ފަސަމުންވެސް ފުރަތަމަ ބުނެލާނީ މިވާހަކަ މިކިޔައިދެނީ ނަމާދުނުކޮށް ހުންނަން ބުނުމަކަށް ނޫނެވެ. އަދި ބޮޑުކަމެއް ޖެހުމުން ސަޖިދަކޮށް ދުޢާކުރަން ބުނުމަކަށްވެސް ނޫނެވެ. ކޮންމެފަދަ ބޮޑު ޙާލަތެއް ކުރިމަތިވެގެން ނަމަވެސް ތައުބާވެ ސަޖިދަކޮށް ދުޢާކުރުމުން އިރާދަކުރައްވަވާ އަޅަކަށް އޭނާގެ ބޭނުން ފުއްދަވައިދެއްވަވާކަން ބަޔާންކުރުމަށެވެ.
އެއީ ތަނަވަސް ޒުވާނެކެވެ. ނަމާދުކުރުމާއި އަޅުކަންކުރުންމަތިން ވިސްނާވެސް ޒުވާނެއް ނޫނެވެ. އޭނާއަށް ފުރަތަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަވީ ކެންސަރުޖެހި 4 ވަނަ ސްޓޭޖްގައިހުރިކަން އެނގުމުންނެވެ. ޝިފާލިބުމުގެ ފުރުޞަތު ނެތްކަމަށް ޑޮކްޓަރު ބުނުމުންނެވެ.
އޭނާ އަވަސްވެގަތީ ތައުބާވުމަށެވެ. ހިނައި ޠޯހިރުވެ ޢުމުރުގައި ކުރި ފުރަތަމަ ނަމާދުކުރިއެވެ. ނަމާދުގެ ސަޖިދައިގައި ރޮއި ކަރުނައަޅައި ﷲ ތަޢާލާއަށް ދެންނެވިއެވެ. "ޔާ ﷲ! މިއަޅާއަކީ އިނބަ ﷲ ގެ މަތިން ހަނދުމަކުރުމެއް ނެތި އާވާރާ އުޅުމެއް އުޅެވުނު މީހަކީމެވެ. މިއަދު އެކަން ވިސްނިއްޖެއެވެ. ތައުބާ ވެއްޖައީމެވެ. މިއަޅާގެ ތައުބާ ޤަބޫލުފުޅުކުރައްވަވާނދޭވެ!
ޔާ ﷲ! އިނބަ ﷲ އީ އިންސާނުނެގެ ވިސްނުމަށްވެސް ނުގެނެވޭނެ ފަދަ ގޮތްތަކުން އިންށާނުންނަށް ރަޙުމް ކުރައްވަވާ ކަލާނގެއެވެ. ޑޮކްޓަރުން އުންމީދުކަނޑައިލުމުންވެސް ޝިފާ ދެއްވަވާ ރަސްކަލާނގެއެވެ. މިއަޅާއަށް ރަޙުމް ކުރައްވަވައި މިއަޅާގެ ބައްޔަށް ޝިފާ ދެއްވަވާނދޭވެ!" އާމީން
ދުޢާކުރުމަށްފަހު ބައްޔާއިމެދު ކަންބޮޑުވެގެނެއް ނުއުޅެއެވެ. ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލްކޮށްގެން ހުރީއެވެ. ވީހާ ގިނައިން އަޅުކަންކުރިއެވެ. ތަނަވަސްކަންހުރީތީ އިމެއް ނުބަލައި ޞަދަޤާތްވެސް ކުރިއެވެ. ޢާއިލާގެ އެންމެންނަށް ހެޔޮކޮށްހިތިއެވެ.
ޑޮކްޓަރަށް ދައްކާލަން ދިއައީވެސް 3 މަސްފަހުންނެވެ. ބަލިހުރިވަރު ދެނެގަންނަން ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުންނަށް ބުނަންޖެހުނީ މިހާރު އެކަމުގެ އަސަރެއްވެސް ހަށިގަނޑުގައި ނެތްކަމަށެވެ. އެހެން ބުނުމުން އޭނާ ދެއަތް އުފުލައި އަޑުހަރުކޮށް ބުންޏެވެ. "ޔާ ﷲ! މިއަޅާ ދުނިޔޭގައި ލެހެއްޓެވިހައި ދުވަހަކު ހުންނާނީ އަޅުކަންކުރުންމަތީގައެވެ. ދުވަހަކުވެސް އިނބަ ﷲ އަށް އުރެދުމަކަށްވާނެ އެއްވެސް ކަމެއް ނުކުރާނަމެވެ. ހަނދުމަނެތިގެންވެސް ފާފައެއް ކުރެވިއްޖެނަމަ މިއަޅާއަށް ޢަފޫކުރައްވަވާނދޭވެ!" އާމީން
ލޮބުވެތި އެކުވެރިންނޭވެ! މިހުރީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަމެވެ. އިމެއް ނެތި ރަޙްމަތް ލައްވަވާ ކަމެވެ. އަހުރެމެންނަށް އޮތީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވާން މަސައްކަތްކުރުމެވެ. ހިންމަވައި ދެއްވަވަން ބޮޑުވާނެ އެއްވެސް ކަމެއް އެކަލާނގެ ޙަޟްރަތަކަށް ނުވެއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
- މިއަދުނޫސް