ޢާއިޝަތު ރަފާޙް ޢަލީ
ކާމިޔާބީއަކީ ހަމައެކަނި ދުނިޔަވީ މިންގަނޑުތަކުން މިނެކިރޭނެ އެއްޗެއް ނޫނެވެ. އަޅުގަނޑުމެންގެ ކިޔެވުމަކީ ހަމައެކަނި އިމްތިޙާނެއްގައި ލިޔެލާ ލިޔުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ﷲ ތަޢާލާގެ ރުއްސެވުން ހޯދުމަށާއި، އާޚިރަތް ބާއްޖަވެރިކުރުމަށް ކުރެވޭ މަތިވެރި މަސައްކަތެކެވެ.
އަޅުގަނޑުމެންގެ މުސްތަޤްބަލް ބިނާވަނީ ހަމައެކަނި އިމްތިޙާނުގެ ނަތީޖާއަކަށް ނޫނެވެ. އެކަން ނިންމައިދޭ އަސްލު ބަހާއަކީ އަޅުގަނޑުމެންގެ ނިޔަތެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންގެ ފެންވަރު މާކްސްތަކުން ވަޒަންކުރި ނަމަވެސް، އިމްތިޙާނުގެ މަރުޙަލާއާ ކުރިމަތިލާއިރު އަޅުގަނޑުމެންގެ ހިތްތައް މިކަމަށް ތައްޔާރުކޮށް ތަރުބިއްޔަތުކުރުން ވަރަށް މުހިންމެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އާދަވެފައިވަނީ، އިމްތިޙާނުގެ ދުވަސްވަރު އެންމެންގެ ގާތުން ދުޢާއަށް އެދުމަށެވެ. އެއީ ރަނގަޅު ކަމެއް ނަމަވެސް، ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ އެންމެ މަތިވެރި އަދި އެންމެ އިޖާބަވެރި ދުޢާއަކީ ތިމާ އަމިއްލައަށް ކުރާ ދުޢާ ކަމެވެ. އެހެންކަމުން، އިޚްލާޞްތެރިކަމާއެކު އަމިއްލައަށް ދުޢާކުރުން ހަނދާން ނައްތައިނުލާށެވެ.
އިސްލާމީ އުޚުއްވަތްތެރި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެން ކޮންމެ ކަމެއްވެސް ފަށަންވާނީ ﷲ ތަޢާލާގެ ބަރަކާތްތެރި އިސްމުފުޅުންނެވެ. އެކަލާނގެއަށް ޙަމްދާއި ޝުކުރު ދަންނަވައި، އަދި ރަސޫލާ މުޙައްމަދު ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރާ ޙާލުގައެވެ. އޭ ﷲގެ އަޅުތަކުންނޭވެ! ކުރިއަށް އޮތް ދުވަސްތަކުގައި މުޙައްމަދު ﷺ ގެ އުންމަތުގެ ގިނަ ޒުވާނުންތަކެއް އިމްތިޙާނު ހޯލުތަކުގައި ވަގުތުތައް ހޭދަކުރާނެއެވެ.
އިމްތިޙާނު ހޯލުގެ މާޙައުލަކީ ކުރިން ކުރި ތަޖުރިބާތަކަށްވުރެ ބުރަ އަދި ނުތަނަވަސްކަން ބޮޑު ތަނެއްގެ ގޮތުގައި އިޙްސާސް ކުރެވިދާނެއެވެ. އަދި އެ މަދު ކަރުދާސްތަކަކީ މުސްތަޤްބަލް ކަނޑައަޅާނެ އެންމެ މުހިންމު އެއްޗެއްގެ ގޮތުގައި ދެކެވުމުން، އެކަމުގެ ބުރަދަން އިތުރަށް އިޙްސާސްވާނެއެވެ. ނަމަވެސް، ﷲގެ އެއްކައުވަންތަކަމާއި ރަސޫލާ ﷺ ގެ ރިސާލަތު ޤަބޫލުކޮށްގެން ތިބި މުއުމިނުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ﷲގެ އެހީތެރިވެވޮޑިގަތުން އަޅުގަނޑުމެންނާއެކު ވާނެކަމެވެ. الحمدلله
މިއަދުގެ މި ނަޞޭޙަތަކީ އިމްތިޙާނުގެ ދުވަސްވަރު ކަންކަން ރޭވުމާއި ތަރުތީބުކުރުމަށް ބޭނުންވާނެ މުހިންމު އިރުޝާދުތަކެކެވެ. ސަބަބަކީ އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް ބައްޓަންކޮށްދޭ ފުރިހަމަ ނިޒާމެއް ކަމަށްވާތީއެވެ. މިކަމުގައި އެންމެ އިސްކަންދޭންޖެހޭ އަސާސަކީ ނިޔަތެވެ. އަޅުގަނޑުމެން ކިޔަވަންޖެހޭ ސަބަބާއި، ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ އިސްކުރުމުގެ މުހިންމުކަން އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންޖެހެއެވެ. އިސްލާމްދީނުގެ ހިދާޔަތް ލިބިފައިނުވާ މީހުންނަށް އިމްތިޙާނަކީ ހަމައެކަނި ދުނިޔަވީ ލަނޑުދަނޑިއަކަށް ވީނަމަވެސް، މުއުމިނަކަށް އެއީ އާޚިރަތުގެ ބާއްޖަވެރިކަމާ ގުޅިފައިވާ މަތިވެރި މަޤްޞަދެއް އޮތް ކަމެކެވެ.
- ޝައިޚް ޑރ. ސާޖިދު އުމަރުގެ ދަރުސަކުން
- މިއަދުނޫސް