މިއީ ވަރަށް ފަހުން ހިނގިކަމެކެވެ.
ކައިވެނިކޮށްގެން ހުރި ފިރިހެނެކެވެ. 4 ދަރިންގެ ބައްޕައެވެ. ޢުމުރުން 35 އަހަރުގެ ޒުވާނެކެވެ. އަނބިމީހާއަކީ ވަރަށް ނިކަމެތި އަންހެނެކެވެ. އަނބިމީހާގެ އާދޭސްތަކާއި ގާތް، ހެޔޮއެދޭ އެކުވެރިން ކުރި އާދޭސްތައް ޤަބޫލުނުކޮށް ދިއައީ ޒިނޭކުރަމުންނެވެ. ބުނަނީ އެއީ އޭނާއަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ.
ދުވަސްކޮޅަކުން ގުނަވަނުން ފައިބަންފެށީ ދޮހެވެ. ރާއްޖެއިން ކުރި އެއްވެސް ފަރުވާއަކަށް ނުގުޑުމުން ދިއައީ ބެންކޮކަށެވެ. 3 މަސް ދުވަހު ކުރި ފަރުވާއިން އިންފެކްޝަން ހުއްޓުވުނެވެ. އެކަމަކު އެއިރު ގުނަވަނުން ބައެއް ވަނީ ގިރިފައެވެ. އެއްދާންކުރެވޭނެ ގޮތެއް ނެތެވެ.
ފުރަން އެއާޕޯޓަށްގޮސް ހުއްޓައި ބަދަލުވި އޭނާގެ އެކުވެރިއަކަށް އޭނާގެ ޙާލުކިޔައިދިނުމުން ބުންޏެވެ. "އެކުވެރިޔާއަށް ތިއަ ދިމާވިގޮތުން ވަރަށް ދެރަވަމެވެ. އަދި ޢުމުރަކީ 35 އަހަރުތާއެވެ. ދުނިޔޭގައި ހުންނަން ޖެހޭނީ ކިހާދުވަހަކު ކަމެއް ނުއެނގޭތާއެވެ. ތިއަ މަޙްރޫމްވީ އެންމެ ބޮޑު އުފަލުންނެވެ. ތިބާގެ ޞިއްޙަތު ސަލާމަތުން ހުރީތީ ކަންކަމަށް އަދިވެސް ބޭނުންވާނެއެވެ.
އަހުރެން އެކުވެރިކަން ބާއްވާނަމެވެ. މިބުނީ ރުޅިއެއް ނޫނެވެ. ނަމަވެސް ބަހެއް ބުނެލާނަމެވެ. އެކުވެރިޔާ ބުނަމުން އައީ ޒިނޭކުރުމަކީ އެކުވެރިޔާއަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އެކުވެރިޔާއަށް ނުވިސްނުނީ އެކުގައި ގިރިގެންދިއުމުގެ ޙައްޤު އެގުނަވަނަށް ލިބިގެންވާ ކަމެވެ.
އަހުރެން ޒިނޭނުކުރަނީ އެކަން ކުރެވެން ނެތިގެނެއް ނޫނެވެ. އެކަން އެކުވެރިޔާއަށްވެސް އެނގޭނެއެވެ. ﷲ އަށް ބިރުވެތިވެގެން ހުރީތީ ޒިނޭކުރުމުގެ ޙައްޤު އަހުރެންނަށް ނެތީމައެވެ. ދެންވެސް ތައުބާވެ ދުޢާކުރަމުން ގެންދާށެވެ. ޙާލަތު ބަދަލުކޮށްދެއްވަވަން ﷲ ކުޅަދުންވަންތައެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ފުރަތަމަވެސް ބަލައިލަންވީ އިންސާނުންނަށް ލިބެންޖެހޭ ޙައްޤުތަކަކީ ކޮބައިތޯއެވެ؟ ހަމަޤައިމުވެސް އަލިފާންގަނޑެއްގެ ތެރެއަށް ފުންމައިލުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. މާނައަކީ ތިމާގެ އަމިއްލަ ނަފްސަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް އިންސާނަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.
އިސްލާމް ދީނަށް ޢަމަލުކުރާނަމަ މުސްލިމުންނަށް ޙައްޤުތަކެއް ގެއްލިގެންދާކަމަށް ބުނެ ދައްކާ ވާހަކަތާއި ގުޅިގެން ބުނެލަން އޮތީ ފުރަތަމަ ކަމަށްވެސް އިސްލާމް ދީނަށް ޢަމަލުކުރުމުން ގެއްލިގެންދާ އެންމެ ޙައްޤެއްވެސް ނިކަން ބުނެދީބަލާށެވެ!
