ގިނަ ބައަކަށް އޮންނަ އެންމެ ބޮޑު ކަންބޮޑުކަމަކަށްވާނީ ތިމާއަށް ރަނގަޅު ބައްވެރިއަކު އިޚްތިޔާރުކުރާނެ ގޮތެކެވެ. ވާހަކަ މިދެއްކެނީ ރަނގަޅު މީހަކާއިކަން އެނގޭނެ ގޮތެކެވެ. މިއީ ޔަޤީންކަމާއިއެކު އެކަކަށްވެސް ގޮތް ނިންމޭނެ ކަމެއް ނޫނެވެ. ވާންހުރި ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާކަމަށްވާތީއެވެ.
މިޘާލަކަށް އެއީ ތަނަވަސްކަންހުރި މީހެކެވެ. ބާރާއި ނުފޫޒުވެސް ހުރި މީހެކެވެ. ހުރީ މަތީ މަޤާމެއްގައި ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އޭނާއާއި ބައްދަލުވެ ވާހަކަދައްކާއިރު ހިތްހަމަޖެހުމެއް ނުލިބެއެވެ. ހިތަށް ލިބެނީ ނުތަނަވަސްކަމެވެ. އެހެންކަމަށްވާނަމަ އޭނާގެ ކަންކަން ކިތަންމެ މަތިނަމަވެސް އޭނާއަކީ ތިބާއަށް ފައިދާކުރާނެ ބައިވެރިއެއް ނޫނެވެ.
ހަމައެގޮތަށް ކިތަންމެ ދެރަ ނިކަމެތި ފަޤީރަކާއި ބައްދަލުވެ ވާހަކަ ދެއްކުމުންވެސް ތިބާއަށް ހިތްހަމަޖެހުން ލިބިދާނެއެވެ. އެއީ އާދައިގެ ކަމެއް ނޫނެވެ. އެއީ ޢަރަބިބަހުން މިކިޔާ "ސަކީނާ" އެވެ. އެކަމުން އަންގައިދެނީ އޭނާއަކީ ތިބާއަށް ރަނގަޅު ބައިވެރިއެއް ކަމެވެ.
މިއިޙްޞާޞަކީ ކޮންމެ މީހަކަށް ކުރާނެ އިޙްޞާޞެއް ނޫނެވެ. މިއިޙްޞާޞްތައް މިގޮތަށް ކުރާނީ ހެޔޮލަފާ ތަްްވާވެރިންނަށެވެ. ވީމާ ބައިވެރިއަކު ހޯދަން މަސައްކަތްކުރާއިރުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންއޮތީ ތިމާގެ ތަޤްވާވެރިކަމަށެވެ. މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅަކަށްވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
- މިއަދުނޫސް