ދަރިންނަށް ކަރަދުކުރާނެ ފައިސާ ހޯދަން މަސައްކަތްކުރަންޖެހޭނެއެވެ. ވިސްނަންވީ ހަމައެކަނި ފައިސާ ހޯދުމަކީ ވާޖިބު އަދާކުރެވުން ނޫންކަމެވެ. އެންމެ މުހިންމު ކަމަކީ ދަރިން ތަރުބިއްޔަތުކުރުން ކަމާއި އެކަމުގައި އިހްމާލުވެގެން ނުވާނެ ކަމެވެ.
ކުރާ މަސައްކަތުން ލިބުނު އާމްދަނީ އިތުރުވެ ބޮޑުތަނަވަސްކަމެއް ލިބުނީއެވެ. ރީތި ބޮޑު ގެއެއްވެސް އެޅުނީއެވެ. އެގޭގައި އުޅެންތިބި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވިފައިނުވާނަމަ ހޯދުނު ތަނަވަސްކަމާއި އެޅިގެއިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ތިމާގެ ދަރިފުޅު ނުބައިމަގަކުން ދާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ފުރަތަމަ ބައަކީ މައިންބަފައިންނެވެ. ޚާއްޞަކޮށް ބައްޕައިންނެވެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ކުޑަކުދިންނަށްޓަކައި އަދާކުރަންޖެހޭ ފުރަތަމަ ޙައްޤަކީ ރަނގަޅު ގޮތުގައި ކުދިން ތަރުބިއްޔަތުކުރުމެވެ. އިސްލާމް ދީނަށް ލޯބިކުރާ ބައެއްގެ ގޮތުގައި ބޮޑެތިކުރުމެވެ. އެއަށްވުރެ ބޮޑު ޙައްޤެއް ނެތްނަމަވެސް ވަކާލާތުކުރާ މީހުން އެކަމުގެ ވާހަކަނުވެސް ދައްކާ ކަމަށް ބުނުމަކީ ދޮގޮތަކަށް ނުވާނެއެވެ.
ދަރިން ލިބުމުން ޚަރަދުނުކުރުމަކީ ކުދިން މަގުމައްޗަށް ގިނަވާ އެންމެ ޢާންމު އެއް ސަބަބެވެ. އެފަދަ ކުދިންނަށް އެކުވެރިނަނާއިއެކު ގެއިން ބޭރުގައި އުޅެވޭ ވަގުތުތައް ގިނަވެގެންދެއެވެ. އަދި އެފަދަ ޙާލުގައި ގިނަފަހަރު މަންމަގެބަސް އޮންނަނީ ނުވިކިފައެވެ. ދަރިފުޅު ޤަބޫނުކޮށްފައެވެ. އެހެންކަމުން ކުދިން ބޮޑެތިވަނީ ރަނގަޅު ތަރްބިއްޔަތެއް ނުލިބިއެވެ.
ތިރީގައި އެވަނީ ދަރިން ތަރުބއްޔަތުކުރުމުގައި އިހްމާލްވުމާއިމެދު ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމެކެވެ. އަޅުގަނޑު މިކުރި ހަމައެކަނި ކަމަކީ މައުޟޫއާއި ގުޅުވައިލުމަށްޓައި އެންމެ ތިރީ ޕެގްރާފް މިބައިގައި ހިމަނައިލީއެވެ. ޝައިޚްގެ ލިޔުއްވުން ގެނެސްދީފައި އެވަނީ ލިޔުއްވުމުގެ އަޞްލާއި އެއްގޮތަށެވެ!
"ދަރީންގެ ތަރުބިއްޔަތާ މެދު އިހުމާލުވުމުގެ ސަބަބުން އިންސާނާ ނަރަކައަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ދަރީންނާ މެދު އިހުމާލުވުމުގެ ނުބައިކަމުން ރައްކައުތެރިވެ ތިބުމަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް އިންޒާރު ކުރައްވައިފައެވެ. ތަޙްރީމު ސޫރަތުގެ 6 ވަނަ އާޔަތުގެ މާނައިގައި ވަނީ އަންނަނިވި ފަދައިންނެވެ. [އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރީން ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.]
- ޝަފީޢު ޢަބްދުﷲ
ދަރީންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުން ދެއްވާ ނިޢުމަތެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ދަރީންގެ ނިޢުމަތަކީ އެއާއެކު އެތަކެއް ގިނަގުނަ ޒިންމާތަކެއް އެކުލެވިގެންވާ ނިޢުމަތެކެވެ. އެތަކެއް މަސްއޫލިއްޔަތެއް ހިމެނިގެންވާ ނިޢުމަތެކެވެ. ހަމަކަށަވަރުން އެ ނިޢުމަތަކީ އަމާނާތެކެވެ.
