ފަށްކުރުމެއް!: ސަބާގެ ރަނިކަމަނާގެ ވާހަކަ- 2

ކިޔުމަށް ހޭދަވާނީ 25މ 39ސ
ފަށްކުރުމެއް!: ސަބާގެ ރަނިކަމަނާގެ ވާހަކަ- 2

ޢަލީ އިޙްޞާން ފިރާޤް  

 

ސިޓީފުޅު ރައްދުކުރެއްވުން:   

ހުދުހުދު ވަރަށް ހަލުވިކަމާއެކު ދަތުރުކޮށް ސަބާއަށް ހިނގައްޖެވެ. އަދި سليمان عليه السّلام، ގެ ސިޓީފުޅު بِلْقِيسُ ގެ ރަސްކަމުގެ ދަރުބާރަށް އެއްލައިލިއެވެ. ދެން ކަންތައްވެގެން ދާނެގޮތަކަށް އިންތިޒާރުގައި މަޑުކޮށްގެން އެބައިމީހުންނަށް ނުފެންނާނެހެން އިނެވެ.

ސަބާގެ ރަނިކަމަނާއަށް ސިޓީފުޅު ފެނިވަޑައިގެންނެވިއެވެ. އެސިޓީފުޅު ލިބިވަޑައިގެންނެވުމުން އެކަމަނާ އެ ސިޓީފުޅުގެ ޢިބާރާތް ވިދާޅުވިއެވެ. ވިދާޅުވުމަށްފަހު، ރަސްކަމުގެ ކޮއިލުތެރެއަށް ބޮޑުން އެއްކުރުމަށް ޚާއްޞަ އަމުރެއްކުރެއްވިއެވެ. އެކަމަނާގެ އެ އަމުރުފުޅާ އެއްގޮތަށް ވަރަށް އަވަހަށް އެތަން މިތަނުން ރަސްކަމުގެ ބޮޑުންނާއި ވަޒީރުން އައިސް ރަސްކަމުގެ ދަރުބާރު ފުރާލިއެވެ. ދެން އެކަމަނާ އެ ސިޓީފުޅު އެބައިމީހުންނަށް ބަޔާންކޮށްދެއްވިއެވެ. އެވާހަކަ ޙިކާޔަތުގެ ގޮތުން ނަމްލު ސޫރަތުގެ 29 ވަނަ އާޔަތުން ފެށިގެން 31 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

 قَالَتْ يَا أَيُّهَا الْمَلَأُ إِنِّي أُلْقِيَ إِلَيَّ كِتَابٌ كَرِيمٌ ﴿٢٩﴾ إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿٣٠﴾ أَلَّا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ ﴿٣١﴾

މާނައީ: [(ސިޓީ ލިބުމުން) އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ ބޮޑުންނޭވެ! ހަމަކަށަވަރުން، މާތްވެގެންވާ ސިޓީފުޅެއް ތިމަންކަމަނާއަށް ލިބިއްޖެއެވެ. އެއީ، ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ  އެވެ. (رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.) ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!]

މިސިޓީ އެކަމަނާގެ ދޫފުޅުޅުން ރަސްކަމުގެ ދަރުބާރަށް އެއްވެފައިވާ މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށްފަހު، އެކަމަނާ ބޮޑުންނާއި ސުވާލެއް ކުރެއްވިއެވެ. އެއީ އެސިޓީއަށް ދެއްވާނެ ރައްދަކާއި މެދުގައެވެ. މި ވާހަކައަށް އިޝާރާތް ކުރައްވައި ނަމްލު ސޫރަތުގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

قَالَتْ يَا أَيُّهَا الْمَلَأُ أَفْتُونِي فِي أَمْرِي مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ ﴿٣٢﴾ 

މާނައީ: [އެކަމަނާ ވިދާޅުވިއެވެ. އޭ (قوم ގެ) ބޮޑުންނޭވެ! އަހުރެންގެ މިކަންތަކުގައި ތިޔަބައިމީހުންނަށް ފެންނަގޮތް އަހުރެންނަށް ބުނެދޭށެވެ! ތިޔަބައިމީހުން އަހުރެންނާއެކު حاضر ވެއްޖައުމަށްދާނދެން އަހުރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ.]

