ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ފަރުޟު ނަމާދުކޮށްލުމުން ނިމުނީ ކަމަށެވެ. ތިމާކުރި ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ކުރެވުނު ކަމާއިމެދު ވިސްނައެއް ނުލައެވެ. ވީމާ މި ބަޔާންކުރާ ކަންކަމަށް ވިސްނައިލާށެވެ. ޤިޔާމަތް ދުވަހު ތިމާއަކީ ނަމާދުނުކުރާ މީހަކަށްވެދާނެ ކަމަށްޓަކައެވެ.
މުސްލިމުންގެ ތެރެއިން ފަރުޟު ނަމާދު ޤަވާއިދުން އަދާ ކުރާ ގިނަ ބައަކުވެސް ރަވާތިބު ސުންނަތް ކުރުމަށް ދޭންޖެހޭ ސަމާލުކަމެއް ނުދެއެވެ. އެކަންކުރަނީ މަދުމީހެކެވެ. ފެންނަނީ ސަލާމް ދެވުމާއިއެކު އަވަސް އަރުވާލާފައި ފައިބައިގެންދާތަނެވެ. ބައެއް މީހުން ސުންނަތްކުރަން ފަށާފައިވާތީ ކުރިމަތިން ހުރަސް ނުކުރެވިގެން ސުންނަތް ނަމާދުކުރާހައި ވަޤުތު ކޮޅަށް ހުންނަންޖެހޭއިރުވެސްމެއެވެ.
ފުރަތަމަ ކަމަކީ އިހު ސުންނަތް ކުރާ ހައި ވަގުތު އޮއްވައި މިސްކިތަށް ނުއަންނަ ކަމެވެ. ދެވަނަ ކަމަކީ އިމާމް މީހާ ސަލާމް ދިނުމާއިއެކު މަޑުވެސްކޮށްނުލައި މިސްކިތުން ފައިބައިގެންދާކަމެވެ. އެގޮތަށް ފައިބައިގެންދާ ގިނަ މީހުން އެދަނީ އެންމެ ކުޑަމިނުން ފަހު ސުންނަތް ނުކުރާތަނުގައި ޛިކުރް ތަޞްބީޙަ ވެސް ކިޔައި ނުލައެވެ.
މުސްލިމް ނޫން ޤައުމުތަކުގައި ވަޒީފާ އަދާކުރަނީ މުސްލިމުންގެ ކުންފުނިތަކުގައި ކަމަށް ނުވާނަމަ މިފަދަ ހާލަތު ކުރިމަތިވެދާނެއެވެ. އަދި މުސްލިމް ޤައުމެއްގައިވެސް ކާފިރެއްގެ ވަޒީފާ އަދާކުރާނަމަ މިފަދަ މަޖުބޫރުކަމެއް ކުރިމަތިވެދާނެއެވެ. ނަމަވެސް މި ދެހާލަތު ނުވަތަ އެނޫންވެސް މަޖުބޫރީ ޙާލަތެއް މެދުވެރިނުވާނަމަ ނަމާދުކޮށް ނިމުމުން ޛިކުރް ތަޞްބީޙަ ކިޔައި ސުންނަތްކޮށްލަން މަޑުކޮށްލާށެވެ!
ފަރުޟު ނަމާދުކޮށް ނިމުމާއިއެކު އަވަސް އަރުވާލާފައި ފައިބައިގެންދާއިރު ވިސްނައިލުން ރަނގަޅުވާނެއެވެ. ތިމާ މިކުރި ނަމާދު ކުރެވުނީ ހަމަ ފުރިހަމައަށް ހެއްޔެވެ؟ ﷲ ތަޢާލާ އެ ނަމާދު ޤަބޫލުފުޅު ކުރައްވަވާނެބާވައެވެ! ﷲ ތަޢާލާ އެނަމާދު ޤަބޫލުފުޅު ކުރައްވަވާނެ މިންވަރަށް ނަމާދުގައި ތިމާއަށް ޚުޝޫޢަތްތެރިވެވުނުހެއްޔެވެ؟
ރަވާތިބު ސުންނަތް ކުރަން މިޖެހެނީ އެ ސަބަބަށްޓަކައެވެ. ޤިޔާމަތް ދުވަހު ނަމާދުގެ ހިސާބު ބައްލަވާއިރު ﷲ ތައާލާ ރުހިވޮޑިގަންނަވާ އަޅަކަށް، އެމީހާގެ ފަރުޟު ނަމާދުން އުނިވާބައި ސުންނަތް ނަމާދުތަކުން ލައްވަވައި ދެއްވަވާނެތެވެ. ފަރުޟް ނަމާދުތަކަށްފަހު ޤިޔާމަތް ދުވަހު ތިމާގެ ސަލާމަތަށްޓަކާ ގެންދަންޖެހޭ "އެއްޗަކީ ސުންނަތް ނަމާދުތަކެވެ. ސަބަބުތައް މިކިޔައިދިނީއެވެ.
ކަން މިހެން އޮތްއިރު އަހަރެންގެ ނަޞޭޙަތަކީ ވީހައި ގިނަ ރަވާތިބު ސުންނަތް ކުރުމެވެ. ނަމާދުގެ ކުރިންނާއި ފަހުން ވެސް ހަމަ ހުރިހާ ރަކްޢަތެއް ކުރުމެވެ. އެކަމުގެ ބޭނުމަކީ ތިމާ ކުރި ނަމާދުތައް ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމަށް މިޒަމާނުގެ ބަހުރުވައިންނަމަ "ރިޒަރވް ސްޓޮކެއް" ޖަމާގައި ބެހެއްޓުމެވެ. "ރިޒަރވް ސްޓޮކެއް" ހިފައިގެން ދެވިއްޖެ ނަމައެވެ. ފަރުޟު ނަމާދުން އުނިވާބައި ފޫބެއްދުމަށެވެ. ރަވާތިބު ސުންނަތް ނޫން ސުންނަތް ނަމާދުތައްވެސް ވެސް ވީހައި ގިނައިން ކުރާށެވެ. ބިޔަ ރިޒަރވް ސްޓޮކެއް ބެހެއްޓޭނީ އެއިރުންނެވެ.
އެންމެ ގިނަ ބައަކު އިހްމާލުވަނީ އިހު ސުންނަތަށް ކަމުގައިވާއިރު ޖަމާއަތަށް އަންނަ ގަޑި ހަމަ އެންމެ 3 މިނިޓް އަވަސްކޮށް ނުލެވޭނީ ހެއްޔެވެ؟ 3 މިނިޓް އަވަސްކޮށްލައި އިހު ސުންނަތް ކޮށްލުމުން ލިބެން އޮތް ސަވާބާއި ދަރުމަ އެހައި ބޮޑުއިރުވެސް މެއެވެ. ހަމަ އެއާއިއެކު ފަރުޟު ނަމާދުގައި ފަދައިން ސުންނަތް ނަމާދުތަކުގައިވެސް ފުރިހަމައަށް ޚުޝޫޢަތްތެރިވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވަޞިއްޔަތް ކުރަމެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން