ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އިސްކަންދޭނެ އެއްކަމަކަށްވާނީ އެމީހެއްގެ ތަޤްވާވެރިކަން އިތުރުކުރުމެވެ. އެހެންވީމާ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއިއެކުގައިވެސް ޝިރުކުގެ ޢަމަލުތައް ކުރެވޭ މީހުން އުޅެއެވެ.
އެމީހުންނަށް އެކަންކަން އެކުރެވެނީ އެކަންކަމުގެ މަޢުލޫމާތުވެސް ލިބިފައި ނެތުމުން ކަމަށްވެދާނެއެވެ. ވީމާ ޝިރުކުގެ އެންމެހައި ޢަމަލުތަކުން ސަލާމަތްވެގެން ހުންނަ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
ތަޤުވާގެ މަންޒިލްތައް:
ތަޤުވާގެ ތިން މަންޒިލެއްވެއެވެ.
1- ޝިރުކުން ތަޤުވާވެރިވުން.
2- ބިދުޢަތަކުން ތަޤުވާވެރިވުން.
1- އެހެނިހެން ފާފަތަކުން ތަޤުވާވެރިވުން.
ތަޤުވާގެ ތިން މަންޒިލް އެއް އާޔަތެއްގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.
( لَيْسَ عَلَى الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جُنَاحٌ فِيمَا طَعِمُوا إِذَا مَا اتَّقَوا وَّآمَنُوا وَعَمِلُوا الصَّالِحَاتِ ثُمَّ اتَّقَوا وَّآمَنُوا ثُمَّ اتَّقَوا وَّأَحْسَنُوا ۗوَاللَّـهُ يُحِبُّ الْمُحْسِنِينَ ) އަލްމާއިދާ 93.
މާނައީ: ” އީމާންވެ، ޞާލިޙު ޢަމަލު ކޮށްއުޅުނު މީހުން ކައި (ބޮއި) އުޅުނު އެއްޗަކާމެދު، އެއުރެންގެ މައްޗަކަށް ކުށެއް ނެތެވެ. (އެބަހީ: ރާއާއި އަދި އެނޫން ތަކެތި ޙަރާމް ކުރެއްވުމުގެކުރިން އެތަކެތި ބޭނުންކުރި މީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ) އެއުރެން ތަޤުވާ ވެރިވެ، އީމާންވެ، ޞާލިޙު ޢަމަލު ކުޅަނަމައެވެ. ދެންވެސް ތަޤުވާވެރިވެ، އީމާންވީނަމައެވެ. ދެންވެސް ތަޤުވާވެރިވެ، ޢަމަލުތައް ރަނގަޅު ކުޅަނަމައެވެ. އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ. “
ފަހެ ތަޤުވާގެ އެންމެ ފުރަތަމަ މަންޒިލަކީ ޝިރުކުން ރައްކާތެރިވުމެވެ. ﷲ ތަޢާލާ އަށް އީމާންވެ އެއިލާހު އެއްކައުވަންތަ ކުރުމެވެ. ތަޤުވާގެ ދެވަނަ މަންޒިލަކީ ބިދުޢަތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައި މުސްލިމުންގެ ޖަމާޢަތުން ވަކިނުވެ އަބަދުވެސް ޖަމާޢަތާއެކީވުމެވެ. ތަޤުވާގެ ދެވަނަ މަންޒިލަކީ ދެންހުރި ފާފަތަކުން ދުރހެލިވެ ރައްކާތެރިވުމެވެ.
ފަހެ ތަޤުވާގެ މި މަންޒިލަށް ވާޞިލްވެ ޤަރާރުވެއްޖެ މީހަކަށް އިޙްސާންތެރިކަން ލިބިގެންދާނެއެވެ. އެއީ ކިޔަމަންތެރިވުމާއި އެ ކިޔަމަންތެރިކަމުގެ މަތީގައި ދެމިހުރުމުވެ. އެހެންކަމުން މަތީގައި ބަޔާންވެދިޔަ އާޔަތުގައި އީމާންކަމުގެ މަންޒިލާއި ސުންނަތުގެ މަންޒިލާއި ކިޔަމަންތެރިވުމުގައި ދެމިހުރުމުގެ މަންޒިލް މިއާޔަތުގައި ޖަމްޢަކުރައްވާފައިވެއެވެ.
مصدر: ” التقوى , صفات أهلها و ثمراتها في الدنيا و الآخرة ” لفضيلة الشيخ الدكتور صالح بن إبراهيم بن صالح آل الشيخ
- ތަޤުވާގެ މަންޒިލްތައް: އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު