ބުއްދިވެރިންނަކީ ކުރާ ކޮންމެ ކަމަކުންވެސް ޤިޔާމަތް ދުވަހު ތިމާއަށް ފައިދާކުރާނެ ގޮތަށް ކަންކަން ކުރާ މީހުންނެވެ. ކޮންމެ ކަމެއް ކުރިނަމަވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވީ ޤިޔާމަތްދުވަހު ތިމާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށް އެކަން ކުރުމަށެވެ.
އެއްވެސް ޒަމާނެއްގައި މީސްތަކުން ހިތަށްއެރިހައި ގޮތަކަށް އުޅެމުންދަނިކޮށް އެބައަކަށް ތެދުމަގު ފެނުމަކީ ވެފައި އޮތްކަމެއް ނޫނެވެ. ތެދުމަގު ދައްކަވަނީ އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ. ތެދުމަގު ހޯދަން މަސައްކަތްކުރުމުންނެވެ.
ހަމައެއާއިއެކު ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އުފުލަންޖެހެއެވެ. އެމީހަކީ ތަޤްވާވެރިއަކަށްވުމަށް މަސައްކަތްކުރަންޖެހޭނެއެވެ. އަދި އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ އެންމެންނަށް ތަޤްވާވެރިވުމަށް ބާރުއަޅަންވެސް ޖެހޭނެއެވެ. އެއީ ހަމަ ކޮންމެ މީހަކާއިވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. އެމަސްއޫލިއްޔަތު އަދާކުރި ގޮތަކާއިމެދު ސުވާލުކުރައްވަވާނެ ކަމެކެވެ.
މީސްތަކުންނޭވެ! ކުރިއަށް މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. ވީހައި ގިނަ ހެޔޮ ޢަމަލުތައްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ހަމައެއާއިއެކު ތިމާގެ ބެލެނިވެރިކަމުގެދަށުގައިވާ އެންމެންނަށްވެސް ހިތްވަރުދޭށެވެ. ހެޔޮ ޢަމަލުތައްކުރުން ގިނަކުރުމަށެވެ. ރަމަޟާން މަސް ނިމިގެންދާއިރު ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން މިންޖުކުރައްވަވާ އަޅުންގެތެރޭގައި ހިމެނުމަށް ކުރާ މަސައްކަތް އިތުރުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުމަކީވެސް ވިސްނައިލުން މުހިންމު ލިޔުމެކެވެ.
މުޖުތަމައުގައި އެއްވެސް ބިރެއްނެތި ފާފަކުރުން އިތުރުވަމުން އަންނަ ކަމުގެ ވާހަކަތައް ގިނަ ބައަކު ދައްކައެވެ. ސަރުކާރުންވެސް ދައްކައެވެ. ޚުޠުބާތަކުގައިވެސް ކިޔައެވެ. ސުވާލަކީ ހަމައެކަނި އެވާހަކަ ދެއްކުމުން ފުދޭނެ ހެއްޔެވެ؟ ހުއްޓުވަން އަޅަނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ އަމަލީ ގޮތުން ކުރަނީ ކޮންކަމެއް ހެއްޔެވެ؟
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެއީ
ޤައުމުގައި ހިނގަމުންދާ މުންކަރާތްތައް ދަނީ އިތުރުވަމުން ކަމަށާއި އެހެންކަމުން އެ މުންކަރާތްތައް ހުޢްޓުވުމަށްޓަކައި ޢާއިލާތަކުންނާއި ސަރުކާރުން ގަދައަޅައި މަސައްކަތް ފެށުމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ގޮވާލައްވައިފިއެވެ.
މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި މިއަދުގެ ހުކުރު ނަމާދު އިމާމްވެ ކުރައްވަމުން އަމިއްލަފުޅަށް ވިދާޅުވި ޚުޠުބާގައި ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ގޭތެރޭގައި ހިންގާ ނުބައި ކަންކަން ހުއްޓުވަން ގޭތެރެއިން، ޢާއިލާގެ މީހުންނަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. ހަމަ އެއާއިއެކު ޤައުމުގައި ހިންގާ ނުރަނގަޅު އަމަލުތައް ހުއްޓުވަން މަސައްކަތްކުރަން ސަރުކާރަށް ޖެހޭނެ ކަމަށެވެ.
ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީ ކުރުމަކީ އީމާންކަމުގެ ތެރެއިން ހިމެނިގެންވާ ކަންކަން ކަމަށެވެ. އެހެންކަމުން ކަންކަން އިޞްލާޙްކުރަން ޢާއިލީ ފެންވަރުގައާއި ފަރުދީ ފެންވަރުގައިވެސް ނަޞޭޙަތްތެރިވެ އިޞްލާޙުކުރުމުގެ މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. ހަމައެއާއިއެކު މުންކަރާތްތައް ހުއްޓުވަން، މުޖުތަމައު އިޞްލާޙްކުރުމުގެ ޒިންމާ އުފުލަން ޖެހޭ ދައުލަތުން ނުވަތަ ސަރުކާރުން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ މީސްތަކުން ނަމާދު ނުކޮށް ތިބޭނަމަ، ނަމާދު ވަގުތު މިސްކިތް ކައިރިން ބައްދަލުވާ މީހުންނަށްވެސް ނަޞޭޙަތެރިވެ ނަމާދުކުރަން ހިތްވަރުދޭން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ. ޢާއިލާގެ މީހުން ލައްވައި ނަމާދުކުރުވަން މަސައްކަތްކުރަން ޖެހޭނެ ކަމަށާއި ގާތް އެކުވެރިންނަށް ވެސް ނަމާދުކުރަން ހިތްވަރުދޭން ޖެހޭނެ ކަމަށެވެ.