ދެން ސަބާގެ އިސްވެރިން އެކަމަނާއަށް ޖަވާބު އެރުވިއެވެ. އަހަރެންމެނަކީ މުއްސަނދި އަތުގެ މުލައްދަނޑީގެ ބާރު ހުރި ބަޔަކީމުއެވެ. އާރާއި ބާރު ހުރި ބަޔަކީމުއެވެ. ކަންތައް ހަމަޖައްސަވާނެގޮތެއް އެނގިވަޑައިގަންނަވާނި ކަމަނާއަށެވެ. ކަމަނާ ކުރައްވާނެ ތަދުބީރެއް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. މިވާހަކަ ނަމްލު ސޫރަތުގެ 33 ވަނަ އާޔަތުގައި މާތްﷲ  ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

 قَالُوا نَحْنُ أُولُو قُوَّةٍ وَأُولُو بَأْسٍ شَدِيدٍ وَالْأَمْرُ إِلَيْكِ فَانظُرِي مَاذَا تَأْمُرِينَ ﴿٣٣﴾

މާނައީ: [އެއުރެން (އެކަމަނާއަށް) ދެންނެވޫއެވެ. ތިމަންމެންނީ، އާރާއި ބާރުހުރި ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ، ކަމަނާ ކުރައްވާނެ أمر އަކާމެދު ވިސްނަވާށެވެ!]

އެބައިމީހުން އެހެން ދެންނެވުމުން بِلْقِيسُ އަށް އެބައިމީހުންގެ ކިޔަމަންތެރިކަން އެނގިވަޑައިގަތެވެ. އެބައިމީހުން ރަސްކަން ޙިމާޔަތްކުރުމަށް ޖާނާއި މާލުން ފިދާވާނެކަން އެނގިވަޑައިގަތެވެ. ނަމަވެސް بِلْقِيسُ ރަނިން سليمان عليه السّلام އާ ހަނގުރާމަކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވައެވެ. އެއަށް ވުރެ އެކަމަނާގެ ބުއްދިފުޅު ފުރިހަމައެވެ. އެހެނީ ރަސްކަލަކު ގަދަބާރުން ރަށަކަށް އަރައިފިނަމަ، އެރަށެއް ތަޅާ ސުންނާފަތިކުރާނެކަން އެކަމަނާއާށް އެނގިވަޑައިގަންނަވައެވެ. މިވާހަކަ ނަމްލު ސޫރަތުގެ 34 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

قَالَتْ إِنَّ الْمُلُوكَ إِذَا دَخَلُوا قَرْيَةً أَفْسَدُوهَا وَجَعَلُوا أَعِزَّةَ أَهْلِهَا أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ ﴿٣٤﴾

މާނައީ: [އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، فساد ކުރައްވައި، އަދި އެރަށެއްގެ أهل ވެރިންކުރެ عزّة ތެރިން ނިކަމެތިކުރައްވަތެވެ. އަދި އެއުރެން ކަންތައްކުރައްވަނީ އެފަދައިންނެވެ.]

