ހިތްތަކަށް ހަމަޖެހުން ލިބުން އޮތީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރިވަރަކުންނެވެ. އެއީ އިތުރަށް ވިސްނަންވެސް އޮތް ކަމެއް ނޫނެވެ. އަހުރެން މިވާހަކަކޮޅު މިދައްކަނީ ދީނީ ވިސްނުމެއްގައެއް ނޫނެވެ. މީހުންނަށް އުޅެވޭގޮތާއި ބެހޭގޮތުންނެވެ.
ފުރަތަމަ ކަމަކީ ޢުމުރުގެ ކުރުކަމެވެ. ޙަޤީޤަތަށް ބަލައިފިނަމަ ގިނަބައަކަށް ދިރިއުޅުމާއިމެދު ވިސްނަންފެށެނީވެސް ޢުމުރުން 30 ވަރަކަށް އަހަރުގައެވެ. އެއިގެ ކުރިން އޮންނަނީ ދިރިއުޅުމާއިމެދު މާބޮޑު ސަމާލުކަމެއް ނުދެވިފައެވެ.
ދެން ބަލައިލަންވީ ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރަން މަސައްކަތްކުރުމަށް ހަކަތަ ހުންނަނީ ކިހައިދުވަހެއްވަންދެންތޯއެވެ. އެކަމަށް ބަލައިފިނަމަ 60 އަހަރުވަންދެންނެވެ. 50 އަހަރުވަންދެން ކަމަށްވެސް ބެލެވެއެވެ. ވީމާ މިކަމުން މިއެނގެނީ ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރަން ކުރަންޖެހޭ ކަންކަން މިކުރެވެނީ ގިނަވެގެން 30 ވަރަކަށް އަހަރުކަމެވެ.
އެހެންކަމާއިއެކުވެސް ގިނަމީހުންނަށް މިވާގޮތަކީ ޙާޞިލުކުރަން ބޭނުންވަނީ މާބޮޑެތި ކަންތައްތަކެވެ. ތިމާގެ ނެތް ފެންވަރުންނެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ދިރިއުޅުމާއިގެން ކުރިއަށްދިއުމަށް މަސައްކަތްކުރަންވީ އެމީހެއްގެ ކިބައިގައި ހުރި ފެންވަރަކުންނެވެ. އުންމީދުތައް ކުރަންވީ އެެހންމީހުންގެ ފެންވަރަކުންނޫނެވެ. ތިމާގެ ހުރިފެންވަރުންނެވެ.
މިބުނަނީ ބޮޑެތި ކަންކަން ޙާޞިލުވުމަށް އުންމީދުނުކުރުމަކަށް ނޫނެވެ. އެކަމަށް އުންމީދުކުރާށެވެ. ނަމަވެސް ހުރި ފެންވަރުން ކުރިއަށް ދިއުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ޢުމުރުގެ ނޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފޭނީ އެއިރުންނެވެ.
ގިނަބައަކަށް ޢުމުރުން ދުވަސްވެ މުސްކުޅިވާއިއރުވެސް ހިތްހަމަޖެހުން ނުލިބިގެން އުޅެންޖެހޭ އެންމެ ބޮޑު ސަބަބަކީ މިއީއެވެ. ތިމާގެ ފެންވަރަށްވުރެ މާމަތިން ކަންކަން ޙާޞިލުކުރަން މަސައްކަތްކުރެވޭތީއެވެ. އެކަން އިޞްލާޙުކޮށްފިނަމަ ދިރިއުޅުން އުފާވެރިކުރެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން