ބައެއް މީހުން ބުނެއެވެ. "ތިމަންނައަކީ
ނަމާދުކުރާ މީހެކެވެ. ނަމަވެސް ތިމަންނައަށް ކުރިމަތިވެފައިވާ މައްސަލަތައް ދުވަހަކުވެސް ޙައްލެއް ނުވެއެވެ." މިމޭރުމުން ބުނާ މީހުން އެންމެ ފަހަރަކުވެސް އެމީހުން ނަމާދުގައި ޚުޝޫޢަތްތެރިވާ މިންވަރާއިމެދު އެންމެ ފަހަރަކުވެސް ވިސްނައިލާބާވައެވެ!
ބައެއް މީހުން ނަމާދުކުރަނީ މިޔުޒިކުގެ އަޑަށް ކަސްރަތުކުރާ ފަދައިންނެވެ. އިމާމް ކިޔާ "ﷲއަކްބަރު"ގެ އަޑުއިވުމުން ޙަރަކާތްކުރަނީއެވެ. އެއީ ނަމާދުކުރުމެއް ނޫނެވެ. ނަމާދުކުރަން ބޭނުންނަމަ ނަމާދުގައި ކިޔާ ތަކެތީގެ މާނަ ޖެހޭނީ ދަސްކުރާށެވެ. އަދި ޢާންމުކޮށް ކިޔަވާ ސޫރަތްތަކުގެ މާނަވެސް ދަސްކުރާށެވެ! ހިތާމައަކީ ޢަރަބި ބަސް އެނގޭ ބައެއް މީހުންވެސް ކިޔާ ތަކެއްޗާއިމެދު ނުވިސްނާކަމެވެ.
އަހުރެންގެ ސުވާލަކީ ތިއަ ކުރަނީ ނަމާދުހެއްޔެވެ؟ ނޫން ނަމަ ގުދުވެފައި ތެދުވަނީ ހެއްޔެވެ؟ ޔަޤީން ކުރާށެވެ. ނަމާދަކީ ހަމައެކަނި ގުދުވެފައި ތެދުވުމެއް ނޫނެވެ. ނިތްކުރި ގެންގޮސް ބިންމަތީގައި ޖެއްސުމެއްވެސް ނޫނެވެ. އަދި ކުރާ ޙަރަކާތްތަކެއްވެސް ނޫނެވެ. ނަމާދު ނަމާދަކަށްވާނެ ގޮތް މިގެންދަނީ އަބަދުވެސް ކިޔައިދެމުންނެވެ.
މިވާހަކަ ދައްކަން މިޖެހެނީ މިކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ގިނަ ނަމާދުތަކެއް ކުރިނަމަވެސް ހަމަ އެންމެ ނަމާދެއް ނުކުރާ މީހަކަށްވެސްވެދާނެ ކަމުގެ ބިރު އޮތްމިންވަރު ބޮޑުކަމުންނެވެ.
ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނަށް ﷲ ތާޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. ބަރަކާތާއި ރަޙްމަތްފުޅު ދާނީ އޮހެމުންނެވެ. އެއީ ޔަޤީންކަމާއިއެކު އެނގެން އޮތް ކަމެކެވެ.
އަޖުމަ ބަލައިލަން ނަމަވެސް ނަމާދުގައި ކިޔާ ތަކެއްޗަށް ސަމާލުކަންދީގެން ޚުޝޫއަތްތެރިކަމާއިއެކު ނަމާދުކުރަން ފަށައިބަލާށެވެ! ނަމާދުން ﷲ ތަޢާލާ އާއި އުފައްދަން ޖެހޭ ގުޅުންތައް އުފައްދައިގެން ނަމާދުކުރަން ނިކަން ފަށައިބަލާށެވެ! ޙަޔާތުގެ ހުރިހާ ކަމަކުން ވެސް ބޮޑެތި ބަދަލުތައް ފެންނަން ފަށާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން