ފިރިމީހާ ބުނީ ވަރަށް ދަތިވެގެން ބައްޕަ ފައިސާކޮޅެއް ހޯދަން އެބައަންނަ ކަމަށެވެ. އަނބިމީހާ އެކަމަށް ވަޤުތުން އިންކާރުކުރިއެވެ. ބައްޕަ އައުމުން ފިރިމީހާ ގޮސް ބައްޕަ އަތުވެއްޖެކަމަށް ބުނުމުން ބުނީ ފައިސާ ދެެވން ނެތްކަމަށް ބުނުމަށެވެ. ފިރިމީހާ އެދުނީ އަނބިމީހާ އަމިއްލައަށް ގޮސް ބައްޕަގެގާތުގައި އެވާހަކަބުނުމަށެވެ.
ވަރަށް ފުއްޕަމުން ސިޓިންގރޫމަށް ދިއައިރު ފައިސާ ހޯދަން އައިސް އިނީ އޭނާގެ ބައްޕައެވެ. އެހިސާބުން ވާހަކަ މުޅިން ބަދަލުކޮށްލައި ބުނީ ބައްޕައަށް އެހީތެރިވެދޭން ދަރިންނަށް ޖެހޭނެ ކަމަށާއި ފައިސާދޭނެ ކަމަށެވެ.
އެހިސާބުން ފިރިމީހާ އަނބިމިހާއަށް ވިސްނައިދިނެވެ. ކައިވެނިކުރުމަށްފަހު ތިބޭނީ ވަކިމީހެއްގެ މައިންބަފައިން ކަމެވެ. ތިބޭނީ ދެމީހުންގެ މައިންބަފައިން ކަމާއި އެމީހުންނަށް އެހީތެރިވާންޖެހޭ ކޮންމެ ޙާލަތެއްގައި އެހީތެރިވާންޖެހޭނީ ކާކުގެ މައިންބަފައިންކަން ބަލައިގެން ނޫންކަމެވެ.
ވެގެންމިއުޅޭގޮތް ބައްޕައަށް ވިސްނި ފިރިމީހާއަށް ތައްރީފްކުރިއެވެ. އަދި ފިރިމީހާގެ ބަސް ޤަބޫލުކޮށް އެގޮތަށް ކަންތައްކުރަން ބާރުއަޅައި ނަޞީޙަތްތެރިވުމުން އަނބިމީހާ ފިރިމީހާގެ ކިބައިން މާފަށް އެދުނެވެ. ދެން ދުވަހަކުވެސް އެފަދަ ކުށެއް ތަކުރާރުނުކުރާނެ ކަމަށްވެސް ބުންޏެވެ.
މިއީ އަޅުގަނޑަށް ސޯޝަލްމީޑިއާއިން ފެނުނު ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. އެވީޑިއޯ ވަރަށް ގިނަ ބައަކަށް ފެނިފައިވާނެކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ މިމައްސަލައަކީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ވަރަށް ބޮޑު މައްސަލައަކަށްވާތީއެވެ. ކޮންމެ ދެމަފިރިއަކަށްވެސް އަގުހުރި ނަޞީޙަތަކަށްވތީއެވެ.
ފައިސާ ދެވޭނީ އަތުގައި ހުރިވަރަކުންނެވެ. މުހިންމީ ދެފަރާތުގެ މައިންބަފައިންނަށްވެސް އެހީތެރިވުމުގައި ހަމަހަމަ ކުރުމެވެ. ކައިވެނިކުރުމަށްފަހު އަނބިމީހާގެ ނުވަތަ ފިރިމީހާގެ މައިންބަފައިންނެއް ނުތިބޭނެއެވެ. ތިބޭނީ ހަމަ ދެމީހުންގެވެސް ދެމީހުންގެވެސް މައިންބަފައިންނެވެ. ވަކިމީހެއްގެ މައިންބަފައިންނަށް އިސްކަންދޭނަމަ ދެމަފިރިންގެ މެދުގައި ހަމަޖެހުމެއް ނުއޮންނާނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް