ޢަލީ އިޙްޞާން ފިރާޤް
ސަބާގެ ރަނިކަމަނާ އަކީވެސް ޤުރްއާނުގައި ބަޔާންވެގެންވާ އަންހެން ޝަޚްޞިއްޔަތުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނުފޫޒުގަދަ ބޭކަނބަލެކެވެ. އެކަމަނާ އުޅުއްވީ ސުލައިމާނުގެފާނުގެ ޒަމާނުގައެވެ. ސުލައިމާނުގެފާނަށް އެކަމަނާގެ ޚަބަރުތައް ލިބިވަޑައިގަތީ ހުދުހުދު އޭ ކިޔުނު ދޫނި ގެނެސްދިން ޚަބަރަކުންނެވެ. އެވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 22 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِ وَجِئْتُكَ مِن سَبَإٍ بِنَبَإٍ يَقِينٍ﴿٢٢﴾
މާނައީ: [ފަހެ، އެ ދޫނި މާދުރުނޫން ތަނެއްގައި ކުޑައިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަންމިއައީ، (يمن ކަރައިގެ) سبإ އިން يقين ވެގެންވާ خبر އަކާއިގެންނެވެ.]
ހުދުހުދު އެސޮރު ޔަމަނުކަރައިގެ ސަބާއޭ ކިޔުނު ރަށުން ގެނައި ޚަބަރުގެ ވާހަކަ އިތުރަށް ތަފްސީލުކޮށް ބަޔާންކޮށްދެމުން ގެންދިޔައެވެ. އެ ޚަބަރުތައް އެސޮރުގެ ލޮލުން ފެނުނުގޮތުގެ ފުރިހަމަ ތަސްވީރެއް سليمان عليه السّلام އަށް ހުށައެޅުއްވިއެވެ. ނަމްލު ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން 26 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.
إِنِّي وَجَدتُّ امْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَيْءٍ وَلَهَا عَرْشٌ عَظِيمٌ ﴿٢٣﴾ وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ اللَّـهِ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ فَهُمْ لَا يَهْتَدُونَ ﴿٢٤﴾ أَلَّا يَسْجُدُوا لِلَّـهِ الَّذِي يُخْرِجُ الْخَبْءَ فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ ﴿٢٥﴾ اللَّـهُ لَا إِلَـٰهَ إِلَّا هُوَ رَبُّ الْعَرْشِ الْعَظِيمِ ۩ ﴿٢٦﴾
މާނައީ: [އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަންދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ تخت އެއް ވެއެވެ. އެކަމަނާއާއި، އެކަމަނާގެ قوم ގެމީހުން، اللَّه ފިޔަވައި އިރަށް سجدة ކޮށް އުޅޭތީ ތިމަންދުށީމެވެ. އަދި شيطان އާ އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ. އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ اللَّه އަށް سجدة ނުކުރުމަށް شيطان އާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ. اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. އެއީ މާތްވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ.]
ހުދުހުދު سليمان عليه السّلام އަށް ގެނެސްދެއްވީ ތެދު ޚަބަރެއްތޯ ނުވަތަ ހުދުހުދު އެދެންނެވި ޚަބަރަކީ އެކަލޭގެފާނުގެ އަދަބުން ސަލާމަތްވުމަށް އެސޮރު ހަދައިގެން ދެއްކި ވާހަކައެއްތޯ ބައްލަވަން އެކަލޭގެފާނު ބޭނުންފުޅު ވެވަޑައިގެންނެވިއެވެ. އެހެންކަމުން ހުދުހުދަށް ރަސްމީކޮށް އެވާހަކަ سليمان عليه السّلام އެންގިއެވެ. ނަމްލު ސޫރަތުގެ 27 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ الْكَاذِبِينَ ﴿٢٧﴾
މާނައީ: [އެކަލޭގެފާނު (هُدهُد އަށް) ވިދާޅުވިއެވެ. ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލޭވަނީ ދޮގުވެރިންގެ ތެރެއިންތޯ ތިމަންކަލޭގެފާނު ބައްލަވާހުށީމެވެ].
މިހެން ވިދާޅުވެފައި، سليمان عليه السّلام، ހުދުހުދު ސިފަކޮށްދެއްވި ސަބާގެ ރަނިކަމަނާއަށް ސިޓީފުޅެއް ތައްޔާރު ކުރެއްވިއެވެ. އެ ސިޓީފުޅުގައި سليمان عليه السّلام، ލިޔުއްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
[ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން ސަބާގެ ރަނިކަމަނާއަށް. بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ އެވެ. رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!]
سليمان عليه السّلام، މިދެންނެވި ސިޓީފުޅު ލިޔުއްވުމަށްފަހު، ހުދުހުދަށް ދެއްވިއެވެ. ވިދާޅުވިއެވެ. [އަހުރެންގެ މި ސިޓީ ހިފައިގެންގޮސް އެބައިމީހުންގެ ގާތަށް އެ އެއްލާށެވެ! ދެން އެބައިމީހުންނާއި ދުރަށްޖެހި (ޖަވާބުގައި) އެބައިމީހުން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ]! މި ވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
اذْهَب بِّكِتَابِي هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَانظُرْ مَاذَا يَرْجِعُونَ ﴿٢٨﴾
މާނައީ: [އަހުރެންގެ މި ސިޓީ ހިފައިގެންގޮސް އެއުރެންގެ ގާތަށް އެ އެއްލާށެވެ! ދެން އެއުރެންނާ ދުރަށްޖެހި (ޖަވާބުގައި) އެއުރެން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ]!
