އަޅުވާ ކިޔުމުގެ ނަތީޖާ!: ދަރިކުލުނާ ލޯބީގެ ކުލުނު އެއްވުމުން ދޮށީ އަންހެނަކާއެކު މާއުފަލުގައި އުޅެމުން އަންނަ ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
އަޅުވާ ކިޔުމުގެ ނަތީޖާ!: ދަރިކުލުނާ ލޯބީގެ ކުލުނު އެއްވުމުން ދޮށީ އަންހެނަކާއެކު މާއުފަލުގައި އުޅެމުން އަންނަ ފިރިއެއްގެ ވާހަކަ-

އެއީ ދަރިއަކު ބަލަމުން އަންނަ އެކަނިވެރި މައެކެވެ. އުޅެނީވެސް ވަރަށް ދަތިޙާލުގައެވެ. އެޙާލުގައި އުޅެމުންވެސް އޭނާ ނިކަމެތި ކުއްޖަކު ބެލެހެއްޓިއެވެ. އެއީ ކުޑައިރު ވަރިކޮށްލާފައި ދިއުމުން މަންމަ އެކަނި ބަލަހައްޓަނިކޮށް މަންމަވެސް މަރުވުމުން އެހީތެރިވެދޭނެ އެކަކުވެސް ނުވެފައިހުރި ކުއްޖެކެވެ. އެކުއްޖާ ގޭގައި ގެންގުޅުނީ އަމިއްލަ ދަރިއަކު ފަދައިންނެވެ.  

ދީލަތި މީހެއްގެ އެހީތެރިކަމުގައި ކުއްޖާ ކޮލެޖު ނިންމައި ވަޒީފާއަދާކޮށް ފުރަތަމަ ލިބުނު މުސާރައިން އެއްބައި އޭނާއަށް އެހީތެރިވެދިން އަންހެން މީހާއަށް ދިނެވެ. ނަމަވެސް އޭނާ ބޭނުން ނުކޮށް ބުނީ ކަންކަން ކޮށްދިނީ ފައިސާއަށް ނޫންކަމަށެވެ. ދެކެނީ ދަރިއަކު ފަދައިން ކަމަށެވެ. އެއްޗެއް ދޭން ބޭނުންވެއްޖެނަމަ އެއެއްޗެއް ގަނެގެން ގެންސްދިނުމުން މާއުފާވާނެ ކަމަށެވެ. އެއިގެ ފަހުން ކޮންމެ މަހަކުވެސް ގެއަށް ބޭނުންވާނެ އެއްޗެތި ގަނެދެއެވެ. 

އެތަން އަވަށްޓެރިންނަށް ފެންނަން ފެށުމުން އެކަން ބޮޑުކަމަކަށް ހަދައިފިއެވެ. އެހައިތަނަށް އަވަށްޓެރިއަކުވެސް އަނގައިން ބުނެނުލާ އެކުއްޖާއާއިމެދު ވާހަކަ ދައްކަން ފަށައިފިއެވެ. އެންމެފަހުން ދެމީހުން އަޅުވައިކިޔަން ފަށައިފިއެވެ. އެކުއްޖާ އަންހެންމީހާދެކެ އެހައިލޯބިވަނީ ކުޑައިރުންސުރެ "ހުރިހާ ކަމެއްކޮށްދޭތީ" ކަމަށްބުނެ މާނަ އޮޅުވާލައިފިއެވެ.  

އެކަމުން ސަލާމަތްވުމަށް ޒުވާނާ އެއްޢުމުރުގެ ކުއްޖަކާ ކައިވެނިވެސް ކުރިއެވެ. އަންހެން ކުއްޖާ އެހެން މީހަކު ދެކެ ލޯބިވެ ދެމީހުންނަށް އެކުގައި ނުއުޅެވިގެން ވަރިކުރަންޖެހުމުން ވަރިކޮށްފައި ކުއްޖާ އަނެއްކާވެސް އެއީ އެއަންހެންމީހާގެ ގާތަށެވެ. އެއީ އޭނާއަށް ގެއަކަށް އެގެ ފެނިފައިހުރުމުންނާއި މަންމައެއްގެ ދަރަޖަ އަންހެންމީހާއަށް ދެވިފައިވާތީއެވެ. އޭނާގެ ދަރިފުޅަކީ ކޮއްކޮކަމަށް ދެކޭތީއެވެ.  

އެގޭގައި އުޅެންފަށައި ގެއަށް އެއްޗެތިވައްދާތަން ފެންނަންފެށުމާއިއެކު އަވަށްޓެރިން އަނެއްކާވެސް ކުރިން ދެއްކި ވާހަކަތައް ދައްކަން ފަށައިފިއެވެ. ދެމަފިރިންނަށް އެކުގައި ނުއުޅެވުނީވެސް އަންހެން މީހާގެ ސަބަބުންކަމަށް ބުނަން ފަށައިފިއެވެ. އެހެންވެ އަންހެންމީހާ ގެއިން ނުކުންނަނީވެސް ވަރަށް މަދުންނެވެ. ކުނިކަހަންވެސް ނުކުމެއްޖެނަމަ އަޑުތައް އިއްވާތީއެވެ.

އަޅުވައި ކިޔުމަކީ އިސްތިރިއަށްވުރެ ބާރުގަދަ ފަންޑިތައަކަށްވާކަމަށް ބުނާބުނުން ތެދުވެއްޖެއެވެ. ޒުވާނާގެ ލަދުވެތިކަން ކަނޑާލައި އެންމެފަހުން އާދޭސްކޮށްގެން އަންހެންމީހާއާއި ކައިވެނިކުރީއެވެ. އަންހެން މީހާގެ ޢުމުރަކީ 40 އަހަރެވެ. ޒުވާނާގެ ޢުމުރަކީ 28 އަހަރެވެ.  

ކައިވެނިކުރުމަށްފަހު އަވަށްޓެރިންނަށް ފެންނަ ގޮތަށް ރޭގަނޑު ޖޯލީގައިވެސް ތިބެއެވެ. އެކުގައި ހިނގާލަންވެސްދެއެވެ. އަވަށްޓެރިންނަށް ޖެހުނީ ތަލިން ކުޅުހިކިގެން ތިބޭށެވެ. އެކައިވެންޏަށް މިހާރު 20 އަހަރެވެ. އަދިވެސް އުޅެމުން އެގެންދަނީ ހަމަ އެގޮތުގައެވެ. އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ މިހާރު އެއޮތީ ލޯބީގެ ކުލުނާއި ދަރިކުލު އެކުވެފައެވެ. ފިރިމީހާ އޭނާގެ އެކުވެރިންގެ ގާތުގައި ބުނަނީ ކުރިންކުރި ކައިވެނިން ލިބުނު ވަރަށްވުރެ މާބޮޑަށް އުފާވެރިކަން ލިބޭ ކަމަށެވެ.  

އަޅުގަނޑު އިތުރުކޮށްލަން ބޭނުންވަނީ މިއީ އެއަންހެންމީހާ ދަތިޙާލުގައި އުޅެމުންވެސް ގޮތެއް ނެތިފައި ހުރި ނިކަމެތި ކުއްޖަކަށް އެހީތެރިވުމުން އޭނާއަށް ދުނިޔޭގައިވެސް އުފާވެރިކަން ދެއްވެވުން ކަމަށެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

 

 

މިއަދު އޮންލައިން