ޢާއިޝަތު ރަފާޙް ޢަލީ
ކެތްތެރިކަމުގެ މާނަ ގިނަ މީހުންނަށް އޮންނަނީ އޮޅިފަ އެވެ. ކެތްތެރިކަމަކީ ނުވަތަ ކެތްތެރިވުމަކީ ކުރިމަތިވި ކަންތަކުން އަރައިގަތުމަށް އެއްވެސް ކަމެއް ނުކޮށް މަޑުން ހުރުމެއް ނޫނެވެ. ކެތްތެރިކަމަކީ، ތިމާގެ ނަފްސާއި އެދުންތަކާއި ވޭނުގެ ސަބަބުން ނުބައި ކަންކަން ކުރުމަށް ނަފްސު ގޮވާލާ ހިނދު، އެކަމާ ހަނގުރާމަކޮށް، ކުރިއަށް ދިއުމެވެ.
ކެތްތެރިކަމަކީ ނަމާދު ހުއްޓާލުމަށް ނުވަތަ ﷲ އަށް ކުރާ އިތުބާރު ކަނޑާލުމަށް ހިތަށް އަރާ ހިނދު "ނޫނެކެވެ، އަހަރެން ކުރިއަށްދާނަމެވެ" ބުނުމެވެ. ވޭނާއި، ހިތާމައާއި، ނަފްސާނީ ބަލިމަޑުކަމާއެކުވެސް ހަޔާތް ބިނާކުރަމުން ކުރިއަށް ދިއުމެވެ.
މިސާލަކަށް، ދަރިއަކު ވަކިވެދިއުމަކީ ދުނިޔޭގައި ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތެވެ. ޚާއްޞަކޮށް ތިމާގެ ކުރިމަތީގައި ތުއްތު ކުއްޖަކު މަރުވުމަށްވުރެ ބޮޑު ހިތާމައެއް ނެތެވެ. ރަސޫލާ ﷺ އެފަދަ މީހުން ގާތު "ތިޔަކަމުން އަވަހަށް އަރައިގަނޭ" ނުވަތަ "ހަނދާން ނައްތާލާ" ފަދަ ބަސްފުޅުތަކެއް ހަދީޘެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު ދެއްވެވީ އުންމީދާއި ހިތްވަރެވެ. އެ ހިތާމައިގެ ލަކުނު ހިތުގައި ހުއްޓަސް، އެއާއެކު ދިރިއުޅުން ބިނާކުރާނެ ހިތްވަރެވެ.
އެއްދުވަހަކު، ކޮންމެ ދުވަހަކު މިސްކިތަށް އަންނަ މީހަކު މިސްކިތަށް ނައިސްގެން ރަސޫލާ ﷺ އެ މީހާއާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެ މީހާގެ ހަތް އަހަރު ނުވަތަ އަށް އަހަރުގެ ދަރިއަކު ހުރެއެވެ. އެ ކުއްޖާއަށް މިސްކިތުގައި އުޅޭލެއް ގިނަކަމުން "މިސްކިތުގެ ކޮތަރޭ" ކިޔައި އުޅުނެވެ. އެހެން މީހުން ބުންޏެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އެ މީހާގެ ދަރިފުޅު ނިޔާވެއްޖެއެވެ." ރަސޫލާ ﷺ ވަގުތުން އެ މީހާގެ ގެއަށް ވަޑައިގެން، އޭނާގެ ކޮނޑުގައި އަތްޕުޅު ބާއްވަވައި ހަދީޘް ކުރެއްވިއެވެ: "ތިބާ އެންމެ ބޭނުންވަނީ ކޮން ގޮތެއް ހެއްޔެވެ؟ ތިބާގެ ދަރިފުޅު ދިރިހުރެ، ތިބާ މަރުވަންދެން އެކުގައި އުޅުމަށް ހެއްޔެވެ؟ ނުވަތަ ތިބާ ސުވަރުގެއަށް ދާ ދުވަހު، ސުވަރުގޭގެ ކޮންމެ ދޮރަކުން ވަންނަން އުޅުނަސް، ތިބާގެ ދަރިފުޅު އެ ދޮރެއްގެ ދޮށުގައި ތިބާއަށް އިންތިޒާރުކޮށް، މަންމައާއި ބައްޕަ ކޮބައިތޯ ބަލައި، ތިބާގެ އަތުގައި ހިފައިގެން ސުވަރުގެއަށް ވައްދަން ހުރުމަށް ހެއްޔެވެ؟" އެ މީހާ ބުންޏެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އަހަރެން ބޭނުންވަނީ ދެވަނަ ގޮތެވެ." އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ: "އެކަން ތިބާއަށްޓަކައި ވެއެވެ."
- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން
- މިއަދުނޫސް