ޤުރްއާނުގެ އަޚްލާޤީ ސިފަތައް 2: ޝައިޚް ޢަބްދުއްސަލާމް އައްޝުވަޢިރް

ކިޔުމަށް ހޭދަވާނީ 2މ 50ސ
ޤުރްއާނުގެ އަޚްލާޤީ ސިފަތައް 2: ޝައިޚް ޢަބްދުއްސަލާމް އައްޝުވަޢިރް

ޢާއިޝަތު ރަފާޙް ޢަލީ

 

ލޮބުވެތި އަޚުންނޭވެ! އަޅުގަނޑު ކުރިންވެސް ފާހަގަކުރި ފަދައިން، ކީރިތި ޤުރުއާން އުނގެނި، އެ ފޮތް އުފުލާ މީހާގެ މިޒާޖާއި އޭނާ ކުރާ އަޅުކަންތަކަކީ އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ކަންކަމެވެ. އެކަން އޭނާގެ ރިތި އަޚްލާޤުންނާއި، މީސްތަކުންނާ ބާއްވާ މުޢާމަލާތްތަކުންނާއި، އަމިއްލަ އަހުލުވެރިންނާ އޮންނަ ގާތް ގުޅުމުން ފެންނަން އޮންނަންވާނެއެވެ. ޙަޤީޤީ ޤުރުއާނުގެ އަހުލުވެރިއަކީ، ހަމައެކަނި ބޭރުފުށުން މީސްތަކުންގެ ކުރިމަތީގައި ރިތި އަޚްލާޤެއް ދައްކައި، ނަމަވެސް ގޭތެރޭގައި ތިމާގެ އަހުލުވެރިންނާ މުޢާމަލާތް ކުރާއިރު ބަދުއަޚްލާޤީ މީހަކަށްވާ މީހާއެއް ނޫނެވެ. 

ޤުރުއާނުގެ އަހުލުވެރިޔާ ވާންޖެހޭނީ އެއާ މުޅިން ތަފާތު، ނަމޫނާ މީހަކަށެވެ. ލޮބުވެތި ނަބިއްޔާ ﷺ ގެ އަޚްލާޤުފުޅާ ބެހޭގޮތުން އުއްމުލް މުއުމިނީން ޢާއިޝަތުގެފާނާ ސުވާލު ދެންނެވުމުން އެކަމަނާ ޙަދީޘްކުރެއްވީ، "އެކަލޭގެފާނުގެ އަޚްލާޤުފުޅަކީ ކީރިތި ޤުރުއާން" ކަމުގައެވެ. އަދި އެކަލޭގެފާނަކީ ގޭތެރޭގެ މަސައްކަތްތަކުގައި އަހުލުވެރިންނަށް އެހީތެރިވެވަޑައިގެން އުޅުއްވި ބޭކަލެއްކަންވެސް އެކަމަނާ ބަޔާންކުރެއްވިއެވެ. މީގެން ދޭހަވަނީ އެކަލޭގެފާނުގެ މަތިވެރި އަޚްލާޤުފުޅު ގޭތެރޭގައްޔާއި ބޭރުތެރޭގައިވެސް ހުރީ ޤުރުއާނުގެ މިންގަނޑުން އެއް ހަމައެއްގައި ކަމެވެ. 

އަޚުންނޭވެ! އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން ބުނެލަން އޮތީ، މި ބަޔާންކުރި ސިފަތަކަކީ ޤުރުއާނުގެ އަހުލުވެރިންގެ ކިބައިގައި ހުންނަންޖެހޭ މަތިވެރި ސިފަތަކުގެ ތެރެއިން ވަރަށް މަދު މިންވަރެއް ކަމެވެ. ރަސޫލާ ﷺ ގެ މުޅި ސުންނަތާއި، އެކަލޭގެފާނުގެ ސިފަފުޅުތަކާއި، ދެއްވާފައިވާ އިރުޝާދުތަކަކީ ޤުރުއާނުގެ އަހުލުވެރިންގެ ސިފަތަކެވެ. މި ހުރިހާ ކަމަކީ އިންސާނާގެ ޢަމަލުތައް ވަޒަންކުރާނޭ ޢަދުލުވެރި މީޒާނެކެވެ. އެހެންކަމުން، މީހެއްގެ ޢަމަލުތަކާއި، ހިތުގެ އިޚްލާޞްތެރިކަމާއި، ޤުރުއާނާ އޮތް ގުޅުން މި ސިފަތަކާ އެއްގޮތްވާނަމަ، އެ ނިޢުމަތަށްޓަކައި މާތްﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވާށެވެ. 

ނަމަވެސް، މީގެ އިދިކޮޅަށް ކަންތައް ހުރިނަމަ، އަމިއްލަ ނަފްސު މުޙާސަބާކޮށް އިޞްލާޙުގެ މަގު އިޚްތިޔާރު ކުރަންޖެހެއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި މުއުމިނުންގެ ސިފަތައް ބަޔާންކުރައްވާއިރު، އެބައިމީހުންގެ ނަފްސަކީ އަމިއްލަ ކުށްތަކަށް ހޭލުންތެރިވާ ނަފްސެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އަލްޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ: "އަމިއްލަ ނަފްސާއި ޢަމަލުތައް މާތްﷲގެ ފޮތާއި އެއްގޮތައް ވަޒަންކުރާ އަޅަކަށް މާތްﷲ ރަޙުމަތްލައްވާށިއެވެ." އޭނާގެ ޢަމަލުތައް މާތްﷲގެ ފޮތާއި ރަސޫލާގެ ސުންނަތާ އެއްގޮތްވާނަމަ ޙަމްދުކޮށް އިތުރަށް އެދި ދަންނަވާށެވެ. އަދި އެއާ ޚިލާފުވާނަމަ، އަމިއްލަ ނަފްސު އިޞްލާޙްކޮށް، ލަސްނުކޮށް ތައުބާވެ ﷲގެ މަގަށް ރުޖޫޢަވާށެވެ. 

އޭ އަޚުންނޭވެ! އަޅުގަނޑު މި ދެންނެވި ސިފަތަކަކީ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސު ވަޒަންކުރަންޖެހޭ ކަމެކެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ! ދުވަހެއް ދުވަހަކަށް ޤުރުއާން ކިޔަވައި ނަމަވެސް އެއަށް ޢަމަލުނުކުރާ، އަދި މާތްﷲގެ ވަޖުހުފުޅަށް އެދިގެން އެ މަސައްކަތް ނުކުރާ މީހުން ގިނަވެގެންދާނެއެވެ. 

- ޝައިޚް ޢަބްދުއްސަލާމް އައްޝުވަޢިރް ގެ ދަރުސަކުން 

- މިއަދުނޫސް

 

                   

                   

މިއަދު އޮންލައިން