ޢަލީ އިޙްޞާން ފިރާޤް
ހޮނިހިރުގެ ހުރުމަތް ކަނޑާލާ މަސްހިފަން ފެށުން:
ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން ޔަހޫދީންގެ މުޤައްދަސް ދުވަހެއްކަމުގައި މާތްﷲ ހަމަޖައްސަވައިފައިވަނީ ހޮނިހިރު ދުވަހެވެ. އެދުވަސް ޚާއްޞަކުރައްވާ، އެދުވަހު އަޅުކަމުގައި މަޝްޣޫލުވެ އުޅުމަށްވަނީ އަންގަވާފައެވެ. ހޮނިހިރު ދުވަހު ދިރިއުޅުމުގެ އެއްވެސް ކަމެއްގައި މަޝްޣޫލުވެ އުޅުން އެބައިމީހުންނަށްވަނީ މަނާކުރައްވައިފައެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް އެބައިމީހުން ދިޔައީ މާތްﷲ، އެބައިމީހުންގެ ފަރާތުން ހިއްޕެވި އަހުދު ކަށަވަރުގެ މަތިން ހަނދާނެތެމުންނެވެ. ދީނާއި ދުރުވަމުން ދިޔަ ވަރަކަށް އެބައިމީހުން އެކިގޮތްގޮތުން އިމްތިޙާނު ކުރައްވަމުން ގެންދެވިއެވެ. ހޮނިހިރުދުވަހު ކަނޑުގެ އައްސޭރިފަށަށް މަސްތައް ކެވި އުތުރި އަރަމުން އައިން އައިނަށް އާދެއެވެ. އެދުވަހަކީ މަސްހިފުން ޙަރާމްދުވަހެކެވެ. ހޮނިހިރު ދުވަސް ނޫން ދުވަސްދުވަހު ކަނޑުން އެބައިމީހުނަށް އެއްވެސް މަހެއް ނުފެނެއެވެ.
މިގޮތުގެ މަތީގައި ދުވަސްތަކެއް ވޭތުވެ ހިގައްޖެއެވެ. އެބައިމީހުންގެ ތެރެއިން ބައެއް މީހުންނަށް މި މަންޒަރު ދެކެންތިބުންވީ އުނގަދޫ ކަމަކަށެވެ. އެހެންކަމުން މަކަވެރި ރޭވުމަކުން އޭގެތެރެއިން މީހަކު މަހެއްގައި ވާގަނޑަކުން އައްސައި އެވާގަނޑު ގެންގޮސް އެގަމުގައި ޖަހާފައިވާ ކަޑައެއްގައި އައްސައިފިއެވެ. ދެން އާދީއްތަ ދުވަސް އައުމުން އެ މަސްހިފައި ބުންޏެވެ. [އަހަރެން މިމަސް ބޭނީ ހޮނިހިރު ދުވަހަކު ނޫނެވެ. އާދިއްތަ ދުވަހުއެވެ.] ދެން މީނާ މިކަންތައް ކުރާގޮތް އެނގި ވަރަށް ގިނަ ބަޔަކު އެ މަޅީގައި ޖެހިގެން މަސްހިފަންފަށައިފިއެވެ. ފުރަތަމަކޮޅު މަސްހިފައި އުޅުނީ ސިއްރުންނެވެ. ދެން ދުވަސްކޮޅެއްފަހުން ހަމަ ފާޅުގައި އެކަން ކުރަންފަށައިފިއެވެ.
ކީރިތި ޤުރްއާނުގެ ނައްޞުން ޘާބިތުވާ ގޮތުގައި އެ ރަށުގެ އަހުލުވެރިން ތިން ބަޔަކަށް ބެހެއެވެ. ފުރަތަމަ ބަޔަކީ ހޮނިހިރު ދުވަހުގެ ހުރުމަތް ކަނޑައި މަސްހިފި މީހުންނެވެ. ދެވަނަ ބަޔަކީ މަސްހިފަމުން ގެންދިޔަ މީސްތަކުންނަށް އެކަންތައް މަނާކުރި މީހުންނެވެ. ތިންވަނަ ބަޔަކީ މަސްނުހިފާ އަދި މަސްހިފާ މީހުންނަށް އެކަންތައް މަނާވެސް ނުކުރާ މީހުންނެވެ. މިބައިމީހުންނަކީ މާތްﷲ ގެ އަމުރުފުޅަށް ޚިލާފުވި ބައެއްނޫނެވެ. ނަމަވެސް މިމީހުން ނަސޭހަތްތެރިވި މީހުނަށް ބުނެއުޅުނެވެ. މާތް الله އެބަޔަކު ހަލާކު ކުރެއްވުމަށް އިރާދަކުރެއްވި ބަޔަކަށް ނަޞީޙަތްތެރިވަނީ ކީއްވެގެން ހެއްޔެވެ؟.
ފަހުން މިދެންނެވި ދެބައިމީހުންގެ ވާހަކަ ބަޔާން ކުރައްވަމުން ޤުރްއާނުގެ އަލްއަޢުރާފު ސޫރަތުގެ 164 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ ﴿١٦٤﴾
މާނައީ: [އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظ އިއްވަނީ ކީއްވެގެން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް عذر ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوى ވެރި ވުމަށްޓަކައެވެ.]
މީގެ ތެރެއިން ރާމާމަކުނުތަކަކަށް ބަދަލުކުރެއްވި ބަޔަކީ ހޮނިހިރު ދުވަހު މަސްހިފި މީހުންނެވެ. ސަލާމަތްކުރެވުނު ބަޔަކީ އެކަން މަނާކޮށް އެބައިމީހުންނަށް ނަސޭހަތްދިން މީހުންނެވެ. ތިންވަނަ ބައިމީހުންނަށް ވީގޮތުގެ އެއްވެސް ތަފްސީލެއް ޤުރްއާނުގައި ބަޔާންކުރައްވައިފައެއްނެވެ. ތިންވަނަ ބައިމީހުންނަށް މާތްﷲ ގެ އަމުރުފުޅަށް ޚިލާފުވި ބައެއް ނޫނެވެ. އިބްނުޢައްބާގެފާނާއި ޢިކްރިމާ ވިދާޅުވަނީ އެބައިމީހުންވެސް ސަލާމަތްވި ކަމުގައެވެ. މިފަދަ މާނައެއް ދޭހަވާ ރިވާޔަތެއް އިބްނު ކަޘީރު ގެންނަވައިފައިވެއެވެ.
ދެންފަހެ، މަސްހިފަމުން ގެންދިޔަ މީހުންނަށް ދެވުނު ނަސޭހަތްތަކުން އެއްބައިމީހުންނަށް އެއްވެސް މަންފާއެއް ނުކުރިއެވެ. އެބައިމީހުން އެގޮތުގައި ދެމިތިބީއެވެ. އެންމެފަހުން މާތްﷲ އެބައިމީހުންގެ މައްޗަށް ކޯފާ ލައްވައި ރާމާމަކުނުތަކަކަށް ބަދަލު ކުރެއްވިއެވެ. މިވާހަކަ އަލްއަޢުރާފު ސޫރަތުގެ 165 އަދި 166 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ ﴿١٦٥﴾ فَلَمَّا عَتَوْا عَن مَّا نُهُوا عَنْهُ قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ ﴿١٦٦﴾
މާނައީ: [ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب އަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ. ފަހެ، އެއުރެންނަށް ނަހީކުރެއްވި ކަންތަކާމެދު، އެއުރެން ބޮޑާވެގަތްހިނދު، ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުންވާށެވެ]
އިމާމު ޤުރުތުބީ ލިޔުއްވައިފައިވެއެވެ. އިބްނު ރޫމާން ވިދާޅުވެފައިވެއެވެ. އެބައިމީހުން ތެރެއިން މީހަކު ވާގަނޑެއްގައި މަހެއް އައްސައިފައި ކަނޑުގެ ތެރެއަށް ދޫކޮށްލިއެވެ. ވާގަނޑުގެ އަނެއްބައި އެއްގަމުގައި ހުރި މުޑިއެއްގައި އެއްސިއެވެ. ދެން ހޮނިހިރު ދުވަސް ފާއިތުވެ، އާދީއްތަ ދުވަސް އައުމުން އެމަސް ކަނޑުގެ ތެރެއިން ނަގައިފިއެވެ. މިތަންދެކެ އެހެން މީހުންވެސް އެގޮތަށް މަސްބާނަން ފަށައިފިއެވެ. ބާނާ މަސްތައް ބާޒާރުގައި ވިއްކަން ފަށައިފިއެވެ. އޭގެ ތެރެއިން އެއްބަޔަކު އެބައިމީހުންނަށް އެކަންތައް ވަރަށް ވަރުގަދައަށް މަނާކުރިއެވެ. އެބައިމީހުންނާ ގުޅުން ކަނޑައިލިއެވެ. ދެބައިމީހުންގެ ދެމެދުގައި ފާރެއް ރާނައިގެން ވަކިން ތިބެން ފަށައިފިއެވެ.
އެބައިމީހުންނަށް އެކަންތައް މަނާކުރި މީހުން އެއްދުވަހަކު އެބައިމީހުންގެ މަޖިލިސް ކުރާތަނަށް ގޮސް އެތައް އިރަކު ތިބި އިރުވެސް މަސްހިފާ މީހުންގެ އެއްވެސް ހިލަމެއް ނުވިއެވެ. ދެން އެބައިމީހުން އެއްބަޔަކު އަނެއްބަޔަށް ބުނަންފަށައިފިއެވެ. [އެބައިމީހުންނަށް ކޮންމެވެސް ކަމެއްވީ ކަންނޭނގެއެވެ.] ދެން އެމީހުން ގޮސް ފާރު މަތީން އަރާ ބެލިއިރު މަސްހިފި މީހުން ތިބީ ރާމާމަކުނުގެ ސިފައަށް ބަދަލު ކުރައްވައިފައެވެ. އެމީހުން ބުންޏެވެ. [އަހަރެންމެން ތިޔަބައިމީހުންނަށް އެގޮތަށް މަސްހިފުން މަނާ ނުކުރީމު ނޫން ހެއްޔެވެ؟] ސިފަ ބަދަލުކުރެވިފައިވާ މީސްތަކުން އެކަމަށް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
{ތަފްސީރު އަލްޤުރްތުބީ. ތަރުޖަމާ ޑރ. ޢާއިޝާ ބިވްލީ، ފުރަތަމަ ޖިލްދު، ޞަފްޙާ 298}
- ޢަލީ އިޙްޞާން ފިރާޤް