މިދެންނެވި މޭރުމުން بِلْقِيسُ އެކަމަނާގެ ބޮޑުންނާ މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ  سليمان عليه السّلام  އަށް ވަރުގަދަ ވެދުންބަރުތީލައެއް ފޮނުއްވުމަށެވެ. އެއީ އެކަލޭގެފާނަކީ ނަބިއްޔެއްތޯ ނުވަތަ ދުނިޔެ އެދުމަށް އުޅުއްވާ ރަސްކަލެއްތޯ ބެއްލެވުމަށެވެ. އެކަމަނާ ވިދާޅުވި ބަސްފުޅު ޙިކާޔަތުގެ ގޮތުން ނަމްލު ސޫރަތުގެ 35 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

وَإِنِّي مُرْسِلَةٌ إِلَيْهِم بِهَدِيَّةٍ فَنَاظِرَةٌ بِمَ يَرْجِعُ الْمُرْسَلُونَ ﴿٣٥﴾

މާނައީ: [އަދި ހަމަކަށަވަރުން، ތިމަންކަމަނާ އެއުރެންނަށް ހަދިޔާއެއް މިފޮނުއްވަނީއެވެ. ދެން (އެ ހަދިޔާއާއިގެން) ފޮނުވޭމީހުން އެނބުރި އަންނަނީ ކޮންއެއްޗަކާއިގެންތޯ ބައްލަވަން ތިމަންކަމަނާ انتظار ކުރައްވާނަމެވެ.]

عبد اللّـه بن عبّاس رضى اللّـه عنه  ވިދާޅުވެފައިވެއެވެ. بِلْقِيسُ އެކަމަނާގެ ވަޒީރުންނާއި ބޮޑުންނަށް މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. އަހަރެމެން މިފޮނުވާ ހަދިޔާ سليمان عليه السّلام، ޤަބޫލުފުޅު ކުރައްވައިފިނަމަ، ހަމަ ޔަޤީނުންވެސް އެކަލޭގެފާނަކީ ރަސްކަލެކެވެ. އެހެން ވެއްޖެނަމަ އެކަލޭގެފާނާ ހަނގުރާމަ ކުރައްވާށެވެ. އެކަލޭގެފާނު ހަދިޔާ ޤަބޫލުފުޅު ނުކުރައްވާނަމަ، ޝައްކައެއްނެތް ގޮތުގައި އެކަލޭގެފާނަކީ، ނަބީބޭކަލެކެވެ. އެހެންވެއްޖެނަމަ ޖެހޭނީ އެކަލޭގެފާނާ ތަބާވާށެވެ.

މިދެންނެވި އާޔަތުގެ ތަފްސީރުގައި، ޤަތާދާ ވިދާޅުވެފައިވެއެވެ. [މާތްﷲ، بِلْقِيسُ އަށް ރުއްސުންލައްވާށިއެވެ. އެކަމަނާ އިސްލާވެވަޑައިގަތުމުގެ ކުރިންނާއި އިސްލާމްވެވަޑައިގަތުމަށްފަހުވެސް ވެވަޑައިގެންނެވީ ނުހަނު ބުއްދިފުޅު ފުރިހަމަ ބޭކަނބަލަކަށެވެ. ހަދިޔާދެއްވުމަކީ މީސްތަކުންނަށް ރަނގަޅު އަސަރެއް ކުރާނެކަމެއްކަން އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 7 ވަނަ ޖިލްދު، ޞަފްޙާ 320-321}

علاّمة إبن كثير رحمه اللّـه، تفسير القرآن العظيم  ގައި ވިދާޅުވެފައިވެއެވެ. [ސަލަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ އަދަދެއްގެ މުފައްސިރުން ވިދާޅުވެފައިވެއެވެ. بِلْقِيسُ ރަނިކަމަނާ، سليمان عليه السّلام، އަށް ފޮނުވި ހަދިޔާތަކުގެ ތެރޭގައި ހިމެނެނީ ވަރަށް ގިނަ އަދަދެއްގެ ރަނާއި، ޖަވާހިރާއި ޔާޤޫތެވެ. އެނޫންވެސް ވަރަށް ގިނަ އަދަދެއްގެ އަގުބޮޑެތި ތަކެތި އެކަލޭގެފާނަށް ފޮނުއްވިއެވެ. ނަމަވެސް سليمان عليه السّلام، އެބައިމީހުން ގެނައި ހަދިޔާތަކަށް ބައްލަވައިވެސް ނުލައްވައެވެ. އެއްވެސް ވަރެއްގެ ސަމާލުކަމެއް އެ ހަދިޔާތަކަށް ނުދެއްވިއެވެ.]

