ހިތުން ކުރެވޭ އަޅުކަމާ ހިތުން ކުރެވޭ ފާފަތައް-: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހިތުން ކުރެވޭ އަޅުކަމާ ހިތުން ކުރެވޭ ފާފަތައް-: ޝައިޚް ޢާޞިމް އަލްޙަކީމް

ބައެއް މީހުންނަށް އަޅުކަން މާނަކުރެވެނީ އެއީ ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތްދިނުމާއި މިހެންގޮސް ދީނުގައި ކުރަން އަންގަވާފައިވާ ކަންކަން ކުރުން އެކަނި ކަމަށެވެ. ނަމަވެސް އަޅުކަމުގެ މާނަވަނީ ވަރަށް ބޮޑަށް ފުޅައުވެގެންނެވެ. އަޅުކަމުގެ ތެރޭގައި ދުލުންބުނާ ބަސްތަކާއި ހިތަށް އަރުވާ ކަންކަންވެސް ވަނީ ހިމެނިގެންނެވެ. ވީމާ ﷲ ތަޢާލާއަށް އިތުބާރުކުރުމާއި ވާގިއެދުންވެސް ހިމެނިގެންވަނީ ހިތުންކުރާ އަޅުކަމުގެ ތެރޭގައެވެ. އަދި ﷲ ތަޢާލާދެކެ ލޯބިވުމާއި ﷲ ތަޢަލާއަށް ބިރުވެތިވުންވެސްމެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑައިނުލުމާއި ރައްކައުތެރިކަމަސް އެދުމަކީވެސް އަޅުކަމެވެ. ހަމައެފަދައިން ހިތުންވެސް ދުޢާކުރެވޭނެއެވެ. މިހުރިހާ ކަންކަމަކީވެސް ހިތުންކުރެވޭ އަޅުކަމެވެ.  

ހިތުން ކުރެވޭ ފާފަތައްވެސް ބައިވަރެވެ. ހަސަވވެރިވުމާއި ރުޅިވެރިކަމެވެ. ބަދަލުހިފުމުގެ ރޫޙް ގެންގުޅުމާއި ބޮޑާކަމާއި ކިބުރުވެރިކަމާއި ދުނިޔަވީ ކަންކަމުގައި (ޢަދާވާތްތެރިވުމުގެ ގޮތުން) ވާދަކުރުމާއި ރުޅިގަދަވުންފަދަ އެންމެހައި ކަމަކީވެސް ހިތުންކުރެވޭ ފާފަތަކެވެ. 

ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާގެ ބަސްފުޅެއްގައިވެއެވެ. އެހެން މީހުންގެ ކިބައިން އުންމީދުނުކުރާށެވެ. އަދި ތިބާއަށް ކުރެވޭ ޢަމަލުތަކަށްވެސް އުންމީދުނުކުރާށެވެ. ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކުރާށެވެ. ހިތް ﷲ ތަޢާލާއަށް ޚާލިޞްކުރުމަކީ އެއީއެވެ.

ބިރުގަތުމަކީ ޝިރުކެއް ނޫނެވެ. ތިބާއަށް އެންމެ ފައިދާހުރި ބިރުގަތުމަކީ ﷲ ތަޢާލާއަށް ބިރުވެތިވެ ﷲ ތަޢާލާއަށް ކުރަން ޖެހޭ ކަންކަންކުރުމެވެ. އަޅުކަންކުރުން ގިނަކުރުމާއި ފާފަނުކުރުމެވެ. އެންމެ ފައިދާހުރި ބިރުގަތުމަކީ އެއީއެވެ. އެއެއްޗެއްގެ ސަބަބުން ނުވަތަ އެކަމަކުން ތިމާއަށް ގެއްލުން ލިބިދާނެ ކަންކަމަށް ބިރުގަތުމަކީ ޝިރުކުރުމެއް ނޫނެވެ. އެއީ އިންށާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަމެކެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން  

- މިއަދުނޫސް  

 

މިއަދު އޮންލައިން