ހަނދުމަކޮށްދިނުމެއް!: އިސްލާމީ ޢަޤީދާގެ އަސާސްތައް: ކޮންމެ މުސްލިމަކަށްވެސް އެނގެންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 35ސ
ހަނދުމަކޮށްދިނުމެއް!: އިސްލާމީ ޢަޤީދާގެ އަސާސްތައް: ކޮންމެ މުސްލިމަކަށްވެސް އެނގެންޖެހޭނެ!

އިސްލާމީ ޢަޤީދާގެ އަސާސްތައް (1)  

އަދުގެ މުސްލިމުންގެ ޙާލަތަށް ބަލައިފި ކޮންމެ މީހަކަށް ފެނިގެންދާ ހިތާމަވެރި މަންޒަރަކީ މުސްލިމުން އެބައިމީހުންގެ ދީނުގެ ޝަރުޢީ ޢިލްމުތަކާއި ބީރައްޓެހިވެފައިވާ މިންވަރުގެ ބޮޑުކަމެވެ. ދީނުގެ ޢިލްމުތަކަށް އެބައިމީހުން ބޭނުންޖެހިފައިވާ މިންވަރުގެ ބޮޑުކަމެވެ. ދީނުގެ އެންމެ އަސާސީ ކަންކަމާއި ގުޅޭ ޙުކުމްތަކުގެ ނޭނގުންވެސް ބޮޑުކަމެވެ. ވަކިން ޚާއްޞަ ގޮތެއްގައި ދީނުގެ އެންމެ މުހިންމު އަސާސް ކަމުގައިވާ ޢަޤީދާގެ ޢިލްމުތަކުގައި ޖާހިލުކަން ވަކިން ބޮޑެވެ. ނަމާދާއި ރޯދައިގެ ޙުކުމްތައް ދަންނަ މީހުންވެސް، ޢަޤީދާގެ މައްސަލަތަކުގައި ޢިލްމީ ފެންވަރު ދަށެވެ. ކުފުރާއި ޝިރުކުގެ ޢަމަލުތަކުގެ އަނދަވަޅުތަކަށް ވެއްޓޭއިރު ގިނަ މުސްލިމުންނަކަށް ރޭކާވެސް ނުލައެވެ. ދީނުގެ އަސްލު ކަމުގައިވާ ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ ތައުޙީދުގެ ޢަޤީދާގެ ޢިލްމުތަކަކީ މިއަދު ގިނަ މުސްލިމުންނަށް ބީރައްޓެހި އެއްޗެކެވެ. 

އިސްލާމީ ޢަޤީދާގެ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ކޮންމެ މުސްލިމަކުވެސް ދަނެގަތުން ލާޒިމް ކަންތައްތަކެއް ވެއެވެ. 

އެންމެ ފުރަތަމަ ކަމަކީ: ޢިލްމާއި މަޢުރިފާއެވެ. 

ޢިލްމުގެ ދެބައެއް ވެއެވެ. ފުރަތަމަ ބަޔަކީ ކޮންމެ މުސްލިމަކުވެސް ފަރުދީގޮތުން އުނގެނެންޖެހޭ ބައެވެ. އެއީ ޖާހިލުކަމުގެ ޢުޛުރު އޭނާގެ ކިބައިން ޤަބޫލު ނުކުރެވޭނެ ކަންކަމެވެ. އެއީ އޭނާގެ ދީން ޤާއިމުކުރުމަށް އޭނާއަށް ބޭނުންޖެހޭނެ މިންވަރެވެ. ތިމާގެ ކިބައިން ޖާހިލުކަން އުފުލިގެންގޮސް، ތިމާގެ މައްޗަށްވާ ޝަރުޢީ ތަކްލީފުތައް އަދާކުރާނެގޮތުގެ ޝަރުޢީ ޢިލްމުތައް އުނގެނުމަކީ މުސްލިމެއްގެ މައްޗަށް ވާ އެންމެ އިސް ވާޖިބެވެ.  މިޘާލަކަށް ތައުޙީދުގެ ކަލިމަ “لا إله إلا الله” ގެ މާނައާއި، އެކަލިމައިގެ ޝަރުޠުތަކާއި، އެކަލިމަ ނަފީކުރާނެ ޝިރުކުގެ ކަންކަން ދެނެގަތުމާއި، ޝަހާދަތުގެ ދެވަނަ ކަލިމައިގެ ޙައްޤުތައް ދެނެގަތުމާއި، ނަމާދުގެ ރުކުންތަކާއި ޝަރުޠުތަކާއި، ވާޖިބުތަކާއި ސުންނަތްތައް ދެނެގަތުމާއި، ވުޟޫކުރަން ދެނެގަތުމާއި، ހިނައި ޠާހިރުވާން ދެނެގަތުމާއި، އިސްލާމްކަމުގެ ރުކުންތައް ދެނެގަތުމެވެ.  