ޙަޤީޤަތުގައި، سليمان عليه السّلام، އެކަލޭގެފާނުގެ ސިޓީފުޅުގައި އަންގަވައިފައިވަނީ بِلْقِيسُ އިސްލާމްވެވަޑައިގެން އެކަލޭގެފާނުގެ ހިރިޔާފާތުރާގެ ދަށަށް އައުމަށެވެ. ނަމަވެސް، އެބައިމީހުން އޭގެ ބަދަލުގައި ފޮނުވީ ބައިވަރު ހަދިޔާތަކެކެވެ. އެހެންކަމުން އެކަލޭގެފާނު އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. ނަމްލު ސޫރަތުގެ 36 އަދި 37 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

فَلَمَّا جَاءَ سُلَيْمَانَ قَالَ أَتُمِدُّونَنِ بِمَالٍ فَمَا آتَانِيَ اللَّـهُ خَيْرٌ مِّمَّا آتَاكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ ﴿٣٦﴾ ارْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَا أَذِلَّةً وَهُمْ صَاغِرُونَ ﴿٣٧﴾

މާނައީ: [ފަހެ (އެކަމަނާ ފޮނުއްވި) މީހުން سليمان ގެފާނުގެ އަރިހަށް އައިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން مدد ކުރަނީ ހެއްޔެވެ؟ ފަހެ، اللَّه ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّه ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ. ތިޔަ ހަދިޔާއާއިގެން އެއުރެންގެ ގާތަށް އެނބުރިދާށެވެ! ފަހެ، އެއުރެންނަށް ދެކޮޅުހެދުމަށް ކުޅަދާނަވެގެންނުވާފަދަ لشكر އަކާއިގެން އެއުރެންގެ ގާތަށް ހަމަކަށަވަރުން، އަހުރެމެން ދާހުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެން ދެރަވެ، ނިކަމެތިވެގެންވާ حال ގައި، އެރަށުން އެއުރެން ބޭރުކުރާހުށީމުއެވެ.]

سليمان عليه السّلام، ގެ އެ އިންޒާރުގެ ބަސްފުޅު އަޑުއިވިވަޑައިގެން އެބައިމީހުން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެފަދަ ބޮޑު ޢިއްޒަތްތެރި ރަސްކަލެއްގެ ފަރާތްޕުޅުން އެފަދަ ނިކަމެތި ބަސްތަކެއް އިވުމުން އެބައިމީހުންނަށް ކުރެވުނީ ކުށެއްކަން އެނގިވަޑައިގެންނެވިއެވެ. އެހެންކަމުން އެބައިމީހުން އަވަހަށް އެ ޚަބަރު ރަނިކަމަނާއަށް ދެއްވުމަށް ސަބާއަށް މިސްރާބު ޖެހިއެވެ.

ސަބާއަށް ގޮސް بِلْقِيسُ ރަނިކަމަނާއަށް އެ ޚަބަރު ދެއްވުމުން އެކަމަނާ ޤަޞްދުކުރެއްވީ سليمان عليه السّلام، ގެ އަރިހަށް ބޮޑުންގެ ވަފުދަކާއެކު ވަޑައިގެންނެވުމަށެވެ. يزيد بن رومان ވިދާޅުވެފައިވާކަމަށް ابن إسحاق ރިވާކުރައްވައިފައިވެއެވެ. [بِلْقِيسُ ފޮނުވި ވަފުދު އެނބުރި އައިސް އެކަމަނާގެ އަރިހުގައި ކަންހިނގައި ދިޔަގޮތުގެ ފުރިހަމަ ރިޕޯޓެއް ހުށައެޅިއެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. މާތްﷲ ގަންދެމެވެ. އެކަލޭގެފާނަކީ ދުނިޔަވީ އެދެމަކާއިގެން އުޅޭ ރަސްކަލެއްނޫންކަން ތިމަންކަމަނާއަށް އެނގިއްޖެއެވެ. އެކަލޭގެފާނާ ކުރިމަތިލުމުގެ އެއްވެސް އާރެއް ބާރެއް އުރަތްޕެއް އަހަރެމެންގެ ނެތެވެ. އެކަލޭގެފާނާ ގަދަކަން ދައްކައިގެން އަހަރެމެންނަށް ލިބޭނެ އެއްވެސް މޮޅެއްނެތެވެ.]

