ލޯބިވެރިޔާދެކެ ލޯބިވާތީ ކައިވެނިކުރުމަކީ ހެދޭ ގޯހެއްކަން އެނގޭތަ؟ ނިކަން މިކަންކަމަށް ވިސްނާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ލޯބިވެރިޔާދެކެ ލޯބިވާތީ ކައިވެނިކުރުމަކީ ހެދޭ ގޯހެއްކަން އެނގޭތަ؟ ނިކަން މިކަންކަމަށް ވިސްނާލަބަލަ!

ކައިވެނިކުރަން ބޭނުންވެގެން މަޝްވަރާ ކުރަން އައިމަ އަހުރެން ފުރަތަމައަށް ކުރާ ސުވާލަކީ ކައިވެނިކުރަން ތިއައުޅެނީ ކޮން ބޭނުމެއް ޙާޞިލުކުރަންތޯއެވެ. އެސުވާލަށް ދޭންޖެހޭ ރަނގަޅު ޖަވާބު އެނގެނީ ވަރަށް މަދު ބައަކަށެވެ. ގިނަ ބައަކު ބުނަނީ ލޯބިވާތީ ކަމަށެވެ. ނަމަވެސް އަނެކާ ދެކެ ލޯބިވުމަކީ ކައިވެނިކުރަން އޮތް ސަބަބެއް ނޫނެވެ.  

ލޯތްބަކީ ހިތުގައި އުފެދޭ ޝުޢޫރެކެވެ. އެއީ ކޮންމެ ވަޤުތަކުވެސް ބަދަލުވެދާނެ އެއްޗެކެވެ. ކައިވެނިކުރެވޭތަނުންވެސް ބަދަލުވެދާނެއެވެ. ބަދަލުވެއެވެ. އެހިސާބުން ބައިވެރިޔާގެ މަތިން ފޫހިވެ ކައިވެނި ރޫޅިގެންވެސްދެއެވެ. އެކަމުން އެނގެނީ ހަމައެކަނި ލޯބިވުމަކީ ކައިވެނި ދެމެހެއްޓޭނެ ސަބަބެއް ނޫންކަމެވެ.  

ލޯބިވެރިޔާދެކެވާ ލޯބި ޢުމުރަށް ދެމެހެއްޓިދާނެކަން ޔަޤީންތޯ ސުވާލުކުރުމުން ގިނަބައަކު އިސްދަށަށް ޖަހައެވެ. އެކަމުން އެނގެނީ ހަމަ ކުރިން މި ބަޔާންކުރި ކަމުގެ ޙަޤީޤަތެވެ.  

ލޯބިވެރިޔާ ދެކެ ލޯބިވަނީ ކީއްވެގެންތޯ ސުވާލުކުރުމުން އެއީ "ރީތިކަމުން" ކަމަށް ބުނެއެވެ. އަހުރެން އިތުރަށް ސުވާލުކުރަމެވެ. އެރީތިކަން ދެމިހުންނާނީ ކިހާދުވަހެއްކަން އެނގޭހެއްޔެވެ؟ ސިފަ ބަދަލުވާއިރަށް ލޯބިނުވާނީ ހެއްޔެވެ؟ މިދެސުވާލުކުރުމުން ގިނަ ބައެއްގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އެއީ އެކަމަށް ކުރިން ވިސްނާފައި ނެތީމައެވެ.  

އެކުވެރި ޒުވާނުންނޭވެ! މައްސަލައަކަށްވާ އެންމެ ބޮޑު ސަބަބަކީ ލޯބިވެރިޔާދެކެ ވާލޯބި ބައިވެރިއަކަށް ހެދުމަށްފަހު އޭނާ ދެކެ ނުވެވޭތީއެވެ. އެމައްސަލަ ޙައްލުކުރެވޭނީ މިބުނި ކަންކަމަށް ސަމާލުކަންދީގެން ކައިވެނިކުރީމައެވެ. ލޯބިވެރިންގެ ގޮތުގައި ތިބިއިރު ވީލޯބި ކައިވެންޏަށްފަހުގައިވެސް ވެވިގެންނެވެ. އެލޯބިވެވޭނީ ހެޔޮލަފާ ދިރިއުޅުމެއް އުޅެ ދެމީހުން އެކުގައި ސުވަރުގެ ވަނުމުގެ ނިޔަތުގައި ކައިވެނިކުޜިމައެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

 

މިއަދު އޮންލައިން