ޢިލްމުގެ ދެވަނަ ބަޔަކީ އިސްލާމީ އުންމަތަށް ބޭނުންވާނެ، އެހެނަސް ކޮންމެ މުސްލިމު ފަރުދަކަށް ބޭނުން ނުޖެހޭ ބައެވެ. މިޘާލަކަށް ތަރިކަ މުދާބެހުމުގެ ޢިލްމާއި، ވިޔަފާރީގެ ޙުކުމްތަކާއި، ޖިނާޢީ ޙުކުމްތައް ފަދަ ކަންކަމުގެ ޢިލްމެވެ. މިފަދަ ކަންކަމުގެ ޢިލްމަކީ ކޮންމެ މުސްލިމު ފަރުދަކު އުނގެނެންޖެހޭ ޢިލްމުތަކެއް ނޫނެވެ. ނަމަވެސް މިޢިލްމުތައް އެނގޭ ކޮންމެވެސް ބަޔަކު އުންމަތުގައި އަބަދުވެސް ތިބެންޖެހޭނެއެވެ. 

ޝަރުޢީ ޢިލްމުގެ އެންމެ މުހިންމު ބަޔަކީ ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަތުމެވެ. ﷲ ތަޢާލާ އަކީ ކޮންފަރާތެއް ކަމާއި، ﷲ އަށް އަޅުކަންކޮށް ކުއްތަންވާނެ ގޮތް ދެނެގަތުމެވެ. ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވޭނީ ﷲ ތަޢާލާގެ އާޔަތްތަކާއި މެދު ވިސްނާ ފިކުރު ހިންގައިގެންނެވެ. ޝަރުޢީ ހެކިތަކާއި، ކައުނީ ހެކިތަކުގެ ޛަރީޢާއިން ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވޭނެއެވެ. ރެޔާއި ދުވާލު ބަދަލުވުމާއި، ސޫރުދަ ނިޒާމާއި (ސޯލަރ ސިސްޓަމާއި)، އެންމެހައި މަޚްލޫޤްތަކުން ޚަލްޤުކުރައްވައި، ކާއިނާތުގެ ކަންކަން ތަދުބީރު ކުރެވިފައިވާ ގޮތުގެ ފުރިހަމަ ކަމަކީ ﷲ ތަޢާލާގެ ވޮޑިގެންވާ ކަމާއި، އެއިލާހުގެ ސިފަފުޅުތަކަށް ހެކިދޭ ކަންކަމެވެ. އެހެންކަމުން ކޮންމެ މުސްލިމަކު ވެސް އެންމެ ފުރަތަމަ ކަމަކަށް އޭނާގެ ވެރި ރައްބު މަޢުރިފާކޮށް ދެނެގަންނަން ޖެހޭނެއެވެ.  

މިގޮތުން ނެތުމުގެ ތެރެއިން ތިމާ ވުޖޫދަށް ގެންނެވީ ޚާލިޤްވަންތަ ﷲ ކަމާއި، ރިޒްޤުދެއްވަނީ ﷲ ކަމާއި، އެންމެހައި ނިޢުމަތްތައް ދެއްވަނީ ﷲ ކަމާއި، އެންމެހައި މަޚްލޫޤުތަކުން ޚަލްޤުކުރައްވާ ފަރާތަކީ ﷲ ތަޢާލާ ކަމާއި، ﷲ އީ ޢާލަމްތަކުގެ ވެރި އިލާހުކަމާއި، އަޅުކަންކުރުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ ﷲ ކަން ދެނެގަންނަން ޖެހޭނެއެވެ. އަދި ކުއްތަންވެގެންވާ މަލާއިކަތުންނަށާއި، ފޮނުއްވިގެންވާ ރަސޫލުންނަށާއި، ޖިންނީންނަށާއި، އިންސީންނަށާއި، ބުދަތަކާއި، ގަސްތަކާއި، އިރު ހަނދާއި ތަރިއަކަށްވެސް، އަޅުކަންކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަން ދެނެގަންނަން ޖެހޭނެއެވެ.  ﷲ ތަޢާލާ މަޢުރިފާ ކޮށް ދެނެގަތުމަށްޓަކައި ﷲ ތަޢާލާގެ ކައުނީ އާޔަތްކާއި، ކީރިތި ޤުރުއާނާއި ސުންނަތުގައި ލައްވާފައިވާ ހެކިތަކަށް ބަލަންޖެހޭނެއެވެ. މިފަދަ ހެކިތަކުން އަޅާއަށް އޭނާގެ ޚާލިޤުގެ ސިފަތައް މަޢުރިފާވެގެންދާނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ: 

﴿وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ ‎﴿٢١﴾‏ وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ ‎﴿٢٢﴾[1]

މާނައީ: "ޔަޤީންކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސު ތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟".

