އަހުރެމެންނަށް މިކުރެވެނީ ނަމާދުތަ؟ ނަމާދުގެ ފޮނިކަން ބޮޑުކަމުން ފުލުފުލުގަ 3 ތީރު ހަށިކޮޅަށް ހެރުނުއިރުވެސް ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރެއްވި ބޭކަލެއްގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 3މ 3ސ
އަހުރެމެންނަށް މިކުރެވެނީ ނަމާދުތަ؟ ނަމާދުގެ ފޮނިކަން ބޮޑުކަމުން ފުލުފުލުގަ 3 ތީރު ހަށިކޮޅަށް ހެރުނުއިރުވެސް ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރެއްވި ބޭކަލެއްގެ ވާހަކަ-

މަރްޔަމް ސާޖިދާ

 

ނަމާދަކީ މުއުމިނު އަޅާގެ ލޮލުގެ ފިނިކަމެވެ. އެއީ ހެއްދެވި ފަރާތާއި އޮންނަ ސީދާ ގުޅުމެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ގޮންޖެހުމެކެވެ. ދުނިޔޭގެ ޚިޔާލުތަކާއި ކަންބޮޑުވުންތަކުން ހިތް ފުރިފައިވާއިރު، ނަމާދުގެ ފުރިހަމަ ލައްޒަތު އިޙުސާސްކުރެވެނީ މަދު މީހަކަށެވެ.

އިސްލާމީ ތާރީޚުގެ ޞަފްޙާތަކަށް ނަޒަރު ހިންގާލާއިރު، ރަސޫލާ ﷺ  ގެ އަޞްޙާބު ބޭކަލުންގެ ދިރިއުޅުއްވުމުން ފެންނަން ހުރީ މިދެންނެވި ޚުޝޫޢަތްތެރިކަމުގެ ހައިރާންކުރުވަނިވި މިސާލުތަކެވެ.  އޭގެތެރެއިންވެސް ޢައްބާދު ބިން ބިޝްރު ރަޟިޔަﷲ ޢަންހުގެ ޙާދިސާއަކީ ، ނަމާދުގެ ފޮނިކަން ހިތަށް ވަދެއްޖެ މީހަކަށް ހަށިގަނޑަށް ލިބޭ އެންމެ ގަދަ ތަދުވެސް އިޙުސާސް ނުވާނެކަން ހާމަކޮށްދޭ ފުރިހަމަ މިސާލެކެވެ.

ޙާދިސާ ހިނގައިދިޔަގޮތް:

ދާތުއް ރިޤާޢު ހަނގުރާމައިން އެނބުރި ވަޑައިގަންވަނިކޮށް، މުސްލިމުންގެ ލަޝްކަރު ވާދީއެއްގައި މަޑުކުރިއެވެ.  އެރޭ ފޯރިމަރަން ތިއްބެވީ ޢައްބާދު ބިން ބިޝްރު އާއި ޢައްމާރު ބިން ޔާސިރެވެ. ޢައްބާދު ބިން ބިޝްރު ފޯރިމަރަން ހުންނަވާ ނަމާދުކުރައްވަން ފެއްޓެވިއެވެ. 

ނަމާދުގައި ހުންނަވަނިކޮށް ދުޝްމަނަކު އެކަލޭގެފާނަށް އަމާޒުކޮށް ތީރެއް ފޮނުވާލިއެވެ. އެތީރު އެކަލޭގެފާނުގެ ހަށިގަނޑަށް ހެރުނެވެ. ނަމަވެސް، ނަމާދުގައި ހުރި ފުން ޚުޝޫޢަތްތެރިކަމާއި، ކިޔަވަމުންދިޔަ އާޔަތްތަކުގެ ފޮނިކަމުން، އެކަލޭގެފާނު ނަމާދު މެދުކަނޑާނުލައްވައި، އަމިއްލަފުޅަށް ތީރު ނަންގެވުމަށްފަހު، ނަމާދު ކުރިއަށް ގެންދެވިއެވެ. މިގޮތަށް ޖެހިޖެހިގެން ތިން ތީރު ހެރުނުއިރުވެސް ނަމާދު ފުރިހަމަ ކުރެއްވިއެވެ.  