އެހެންކަމުން، ދަރީންނާ މެދު ކަންތައް ކުރަންވީ އެންމެ ރަނގަޅު ހެޔޮ ގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވައިފައެވެ. މާތް ނަބިއްޔާ ﷺ ދެއްވި އިރުޝާދުތަކުގައި ހިފުމަށް އަޅުގަނޑުމެންނަށް ވަނީ އަމުރު ކުރައްވައިފައެވެ. ދަރީންގެ ޙައްޤުގައެވެ. އެ ދަރީންނަކީ އުންމަތުގެ މުސްތަޤުބަލެވެ. އުންމަތުގެ ކުރިމަގު ބިނާ ވެގެންވަނީ އެ ދަރީން ތަރުބިއްޔަތު ކުރެވޭ ގޮތެއްގެ މައްޗަށެވެ. އުންމަތަށް ނަޞްރު ލިބޭނީ ރަނގަޅު ޖީލެއް ބިނާ ކުރެވިގެންނެވެ.
ދަރީންނާ މެދު ފަރުވާތެރިވެ، ޤުރުއާނާއި ސުންނަތުގައި ވާގޮތަށް، އެ ދަރީންނަށް ހެޔޮ ތަރުބިއްޔަތެއް ނުދެވިއްޖެ ނަމަ، އަދި އެ ދަރީންގެ ތަރުބިއްޔަތާ މެދު އިހުމާލު ވެވިއްޖެ ނަމަ، އެ ކުދީންގެ ސުލޫކަށް، ފޫނުބެއްދޭނެ ފަދަ ބޮޑު ގެއްލުމެއް ކުރިމަތިވުން އޮންނާނީ ދާދި ކައިރީގައެވެ. އެ ކުދީންގެ މުސްތަޤުބަލު ހަލާކުވުން އޮންނާނީ ދާދި ގާތުގައެވެ. އެހެން ވެއްޖެ ނަމަ، ދަރީންނަކީ ގޯސް ސުލޫކެއްގެ މަތީގައި ބޮޑެތިވާ ކުދީން ކަމުގައި ވެދެއެވެ. އެ ގޮތުގައި ދަރީން ބޮޑެތި ވެއްޖެ ނަމަ، މާތް ﷲ ޙަރާމް ކުރެއްވި ކަންތައްތަކަށް އެއްވެސް ޖެހިލުމެއް ނެތި އަރައިގަންނަ ޒުވާނުން ކަމުގައި އެ މީހުން ވެގެން ހިނގައިދެއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، މައިންބަފައިން ނިކަމެތިކޮށް، އެ މީހުންގެ ޙުރުމަތް ކެނޑުމާއި، އެ މީހުންގެ ހިތުގައި ޖެއްސުމަކީ އެފަދަ ޒުވާނުންނަށް މާބޮޑު ކަމަކަށެއް ނުވާނެއެވެ.
މީގެ އިތުރުން، މުޅި މުޖުތަމަޢަށް ހުރި ގެއްލުމެއްކަމަށް އެފަދަ ޒުވާނުން ވެދެއެވެ. އެމީހުންނާ މެދު މުޅި މުޖުތަމަޢު ޝަކުވާ ކުރާ ބަޔަކު ކަމުގައި އެ ޒުވާނުން ވެދެއެވެ. މި ދެންނެވި ފަދަ ދަރިއަކު މުޖުތަމަޢަށް ދޫކޮށްލައިފި މައިންބަފައިންނަށް ވެސް ރައްދުވާނީ މަލާމާތެވެ. މިވެނި އެވަނި މީހަކީ އެއްވެސް ތަރުބިއްޔަތެއް ލިބިފައި ނެތް ޒުވާނެކޭ މީސްތަކުންގެ ދޫތަކުން ބުނެވި، އޭނާއަށާއި އޭނާގެ މައިންބަފައިންނަށް ބަދުބަސް ބުނެވި، ލަޢުނަތް ދެވޭ ހިސާބަށް ކަންތައް ހިނގައިދެއެވެ. އޭނާގެ މައިންބަފައިން އޭނާއާ މެދު އިހުމާލުވެފައިވާ ކަމަށް މީސްތަކުން ބުނަން ފަށާނެއެވެ. އެފަދަ ދަރިއަކު މުޖުތަމަޢަށް ދޫކޮށްލާ ބަޔަކަށް، ކައިވެނީގެ މަޤްޞަދަކީ ކޮބައިކަން އެނގޭކަމާ މެދުވެސް މީސްތަކުން ސުވާލު ކުރާނެއެވެ. ދަރީން ތަރުބިއްޔަތު ކުރުމުގެ ޒިންމާއަކީ ކިހައި ބޮޑު ޒިންމާއެއްކަން ވެސް އެ ބަޔަކަށް ނޭނގޭ ކަމަށް ދޫތަކުން ބުނާނެއެވެ.
ދަރީންގެ ތަރުބިއްޔަތާ މެދު އިހުމާލުވުމުގެ ސަބަބުން އިންސާނާ ނަރަކައަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ދަރީންނާ މެދު އިހުމާލުވުމުގެ ނުބައިކަމުން ރައްކައުތެރިވެ ތިބުމަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް އިންޒާރު ކުރައްވައިފައެވެ. ތަޙްރީމު ސޫރަތުގެ 6 ވަނަ އާޔަތުގެ މާނައިގައި ވަނީ އަންނަނިވި ފަދައިންނެވެ. [އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރީން ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.]