުކަމެވެ. އަނދިރިކަމެވެ. އެބައިމީހުންގެ ފަސްބައިވަނީ ނަބީބޭކަލުންގެ ލޭފޮދުން ތަތްތެޅިފައެވެ. ޔަހޫދީންވަނީ އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ވަރަށް ގިނަ ނަބިއްޔުންނާއި ރަސޫލުން ޤަތުލުކޮށްފައެވެ. ނުހަނު އިހާނެތި ގޮތްގޮތުންނެވެ. މިދެންނެވި ވާހަކަތަކީ ކީރިތި ޤުރުއާނުގައި ޞަރީޙަ ޢިބާރާތުން ބަޔާންވެގެންވާ ވާހަކަތަކެކެވެ.
މިފަދަ އަގަލެއް ސަގަލެއް، އަދަބެއް ސަދަބެއް ނެތް ބަޔަކަށް އަރަހުށި މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ދުވަހެއްގެ ޙުރުމަތް ކަނޑާލުމަކީ ނުހަނު ކުޑަކަމެވެ. ކޮންމެއަކަސް ޔަހޫދީންގެ ތެރެއިން ހޮނިހިރު ދުވަހުގެ ޙުރުމަތްކެނޑި މީސްތަކުން ރާމާމަކުނު ތަކަކަށް ބަދަލުކުރެއްވި ވާހަކަ އަކީ މަޝްހޫރު ވާހަކައެކެވެ.
ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 65 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَلَقَدْ عَلِمْتُمُ الَّذِينَ اعْتَدَوْا مِنكُمْ فِي السَّبْتِ فَقُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ ﴿٦٥﴾
މާނައީ: [އަދި ތިޔަބައިމީހުންގެ ތެރެއިން، ހޮނިހިރުދުވަހާމެދު (ދެކޮޅުވެރިވެ، ނުކިޔަމަންތެރިވުމުގައި) ހައްދުފަހަނަޅައިދިޔަ މީހުންގެ ވާހަކަ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ދެރަވެ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ!]
މި ވާހަކަ އިތުރު ތަފްސީލާއެކު އަލް އަޢުރާފު ސޫރަތުގައި ބަޔާން ކުރައްވައިފައިވެއެވެ. އެ ސޫރަތުގެ 163 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ މި ދަންނަވާ ފަދައިންނެވެ.
وَاسْأَلْهُمْ عَنِ الْقَرْيَةِ الَّتِي كَانَتْ حَاضِرَةَ الْبَحْرِ إِذْ يَعْدُونَ فِي السَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا يَفْسُقُونَ ﴿١٦٣﴾
މާނައީ: [އަދި ކަނޑުގެ އައްސޭރީގައިއޮތް ރަށާމެދު، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވާށެވެ! (އެއީ) ހޮނިހިރާމެދު އެއުރެން عداوة ތެރިވަމުންދިޔަ ހިނދެވެ. އެއުރެންގެ މަސްތައް، އެއުރެންގެ ހޮނިހިރުދުވަހު ފާޅުވެ، ފެނިގެން އެއުރެންނާ ހަމަޔަށް އަންނަހިނދެވެ. އަދި އެއުރެން ހޮނިހިރު ނުކުރާދުވަހު، އެ މަސްތައް އެއުރެންނާ ހަމަޔަކަށް ނާދެއެވެ. އެފަދައިން ތިމަންރަސްކަލާނގެ އެއުރެން امتحان ކުރައްވަމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ.]
ރަށާއި ޒަމާން:
މި ޙާދިޘާ ހިނގި ދުވަސްވަރަކާ ބެހޭގޮތުން މުފައްސިރުންގެ މެދުގައި ހިސާބެއްގެ ޚިލާފެއް ހިނގާފައިވެއެވެ. އަލްއިމާމު ޤުރުތުބީ ވިދާޅުވެފައިވަނީ މި ޙާދިޘާ ހިންގާފައިވަނީ ދާއޫދުގެފާނުގެ ޒަމާނުގައި ކަމުގައެވެ. ތަފްހީމުލް ޤުރުއާނުގައި އަބުލް ޢައުލާ މައުދޫދީ ވިދާޅުވެފައިވަނީ އެކަމެއް ހިނގައިފައިވަނީ ލާރިމިޔާ އޭ ނަމަކަށް ކިޔުނު ނަބީބޭކަލެއެގެ ޒަމާނުގައެވެ. ޢީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ 586 އާއި 628 ދެމެދުގެ އަހަރުތަކުގެ ތެރޭގައެވެ.
އިސްވެދިޔަ އަޢުރާފު ސޫރަތުގެ 163 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވާ [ކަނޑުގެ އައްސޭރީގައި އޮތް ރަށޭ] އޮތް ބަސްފުޅާމެދު އިބްނުޢައްބާގެފާނު ވިދާޅުވެފައިވެއެވެ. އެރަށަކީ أَيْلَةُ އެވެ. އެއީ مَدْيَن އާއި الطُّور އާ ދެމެދުގައި އޮތް ރަށެކެވެ. ހަމަ މިފަދައިން عِكْرِمَةُ އާއި مُجَاهِد އާއި قَتَادَةُ އާއި السُّدِّي ވެސް ވިދާޅުވެފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި އެރަށަކީ مَدْيَن ކަމުގައިވެސް އައިސްފައިވެއެވެ. އިބްނު ޒައިދު ވިދާޅުވާ ގޮތުގައި އެރަށަކީ مُقْنَا އޭ ކިޔުނު ރަށެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު}
- ޢަލީ އިޙްޞާން ފިރާޤް