ކީރިތި ޤުރުއާނުގަ ދެމިހުރުމުގެ އަޖައިބުތައް ވަރަށް ގިނަ! އެއްވެސް ސިހުރުވެރިއަކަށް، ފަންޑިތަވެރިއަކަށް ޤުރުއާނުގެ ނޫރާއި ބާރުގެ ކުރިމަތީގައި ކެތެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކީރިތި ޤުރުއާނުގަ ދެމިހުރުމުގެ އަޖައިބުތައް ވަރަށް ގިނަ! އެއްވެސް ސިހުރުވެރިއަކަށް، ފަންޑިތަވެރިއަކަށް ޤުރުއާނުގެ ނޫރާއި ބާރުގެ ކުރިމަތީގައި ކެތެއް ނުކުރެވޭނެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ކީރިތި ޤުރުއާނާ ދުރުނުވާށެވެ. އަދި އެ މަތިވެރި ފޮތް ދޫކޮށްނުލާށެވެ. ޤުރުއާނުގެ މާތްކަމާއި، އެ ފޮތުގެ ޙައްޤު މަޤާމާއި ޤަދަރު ދަންނަ މީހަކު، އެ ފޮތާ ދުރުވުމަކަށް ނޭދޭނެއެވެ. ޤުރުއާނުގެ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަން ލިބޭކަން ދަނެ، ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށް ޤުރުއާން ކިޔެވުމަށްވުރެ ވަކިން މަތިވެރި އަމަލެއް ނުވާކަން ޔަޤީންކުރާ ހާލު، އެކަމުގައި ސާބިތުވެ ދެމިހުންނާށެވެ. އެކަލާނގެ ރުހިވޮޑިގަތުމަށްވުރެ ބޮޑު ނިޢުމަތެއް ނުވެއެވެ. އަދި އެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކީރިތި ޤުރުއާނަށްވުރެ ވަކިން މަތިވެރި ވަސީލަތެއް ނުވެއެވެ. 

މިއީ ތިބާގެ ދިރިއުޅުމުގެ އަސާސީ އުޞޫލެއް ކަމުގައި ހަދާށެވެ. ޤުރުއާނަށްވުރެ މަތިވެރި އެހެން އެއްޗެއް ތިބާއަކަށް ނުފެންނާނެއެވެ. އަޅަމެންނަށް އެކަމުގައި މަގުދައްކަވައި، އެކަން ފަސޭހަކޮށްދެއްވުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުޢާކުރަމެވެ. އެހެންކަމުން، ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔެވުމަކީ ދޫކޮށްނުލާނެ ދާއިމީ އާދައެއް ކަމުގައި ހަދާށެވެ. 

އިހުގެ ޞާލިޙު ބޭކަލުންނަކީ އެބޭކަލުންގެ މުޖުތަމަޢުގެ ޤަދަރުވެރި ލީޑަރުންނެވެ. އެބޭކަލުންނަކީ އެއްވެސް ޖެހިލުމެއްނެތި ކަންކަން ސާފުކޮށްދެއްވި ބޭކަލުންނެވެ. ޚާއްޞަކޮށް، މީހުން އެބޭކަލުންގެ ކުރިމަތީގައި ބޮޑެތި މައްސަލަތަކާއި ދަޢުވާތައް ހުށަހަޅަމުން ދިޔަ ހިނދުވެސް، ޤުރުއާން ކިޔެވުމާ އެބޭކަލުން ދުރެއް ނުވެއެވެ. މީހަކު ބައްދަލުކޮށް އޭނާގެ ބޭނުންތައް ބަޔާންކޮށް ނިމުމާއެކު، ލަސްކުރުމެއްނެތި އަލުން ޤުރުއާން ކިޔަވަން ފަށްޓަވައެވެ. ޤުރުއާނަށް އަހުލުވެރިވާ މީހާއަށް އޭގެ މުޢުޖިޒާތްތަކާއި އަޖައިބުތައް ފެންނާނެއެވެ. 

ޢުމަރުގެފާނު، އަބޫ މޫސާގެފާނާ ސުވާލުކުރެއްވުމުން އެކަލޭގެފާނު ދެއްވި ޖަވާބާމެދު ފިކުރުކޮށްލާށެވެ. އެކަލޭގެފާނު ވިދާޅުވީ، ޝައިޠާނުންނަށް ހުރި ކަށްޓެއް ފަދަ މަތިވެރި އެއްޗަކާ ބެހޭގޮތުން ތިބާ އަހަރެންނާ ސުވާލުކުރަނީ ހެއްޔެވެ؟ އެއްވެސް ސިހުރުވެރިއަކަށް ނުވަތަ ފަންޑިތަވެރިއަކަށް ޤުރުއާނުގެ ނޫރާއި ބާރުގެ ކުރިމަތީގައި ކެތެއް ނުކުރެވޭނެއެވެ. އެހެންކަމުން، ޤުރުއާން ކިޔެވުން ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހިމަނާށެވެ. އޭރުން އޭގެ ބަރަކާތާއި ހެޔޮކަން ތިބާގެ ދިރިއުޅުމުން ފެންނާނެއެވެ. 

- އައްޝައިޚް މުޙައްމަދު މުޚްތާރު އައްޝަންޤީޠީގެ ދަރުސަކުން 

- މިއަދުނޫސް

މިއަދު އޮންލައިން