ނަމާދު ނިމުމުން ޢައްމާރުގެފާނު އެކަލޭގެފާނާއި ސުވާލުކުރެއްވުމުން ވިދާޅުވީ، އެވަޤުތު ކިޔަވަމުން ދިޔައީ ސޫރަތުލް ކަހްފު ކަމަށާއި، އެސޫރަތް މެދުކަނޑާލަން ބޭނުންފުޅު ނުވީކަމުގައެވެ.  

ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ ކޮންފަދަ މިސާލެއްތޯއެވެ!

ޢައްބާދު ބިން ބިޝްރު ރަޟިޔަﷲ ޢަންހުގެ އެމަތިވެރި ޚުޝޫޢަތްތެރިކަމުން އަޅުގަނޑުމެނަށް އެނގިގެންދާ އެންމެ ބޮޑު ފިލާވަޅަކީ، ނަމާދަކީ ހަމައެކަނި ގުނަވަންތަކުން ކުރާ ޙަރަކާތްތަކެއް ނޫންކަމެވެ. މިގޮތުން އަޅުގަނޑުމެންގެ ނަމާދުގައި ޚުޝޫޢަތްތެރިވެ، ނަމާދުގެ ފޮނި މީރުކަން ޙާޞިލުކުރުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ.  

·   މާނައަށް ވިސްނައިގެން ކިޔުން: ނަމާދުގައި ކިޔަވާ އާޔަތްތައް އަދި ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ހިތްމައްޗަށް ގެނެސްގެން ނަމާދުކުރާށެވެ. ޚާއްޞަކޮށް ސޫރަތުލް ފާތިޙާގެ އާޔަތްތަކުގެ މާނަ ދަސްކޮށް މާނަ އާއިމެދު ވިސްނައިގެން ކިޔަވާށެވެ.

·      މަޑުމައިތިރިކަން: ނަމާދުގެ ކޮންމެ ރުކުނެއްގައި މަޑުމައިތިރިވެ، އަވަސް އަރުވާލުމެއްނެތި ނަމާދުކުރާށެވެ.

·      ދުނިޔެ އެއްފަރާތް ކުރުން: ނަމާދަށް ހުއްޓުމުގެ ކުރިން ފޯނު ފަދަ ތިމާގެ ސަމާލުކަން ގެއްލޭނެ ފަދަ ތަކެތިން ދުރުވެ، މިއީ ތިމާގެ އެންމެ ފަހު ނަމާދަށް ވެދާނެ ފަދައިން ނަމާދު ކުރާށެވެ.

·      ﷲ ބައްލަވާ ވޮޑިގެންވާކަން ހަނދާންކުރުން: ތިމާ ﷲ އަށް ނަމާދު ކުރާއިރު، އެކަލާނގެ ތިމާ ބައްލަވާވޮޑިގެންވާކަން ދަނެގެން ހުރެ ނަމާދުކުރުމަކީ ނަމާދުގައި ޚުޝޫޢަތްތެރިކަން އިތުރުވާނެކަމެކެވެ.

ނަމާދަކީ ހަމައެކަނި އަދާކޮށްލަންޖެހޭ ވާޖިބެއް ނޫނެވެ. އެއީ ހާސްކަމާއި ފިކުރުތަކުން ފުރިފައިމިވާ ދުނިޔޭގައި އަޅުގަނޑުމެންގެ ރޫހަށް ލިބޭ ހަމަޖެހުމާއި އަމާންކަމެވެ. ޞަޙާބީންގެ ޙަޔާތްޕުޅުން އެފެންނަ މަތިވެރި ޚުޝޫޢަތްތެރިކަމަކީ އެބޭކަލުންގެ ހިތްޕުޅުގައި ﷲ ތަޢާލާއަށް އޮތް މަތިވެރި ލޯތްބާއި ބިރުވެތިކަމުގެ ނަތީޖާއެވެ. އަޅުގަނޑުމެންގެ ނަމާދުތަކަކީވެސް، ހަށިގަނޑު މިސްކިތުގައި އޮވެފައި، ހިތް ބާޒާރުތަކުގައި އުޅޭ އުޅުމުން ސަލާމަތްވެފައިވާ ނަމާދުތަކަކަށް ހަދަން މަސައްކަތްކުރަމާ ހިނގާށެވެ. އެއިރުން، ނަމާދުން ލިބެންޖެހޭ އަސްލު އުފަލާއި ކާމިޔާބީ އަޅުގަނޑުމެނަށް އިޙުސާސްކުރެވޭނެއެވެ. إن شاء الله

 

- މިއަދުނޫސް

 

މިއަދު އޮންލައިން