އިސްލާމް ދީނަށް އަމަލުކުރުމުން ޙައްޤުތަކެއް ގެއްލިގެންދާ ކަމަށް ބުނެ ވާހަކަ ދައްކާ އެއްވެސް މީހަކަށް އިންސާނުންގެ ބުއްދިއަށް ޤަބޫލުކުރެވޭފަދަ ވާހަކައެއް ނުދެއްކެއެވެ. އެހެނީ އެކަމެއް ކުރުމުން އިންސާނުންނަށް ޙަޤީޤީ ފައިދާކުރާނެ އެއްވެސް ކަމެއް އިސްލާމް ދީނުގައި މަނާކުރެވިގެން ނުވާތީއެވެ.
މިސާލަކަށް ބުނާނަމަ ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގުން، އެއްޖިންސުން ގުޅުން ހިންގުން، އަޢުރަ ނިވާނުކޮށް އުޅުން ފަދަ ކަންކަން އިސްލާމް ދީނުގައި ނަހީ ކުރައްވަވާފައިވަނީ އެކަންކަން ކުރުމުން ލިބޭ ވަގުތީ އުފަލަށްވުރެ ފަހުން ކުރަންޖެހޭނެ ހިތާމަބޮޑުވުމުންނެވެ.
އަދި މިފަދަ ކަންކަމަކީ ފާފަތައް ކަމުގައި ކަނޑައަޅާފައިވަނީ ހަމައެކަނި އިސްލާމް ދީނުގައެއް ނޫނެވެ. އެއްވެސް ދީނެއްގައި އެކަންކަންކުރުން ހުއްދައެއް ނޫނެވެ. އަމިއްލައަށް މީހުން އުފައްދާފައިވާ ހިންދޫ ދީން ފަދަ ދީންތަކުގައިވެސް މިކަންކަމަކީ ހުއްދަ ކަންކަމެއް ނޫނެވެ. އެކަންކަން ކުރެވެންޖެހޭނެ ކަމަށް ވަކާލާތުކުރަނީ އެއްވެސް ދީނަކުން ދަލީލު ދެއްކެން އޮވެގެނެއް ނޫނެވެ.
ދެން ތިރީގައިއެވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.
ކީރިތި ޤްރްއާނުގައި ބަޔާންވެގެން ނުވާ އެއްވެސް ޙައްޤެއް، ޚާއްޞަކޮށް އިންސާނީ ޙައްޤެއް މީހަކު ދައްކައިފި ނަމަ އިސްލާމް ދީން ދޫކޮށްލާފައި އެމީހެއްގެ ފަހަތުން އަޅުގަނޑު ދުވާނަމެވެ. "ކީއްކުރަންތޯ މިފަދަ އުނި ދީނެއްގައި (އިސްލާމް ދީނުގައި އެއްވެސް އުނިކަމެއް ހުރިނަމަ އެދީނުގައި) ހުންނަވީ؟"
ކީރިތި ޤްރްއާނުގައި ﷲ ތައާލާ ވަނީ ހުރިހާ ކަންކަން ބަޔާން ކުރައްވަވައިފައެވެ. އުނި ނުވަތަ މަދުވާ ހަމަ އެއްވެސް ކަމެއް ނެތެވެ. އެފަދަ ކަމެއް އެއްވެސް މީހަކަށް ނުދެއްކޭނެއެވެ.
(ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެ މުޅި ދުނިޔެއަށް ގޮންޖައްސަވާފައިވާއިރު ކީރިތި ޤްރްއާނުން އުނިކަންކަން ހޯދަން މިހައިތަނަށް މަސައްކަތްކޮށް، ބޮޑެތި ދިރާސާތައް ކުރި ގިނަ ބައަކު ވަނީ ކީރިތި ޤްރްއާނުގެ ފުރިހަކަން ޤަބޫލުކޮށް އިސްލާމްވެފައެވެ.)
އިންސީންނާއި ޖިންނީން އެކުވެގެން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކީރިތި ޤްރުއާނާއި އެއްފަދަ ފޮތެއް ނުގެނެވޭނެ ކަމަށް ﷲ ތަޢާލާ ވަނީ އެތައް އާޔަތެއްގައި ވަޙީ ކުރައްވަވައިފައެވެ. އެއިގެ ފަހުން 1400 އެތައް އަހަރެއް ފާއިތުވެގެން ދިއައިރުވެސް އެކަން ނުކުރެވި މިވަނީ ކީއްވެގެން ހެއްޔެވެ؟ ކިތަންމެ ގިނަ ބައަކު ގުޅިގެން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެކަމެއް ނުދެއްކޭނބެއެވެ. އެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. އެއީ ހަމަ އެކަނި ކީރިތި ޤްރްއާނަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރިކަމެކެވެ. ޤިޔާމަތާއި ހަމައަށްވެސް އެކަން އެގޮތުގައި ދެމި އޮންނާނެއެވެ. އެއީ ﷲ ތަޢާލާގެ ވަޢުދު ބަސްފުޅެކެވެ.