سليمان عليه السّلام، ގެ ރަސްކަމުގެ ދަރުބާރުން ވިދާޅުބަސްފުޅުގެ އަޑުއިވުމުން ހުދުހުދު ވަޤުތުން އެބަސްފުޅައި ބޯލަނބައި އެ ސިޓީފުޅާއިގެން އުދުހިގަތެވެ. ރަހަކު ރަންޏަކަށް ފޮނުއްވި ސިޓީފުޅު އަމާނާތްތެރިކަމާއެކު ރައްދުކޮށްދެއްވުމަށްޓަކައެވެ.
ސަބާގެ ރަނިކަމަނާ:
މިދެންނެވުނު ވާހަކަތަކުން، ހާމަވެގެންދާނެ ފަދައިން ސަބާގެރަނިކަމަނާ ބިލްޤީސް އުޅުއްވީ سليمان عليه السّلام ގެ ރަސްކަމުގެ ޒަމާނުގައެވެ. އޭނާ ވަނީ ސަބާގައި ވަރަށް ބޮޑު ރަސްކަމެއް ޤާއިމުކޮށްފައެވެ. ޙަޤީޤަތަށް ދަންނަވާނަމަ އިސްލާމީ ޝަރީޢަތުގައި އަންހެނުންނަށް ވެރިކަން ދިނުމަކީ މަނާކުރައްވައިފައިވާ ކަމެކެވެ. ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވާކަމަށް އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ.
"لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ اِمْرَأَةً" {صحيح البخاري،كتاب الفتن، ޙަދީޘް 7099}
މާނައީ: [އެބައެއްގެ ވެރިއެއްކަމުގައި އަންހެނަކު އައްޔަން ކުރާބަޔަކަށް ކާމިޔާބު ނުލިބޭ ހުއްޓެވެ.]
އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. سليمان عليه السّلام، ގެ ރަސްކަމުގެ ޒަމާނުގައި ސަބާގައި ރަނިކަންކުރެއްވި އަންހެން ބޭކަނބަލަކީ بِلْقِيسُ بِنْتُ شَرَاحيل އެވެ. ބުނެވޭގޮތުގައި بِلْقِيسُރަނިންގެ ބައްޕާފުޅަކީ ވަރަށް ބޮޑު ރަސްކަމެއް ކުރެއްވި ބޭފުޅެކެވެ. بِلْقِيسُ ލިބިވަޑައިގެންނެވީ އޭނާ ޖިންނީންގެ ތެރެއިން ބޭކަނބަލަކާއި ކާވެނިބައްލައިގެންނެވެ. އެބޭކަނބަލެއްގެ ނަމަކީ ريحانة بنت السكن އެވެ. އަދި ބައެއް ރިވާޔަތްތަކުގައި بِلْقِيسُ ގެ ކާބަފައިންގެ ތެރޭގައި ޖިންނިޔަކު ވާކަމަށްވެސް ބުނެވިފައިވެއެވެ. އެފަދައިން ރިވާވެގެންވާ ޙަދީޘެއްވެސް އިބްނު ކަޘީރު ގެންނަވައިފައިވެއެވެ. ނަމަވެސް ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 330-331}
އަދިވެސް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ޘަޢުލަބީ ވިދާޅުވެފައިވެއެވެ. بِلْقِيسُ ގެ ބަފައިކަލުން ނިޔާވުމަށްފަހު، ދެން ސަބާގެ އަހުލުވެރިން އެބައިމީހުންގެ ރަސްކަމަށް ފިރިހެނަކު އައްޔަނު ކުރިއެވެ. އޭނާވީ ސަބާގެ އަހުލުވެރިންގެ މައްޗަށް އިންތިހާއަށް އަނިޔާކޮށް އުނދަގޫދީ އުޅުނު މީހެއްކަމުގައެވެ. ބިމުގައި ފިތުނަ ފަސާދަ އުފައްދައި އަމަންއަމާންކަން ނަގައިލި މީހެއްކަމުގައެވެ. އެހެން އެކަން ވެފައިވަނިކޮށް بِلْقِيسُ އޭނާގެ ކާވެނިފުޅަށް އެދި ހުށައެޅިއެވެ. ދެން އޭނާ އެކަމަނާގެ ހުށައެޅުން ޤަބޫލުކުރައްވައި އެކަމަނާއާ ކާވެނިބެއްލެވިއެވެ. އެގޮތުން ކާވެނީގެ އެންމެ ފުރަތަމަ ރޭގައި އެކަމަނާ އޭނާއަށް، ވަރަށް ބާރުގަދަ ރާގެ ބުއިމެއް އެރުވިއެވެ. ދެން އޭނާ ރާބޮއެ ރަނގަޅަށް މަސްތުވުމުން އެކަމަނާ އޭނާ ޤަތުލުކޮށްފިއެވެ. އަދި އޭނާގެ ބޯކަނޑައި އެކަމަނާގެ ކޮޓަރިކޮޅުގެ ދޮރުގައި އެލުވިއެވެ. މި މަންޒަރު ފެނުމުން ސަބާގެ އަހުލުވެރިން بِلْقِيسُ އަށް ރަނިކަން ދީފިއެވެ. މި ރިވާޔަތަކީވެސް ތާރީޚީ ރިވާޔަތެކެވެ. ކިހާ ޞައްޙަ ވާހަކައެއް ކަމެއް އެނގިފައެއް ނެތެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 330}