ދީނުގެ ޢިލްމާއި މަޢުރިފާ ހޯދުމުގެ ތެރެއިން ދެވަނަ ކަމަކަށް މުޙައްމަދުގެފާނަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެއިލާހުގެ ދީން މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް ﷲ ތަޢާލާ ޚިޔާރުކުރައްވައި ފޮނުއްވި އެންމެ ފަހުގެ ރަސޫލާކަން ދެނެގަތުމާއި، އެކަލޭގެފާނުގެ ސިޔަރަތު ދެނެގަންނަން ޖެހޭނެއެވެ. އެކަލޭގެފާނަކީ ރަސޫލުކަމާއި ނަބީކަން ޚަތިމްކުރެއްވި ކަލޭގެފާނުކަމާއި، އެކަލޭގެފާނަކީ ޙައްޤު ތެދު ރަސޫލެއްކަމާއި، އެކަލޭގެފާނުގެ ރިސާލަތުގައި އިންސިންނާއި ޖިންނީން ޝާމިލުވާކަމާއި، އެކަލޭގެފާނު ގެންނެވި ކޮންމެ ކަމަކަށް ތަބާވާންޖެހޭނެކަން ދެނެގަންނަން ޖެހޭނެއެވެ. ހުރިހާ ކަމެއްގައި އެކަލޭގެފާނަށް ޙާކިމިއްޔަތުކަން ނުދެވޭނަމަ އީމާންވިކަމުގައި ނުވާނެކަންވެސް ދެނެގަންނަން ޖެހޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنْفُسِهِمْ حَرَجاً مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيماً﴾[2]

މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމުވެރި ކޮށްފުމަށް ދާނދެން، އެއުރެން އީމާނެއް ނުވާނެއެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެއެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެއެވެ." 

އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުވުމަކީ ބޮޑުވެގެންވާ މުޞީބާތްތަކާއި ކުރިމަތިވާނެކަމެއްކަންވެސް ދެނެގަންނަންޖެހޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ﴾[3]

މާނައީ: "ފަހެ، އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފު ވާމީހުންނަށް ބަލާއެއް، ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް އެއުރެން ބިރުވެތިވާހުށިކަމެވެ!:" 

ހަމައެއާއި އެކު ތިންވަނަ ކަމެއްގެ ގޮތުން އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމަކީވެސް ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އިސްލާމްދީނަކީ ﷲ ތަޢާލާ ޙަޟްރަތުން ބާއްވައިލެއްވި އެއިލާހުގެ ދީނެވެ. އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ވެސް ގޮވާލެއްވީ އިސްލާމްދީނަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ﴾[4]

މާނައީ: "ހަމަކަށަވަރުން، اللَّه ގެ ޙަޟްރަތުގައި، ދީނަކީ، އިސްލާމްދީނެވެ".

އަދި އިސްލާމްދީނަކީ ﷲ ތަޢާލާ ރުހިވޮޑިގެންވާ ހަމައެކަނި ދީނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْأِسْلامَ دِيناً﴾[5]

މާނައީ: " މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ". 

އިބްރާހީމުގެފާނުގެ ޒަމާނުގައި އެކަލޭގެފާނަށް ތަބާވި މީހުންނަކީ މުސްލިމުންނެވެ. މޫސާގެފާނުގެ ޒަމާނުގައި އެކަލޭގެފާނަށް ތަބާވ މީހުންނަކީ މުސްލިމުންވެ. ޢީސާގެފާނުގެ ޒަމާނުގައި އެކަލޭގެފާނަށް ތަބާވި މީހުންނަކީ މުސްލިމުންނެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތަށް ފަހުގައި މުސްލިމުންނަކީ އެކަލޭގެފާނަށް ތަބާވާ މީހުންނެވެ. މުޙައްމަދުގެފާނުގެ ރިސާލަތަށް ފަހުގައި އިސްވެދިޔަ ޝަރީޢަތްތައް މަންސޫޚުވުމާއި އެކީ، އެކަލޭގެފާނަށް އީމާންނުވާ ކުރީގެ ސަމާވީ ދީންތަކުގެ އަހުލުވެރިންނަކީ މުސްލިމުންކަމުގައި ނުބެލެވޭނެއެވެ.  

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿وَمَنْ يَبْتَغِ غَيْرَ الْأِسْلامِ دِيناً فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾[6]

މާނައީ: "ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ". 

އިސްލާމްދީން ދެނެގަންނަންޖެހޭނީ ކީރިތި ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުގެ އަލީގައެވެ. މީސްތަކުން ކަންތައްކުރަމުން އަންނަގޮތަށް ތަޤްލީދު ކޮށްގެނެއް ނޫނެވެ. ބިދުޢަތަކާއި ޚުރާފީ ކަންތައްތައް ދީނުގެ ނަމުގައި ކުރަނީ ދަލީލުތަކަށް ރިޢާޔަތް ނުކޮށް މީހުންކުރާ ޢަމަލުތަކަށް ތަޤްލީދުކުރަން ހަދައިގެންނެވެ. މިބަޔާންކުރެވުނު ކަންކަމީ ޢިލްމާއި މަޢުރިފާގެ ތެރެއިން ދެނެގަންނަންޖެހޭ އެންމެ އަސާސީ ކަންކަމެވެ. 

ލިޔުމުގެ މަޢުލޫމާތުގެ މަޞްދަރުތައް:  

([1])   سورة الذاريات 20-21

([2])  سورة النساء 65

([3])  سورة النور 63

([4])  سورة آل عمران 19

([5])  سورة المائدة 3

([6])  سورة آل عمران 85

 

- ޝައިޚް އަޙްމަދު ރިމާޒް

މިއަދު އޮންލައިން