ދެން އެކަމަނާ، سليمان عليه السّلام އަށް ސިޓީފުޅެއް ލިޔުއްވިއެވެ. އެސިޓީފުޅުގައި އެކަމަނާ ލިޔުއްވައިފައިވެއެވެ. [އަޅުގަނޑު އަޅުގަނޑުގެ ޤައުމުގެ ބޮޑުންގެ ޖަމާޢަތަކާއެކުގައި ވަރަށް އަވަހަށް ކަލޭގެފާނުގެ އަރިހަށް އެބަދަމެވެ. ކަލޭގެފާނު ގޮވައިލައްވާ ދީނަކީ ކޮބައިކަމާއި ކަލޭގެފާނު އަޅުގަނޑުމެންނަށް އަމުރުކުރައްވާނެ ކަންތައްތަކަކީ ކޮބައިތޯ އަޅުގަނޑުމެން ބެލުމަށްޓަކައެވެ.]

ދެން އެކަމަނާ އެކަމަނާގެ ވެރިކަމުގެ ބޮޑުންނަށް ފަތްތޫރަ ހިންގެވީ އެކަމަނާގެ ވެރިކަމުގެ ތަޚްތު ވަރަށް ރައްކާތެރިކަމާއެކުގައި ފޮރުވުމަށެވެ. އެގޮތުން ރަސްކަމަމުގެ ކޮއިލު ތެރޭގެ ހަތް ކޮޓަރީގެ ތެރެއިން އެންމެ އެތެރޭގައިވާ ކޮޓަރިއަށް އެ ތަޚްތުލައި ރައްކާތެރި ކުރުމަށްވެސް އެންގެވިއެވެ. އެކަމަނާގެ ތަޚްތަކީ ވަރަށް އަގުބޮޑު ޖަވާހިރާއި ޔާގޫތާއި ރަނާއި ރިހިން އަތްކަންކޮށް ޖަރީކޮށްފައިވާ ތަޚްތެކެވެ. އެކަމަނާ ދަތުރަށް ތައްޔާރުވަމުން އެކަމަނާގެ ވަޒީރެއްގެ ގޮތުގައި ރަށުގައި ބެހެއްޓުމަށް ކަނޑައެޅި މީހާއަށް އެންގެވިއެވެ.

[އަހަރެންގެ ރައްޔިތުންނަށާއި އަހަރެންގެ ތަޚްތައް ރައްކާތެރިވާށެވެ. އަހަރެން އެނބުރި އައުމުގެ ކުރިން އެއްވެސް މީހަކު އެތަޚްތު ހުރިތަނަށް ވަނަނުދޭށެވެ. އެ ތަޚްތު އެއްވެސް މީހަކަށް ދައްކައިގެން ނުވާނެއެވެ.]