ﷲ ތަޢާލާ ވަނީ ކީރިތި ޤްރްއާން ހިތުދަސްކުރަން ފަސޭހަކޮށްދެއްވަވައިފައެވެ. ތުއްތު ކުދިންނަށް ކީރިތި ޤްރްއާން އެހައި ފަސޭހައިން ހިތުދަސްކުރެވެނީ އެހެންވެގެންނެވެ. އުމުރުން 9 ވަރަކަށް އަހަރުގެ ކުދިންނަށް ކީރިތި ޤްރްއާން އެހައި ފަސޭހައިން ހިތުދަސްކުރެވޭއިރު އެހެން އެއްވެސް ފޮތެއް އެއުމުރުގެ ކުދިންނަށް ދަސްކުރެވިފައެއް ނުވެއެވެ.
(ހަމައެކަނި ކުޑަކުދިންނެއްވެސް ނޫނެވެ. ބައިބަލް ހިތުދަސް ހަމައެކަކުވެސް ދުނިޔޭގައި ހުރިކަން އެއްވެސް ގޮތަކުން އެނގޭކަށް ނެތެވެ. ދުނިޔޭގެ އާބާދީގައި ގިނައީ ކްރިސްޓިއަނުން ކަމަށްވާއިރުވެސްމެއެވެ.)
ކީރިތި ޤްރްއާނަށް ލިބިފައިވާ އެއް މުޢްޖިޒާތަކީ ރިވެތި އަޑަކުން ކީރިތި ޤްރުއާން ކިޔަވާނަމަ ދުވަހަކުވެސް އަޑުއަހަން ފޫހި ނުވުމެވެ. އަބަދުވެސް އިތުރަށް އަޑުއަހަން ޝައުޤުވެރިވެވޭކަމެވެ. "މިއަދުގެ ހުޅަނގުގެ ޤައުމުތަކުގައިވެސް އެމެރިކާގައިވެސް ޣައިރު މުސްލިމުންނަށް ކީރިތި ޤްރްއާނުގެ އަޑު އިއްވުމަށްފަހު ކުރެވުނު އިޙްޞާޞްތަކާއިމެދު ސުވާލުކުރުމުން ވަރަށް ނައިސް ފީލިންގްސް އިޙްޞާޞްވިކަމަށް އެބަ ބުނޭ. އެހެން އެބުނަނީ މިއީ ކޮން އެއްޗެއްކަންވެސް ނުއެނގޭ ޣައިރު މުސްލިމުން."
ކީރިތި ޤުރްއާނަށް ﷲ ތަޢާލާ ވަނީ ހިތްތަކުގެ ދިރުން ނުވަތަ ފުރާނައިގެ ނަމުން ނަން ދެއްވަވައިފައެވެ. އެހެހެން ކަމުން އެއީ މުޅި އިންސާނިއްޔަތަށް އޮތް ދިރުމެކެވެ. ކޮންމެ ފަދަ ބައްޔެއް ޖެހިގެން ޑޮކްޓަރަށް ދެއްކި ނަމަވެސް ޑޮކްޓަރުން ފުރަތަމަ ކަށިގަނޑު އަޅާނީ ހިތުގައެވެ. ބަނޑުގައި ރިއްސާތީ ދާ މީހާގެ ވެސް ބަނޑަކު ނޫނެވެ. އެއީ އިންސާނާގެ ދިރިހުރުން ހިތާއި ގުޅިފައިވާތީއެވެ.
އާދަމްގެފާނު އުފެއްދެވުމަށްފަހު ފުރާނަ އެޅުއްވެވީ ﷲ ތަޢާލާގެ ރޫޙްފުޅުން ފުމެލައްވަވައިގެންނެވެ. އެހެންކަމުން ކިތަންމެ ވަރަކަށް ތަރައްޤީވެ ކުރިއަރައިގެން ދިއަ ނަމަވެސް ފުރާނަ އެޅުވުމަކީ އެއްވެސް މީހަކަށް ނުވަތަ ބައަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
- ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން