ކޮންމެ މީހަކުވެސް ﷲ އަށް ދަންނަވަން ބޭނުންވާނީ އެންމެ ރިވެތިޢިބާރާތުންނެވެ! އެއީ އެއްވެސް ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް ކަންކަމުގައި އެދިގެން ﷲ ތަޢާލާއަށް ދަންނަވާނީ އެމީހަކަށް ދެންނެވުނު އެންމެ ރިވެތި ޢިބާރާތަކުންނެވެ.
"ތަރިތައް އަރައި ފިޔަޖަހަން ފަށައިފިއެވެ. މީސްތަކުންގެ ލޯތައް މެރިއްޖެއެވެ. ރަސްރަސްކަލުންގެގަނޑުވަރު ތަކުގެ ދޮރުތައް ބަންދުކޮށްފިއެވެ. ނަމަވެސް އިނބަ ރަސްކަލާނގެ ހުރިހާ ދޮރުކޮޅުތަކެއް ވަނީ ހުޅުއްވަވައި ލައްވަވައިފައެވެ. ހުރިހާ ލޯބިވެރިން ވަނީ އެމީހުންގެ ބައިވެރިންނާއިއެކުގައެވެ. މިއަޅާ މިތަނުގައި މިހުރީ އިނބަ ﷲ އަށްޓަކައެވެ."
މިއީ ވަރަށް ހެޔޮ ލަފާ އަންހެނަކު އޭނާގެ ގޭގެ ރޫފްޓޮޕުގައި ހުރެ ރޭގަނޑު ދަންވަރު ﷲ ތަޢާލާއަށް ދެންނެވި އިބާރާތްތަކެކެވެ. މިއީ ހަމަ އޭނާގެ އަމިއްލަ އިބާރާތްތަކެކެވެ. އޭނާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބީގެ މަތިވެރިކަން ބަޔާންކުރަން ބޭނުންކުރި ޢިބާރާތްތަކެކެވެ. މިފަދަ ޢިބާރާތްތަކުން ﷲ ތަޢާލާއަށް ދަންނަވާ މީހަކަށް ނުފުދޭނެ އެއްވެސް ބޭނުމެއް ނުއޮންނާނެއެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ރޭގަނޑު ދަންވަރު އަރާމު ނިދި ދޫކޮށްލައި ތެދުވެ ﷲ ތައާލާއަށް މިފަދަ އިބާރާތްތަކުން ދެންނެވޭނީ ފުރިހަމަ ތަޤްވާވެރިންނަށްކަމުގައިވާތީއެވެ. އެމީހެއްގެ ހިތުގައި ﷲ ތަޢާލާގެ މައްޗަށް ވަރަށް ވަރަށް ބޮޑު ލޯތްބެއް އުފެދިފައިވާ މީހަކަށް ކަމުގައިވާތީއެވެ.
ރީތިހައި ލަވަ ހަދައިގެން ކިޔަންވީ މީސްމީހުންނަކަށް ނޫނެވެ. ރިވެތި އިބާރާތްތައް އެއްކޮށްގެން ދަންނަވަންވީ ﷲ ތަޢާލާ އަށެވެ. އެކަން ކުރަން ރަސޫލް (ﷺ) ވަނީ ބަޔާންކުރައްވަވައިފައެވެ. އެކަން ހަނދާން ނެތިގެން މިއުޅެނީ އަހަރެމެންނަށެވެ!
ރޭގަނޑުގެ ނިންޖާއި ލޯބިވެރިޔާ (އަނބިމީހާ/ ފިރިމީހާ) އާއި އަރާމުތަންމަތި ދޫކޮށްލައި ﷲ ތަޢާލާއަށް އަޅުކަންކުރަން ޔެދުވެއްޖެ މީހަކާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން މަލާއިކަތުންނަށް ބަސްފުޅު ވަހީ ކުރައްވަވާކަން ރަސޫލް (ﷺ)ގެ ޙަދީޘްފުޅުން ސާބިތެވެ.
ރޭގަނޑުގެ ބައިން ފަހު ބައިގައި ﷲ ތަޢާލާ 3 ވަނައުޑަށް ފައިބައިވަޑައިގެން "ތިމަން ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދެނީ ކޮންބައެއްތޯ؟" ސުވާލުކުރައްވަވާކަން އަހަރެމެން އެންމެންނަށްވެސް އެބައެނގެއެވެ. ވީއިރު އެދޭ ކަންކަމުގެ ވާހައިން އެދި ދަންނަވަން އެއަށްވުރެ މަތިވެރި ވަގުތަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާ ދެއްވަވާ ރަނުގެ ފުރުޞަތު ބޭނުންކޮށް ތިބެ އެދޭ ކަންކަން ޙާޞިލު ނުވެގެން ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟
- ޢުމަރު ސުލައިމާންގެ ދަރުސަކުން