އެހެން ވިދާޅުވެފައި އެކަމަނާ سليمان عليه السّلام، ގެ އަރިހަށް ވަޑައިގެންނެވުމަށްޓަކައި ފުރާވަޑައިގެންނެވިއެވެ. އެކަމަނާގެ އަރިހުގައި ޔަމަނުގެ ބާރަހާސް ކޮމާންޑަރުން ދިޔައެވެ. އެއިންކޮންމެ ކޮމާންޑަރެއްގެ ދަށުން އެތައްހާސް ސިފައިންނެއް ދިޔައެވެ. سليمان عليه السّلام، ކޮންމެ ރެޔަކު ޖިންނީން ފޮނުވައިގެން އެލަޝްކަރުގެ ޚަބަރުތައް ބައްލަވަމުން ގެންދެވިއެވެ. ދެން بِلْقِيسُ ގެ ލަޝްކަރު ކައިރިއަށް އައުމުން سليمان عليه السّلام، އެކަލޭގެފާނުގެ ބޮޑުންނަށް ވިދާޅުވިއެވެ.

[އޭ ބޮޑުންނޭވެ! އެއުރެން ބޯލަނބައި ކިޔަމަންވެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އައުމުގެ ކުރީގައި، އެކަމަނާގެ تخت ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭނީ، ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަތްވަނަ ޖިލްދު، ޞަފްޙާ 321}

سليمان عليه السّلام، ގެ ދޫފުޅުން އެބަސްފުޅު އިވުމުން އެތާންގައި ހާޒިރުވެހުރި އިފްރީތަކުން ދެންނެވިއެވެ. [ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ.] ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް އަމާނާތްތެރިއަކީމެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 39 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ ﴿٣٩﴾ 

މާނައީ: [ޖިންނީންގެ ތެރެއިން عفريت އަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް أمانة ތެރިއަކީމެވެ.]

ސުއްދީ ވިދާޅުވެފައިވެއެވެ. [سليمان عليه السّلام، ގެ އާދަފުޅަކީ، ފަތިހުން ފެށިގެން މެންދުރު ވަޤުތުވުމުގެ ނިޔަލަށް މީސްތަކުންގެ މެދުގައި ފައިޞަލާ ކުރެއްވުމާއި އަމުރުމައުރޫފު ހިންގެވުމުގައި ޤާއިމުވެވަޑައިގެން އިންނެވުމެވެ.]

 [އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް أمانة ތެރިއަކީމެވެ] މި ބަސްފުޅުގެ ތަފްސީރުގައި عبد اللّـه بن عبّاس رضى اللّـه عنه  ވިދާޅުވެފައިވެއެވެ. [ބާރުގަދައޭ އޮތް ބަސްފުޅުގެ މުރާދަކީ، އެ ތަޚްތު އުފުލޭވަރުގެ ބާރުގަދަކަން އެ އިފްރީތަށް ލިބިގެންވާކަމުގައެވެ. އަމާނާތްތެރިކަމޭ އޮތް ބަސްފުޅުގެ މުރާދަކީ، އެ ތަޚްތުގައިވާ ރަނާއި ރިއްސާއި ޖަވާހިރުފަ ފަދަ އަގުބޮޑެތި މަޢުދަންތަކަށް ރައްކާތެރިވުމެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަތްވަނަ ޖިލްދު، ޞަފްޙާ 324}

ކޮންމެއަކަސް، سليمان عليه السّلام، ބޭނުންފުޅުވެވަޑައިގެންނެވީ، بِلْقِيسُ ރަނިކަމަނާގެ ތަޚްތު އެ އިފްރީތު ބުނި ވަރަށް ވުރެ އަވަސް މިނެއްގައި ގެނެއުމަށެވެ. ޙަޤީޤަތުގައި އެކަލޭގެފާނު بِلْقِيسُ ރަނިކަމަނާގެ ތަޚްތު ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ، އެކަލޭގެފާނުގެ ނަބީކަމުގެ ދަޢުވާއަކީ ތެދު ދަޢުވާއެއްކަން ސާބިތުކޮށް ދިނުމެވެ. سليمان عليه السّلام، بِلْقِيسُ ރަނިކަމަނާގެ ތަޚްތު އެކަލޭގެފާނުގެ އަރިހަށް އެންމެ އަވަހަށް ޙާޟިރުކުރެވޭނެ ގޮތަކާމެދު އަނެއްކާވެސް ސުވާލު ކުރައްވައި ވިދާޅުބަސްފުޅު އިއްވެވިއެވެ. އެއަޑު އައްސަވައި އެތަނުގައި ޙާޟިރުވެވަޑައިގެން އިންނެވި ފޮތުގެ ޢިލްމު ލިބިފައިވާ ބޭކަލަކު ދެންނެވިއެވެ. [ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ތަޚްތު ގެނެސްދީފާނަމެވެ.] މިވާހަކަ ނަމްލު ސޫރަތުގެ 40 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿٤٠﴾

މާނައީ: [(ބާވައިލެއްވި) ފޮތުން علم ލިބިފައިވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. ދެން އެކަލޭގެފާނުގެ އަރިހުގައި އެ تخت ބެހެއްޓިފައިހުއްޓައި ފެނިވަޑައިގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضل ވަންތަ ކަމުންނެވެ. (އެއީ) އަހުރެން نعمة އަށް شكر ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحان ކުރެއްވުމަށްޓަކައެވެ. شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكر ކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفس އަށެވެ. އަދި (نعمة އަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ.]

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ.  މި އާޔަތުގައިވާ ފޮތުގެ ޢިލްމު ލިބިފައިވާ މީހާއާ ބެހޭގޮތުން عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވެއެވެ. [އެއީ ސުލައިމާނުގެފާނުގެ ކާތިބު آصف އެވެ.] ޔަޒީދު ބުނު ރޫމާން ވިދާޅުވެފައިވެއެވެ. [އޭނާގެ ނަމަކީ، آصف بن برخياء އެވެ. އޭނާއަކީ ޞިއްދީޤެކެވެ. އޭނާ الاسم الأعظم ދަނެއެވެ.] ޤަތާދާ ވިދާޅުވެފައިވެއެވެ. [އޭނާއަކީ އިންސާނުންގެ ތެރެއިން ހިމެނިގެންވާ މުއުމިނެކެވެ. ނަމަކީ آصف އެވެ. އެއީ ބަނީއިސްރާއީލުންގެ ތެރޭގައި ހިމެނިގެންވާ މީހެކެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަތްވަނަ ޖިލްދު، ޞަފްޙާ 324}

ކޮންމެއަކަސް، آصف بن برخيا،  މާތްﷲ ގެ ޙަޟްރަތަށް ދެރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. އެއަށްފަހު މާތްﷲ ގެ އިސްމުފުޅުން ދުޢާކުރެއްވުމުން އެސްފިޔަ ޖަހާލައިހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަލްޤިޝް ރަނިކަމަނާގެ ތަޚްތު ހުރީ سليمان عليه السّلام، ގެ ކުރިފުޅު މަތީގައެވެ. އެ ތަޚްތު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔަމަނުގެ ސަބާއިން ބައިތުލް މަޤްދިސަށް ގެނެވުމުން މާތްﷲ ގެ ކުޅަދުންވަނަތަކަމާއި سليمان عليه السّلام، އަށް ދެއްވައިފައިވާ ރަސްކަމުގެ ބޮޑުކަން އެކަލޭގެފާނަށް ތަޞައްވުރު ކުރެއްވެވުނެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވިއެވެ.

[މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضل ވަންތަ ކަމުންނެވެ. އެއީ އަހުރެން نعمة އަށް شكر ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحان ކުރެއްވުމަށްޓަކައެވެ. شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكر ކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفس އަށެވެ. އަދި (نعمة އަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ.]

މިދެންނެވި ފަދައިން ވިދާޅުވަމަށްފަހު، سليمان عليه السّلام، އެކަލޭގެފާނުގެ ދަރުބާރަށް ޙާޟިރުވެވަޑައިގެން ތިއްބެވި ބޮޑުންނާއި އިސްވެރިންނާ މުޚާތަބު ކުރައްވައި، ވިދާޅު ބަސްފުޅު އިއްވެވިއެވެ. [بِلْقِيسُ ރަނިކަމަނާއަށް އެނގިވަޑައިގަނޭތޯ، ނުވަތަ އެނގިވަޑައިނުގަނޭތޯ ބެއްލެވުމަށް، ތިޔަބައިމީހުން އެކަމަނާގެ ތަޚްތު ގެ ސިފަ ބަދަލުކޮށްލާށެވެ.] މިވާހަކައަށް އިޝާރާތް ކުރައްވައި ނަމްލު ސޫރަތުގެ 41 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

قَالَ نَكِّرُوا لَهَا عَرْشَهَا نَنظُرْ أَتَهْتَدِي أَمْ تَكُونُ مِنَ الَّذِينَ لَا يَهْتَدُونَ ﴿٤١﴾

މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމަނާއަށް އެނގިވަޑައިގަނޭތޯ، ނުވަތަ އެނގިވަޑައިނުގަނޭތޯ ބެއްލެވުމަށް، ތިޔަބައިމީހުން އެކަމަނާގެ تخت ގެ ސިފަ ބަދަލުކޮށްލާށެވެ!]

މިދެންނެވި އާޔަތުގެ ތަފްސީރުގައި عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވާކަމަށް އަލްޙާފިޡު އިބްނު ކަޘީރު، ލިޔުއްވައިފައިވެއެވެ. [އެ އާޔަތުގައިވާ ތަޚްތުގެ ސިފަ ބަދަލުކުރުމަކީ، އެ ތަޚްތުގައިވާ އަގުބޮޑެތި މަޢުދަންތައް ވަކިކޮށް އެ ތަޚްތުގެ ބައެއް ބައިތައްވެސް ވަކިކުރުމެވެ.] މުޖާހިދު ވިދާޅުވެފައިވެއެވެ. [سليمان عليه السّلام، އަމުރުފުޅު ކުރެއްވީ އެކަމަނާގެ ތަޚްތުގެ ސިފަ ބަދަލުކުރެއްވުމަށެވެ. ރަތްކުލައިގައިވާ ތަންތަން ރީނދޫން ކުލަޔަށެވެ. ފެހިކުލައިގައިވާ ތަންތަން ރަތްކުލަޔަށެވެ.] ޢިކްރިމާ ވިދާޅުވެފައިވެއެވެ. [سليمان عليه السّلام، ގެ އަރިސްބޭކަލުން އެތަޚްތުން ބައެއް ބައިތައް ވަކިކުރައްވައި، ބައެއް ތަކެތި އެ ތަޚްތަށް އިތުރު ކުރެއްވިއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަތްވަނަ ޖިލްދު، ޞަފްޙާ 327}

ކޮންމެއަކަސް، މިދެންނެވި ފަދައިން بِلْقِيسُ ރަނިކަމަނާގެ ތަޚްތަށް ބަދަލުތަކެއް ގެނެވުނެވެ. ދެން بِلْقِيسُ ރަނިކަމަނާ އެކަމަނާގެ ރަސްމީ ޢިއްޒަތުގައި سليمان عليه السّلام، ގެ ރަސްކަމުގެ ދަރުބާރަށް ވަދެވަޑައިގެންނެވިއެވެ. سليمان عليه السّلام، ގެ ރަސްކަމުގެ ބިޔަމަކާއި އެކަލޭގެފާނަށް މާތްﷲ، ދެއްވައިފައިވާ ނިޢުމަތްތައް ދެކެވަޑައިގެން އެކަމަނާ ވަރަށް ބޮޑަށް ޙައިރާންވެވަޑައިގެންނެވިއެވެ. އެކަމަނާ ވަޑައިގެންނެވުމުން ސިފަ ބަދަލުކުރެވިފައިވާ އެކަމަނާ ގެ ތަޚްތަށް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން