ޢާއިޝަތު ރަފާޙް ޢަލީ
ކެތްތެރިވުން: ޙަޤީޤީ ކެތްތެރިވުމަކީ ﷲ ޙަރާމްކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމާއި، ﷲ ވާޖިބު ކުރެއްވި ކަންކަން ކުރުމުގައި ދެމިހުރުމެވެ.
§ ﷲ ތަޢާލާ ކެތްތެރިންނާއެކު ވޮޑިގެންވެއެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ ﴿١٥٣﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. (153)"
§ ﷲ ތަޢާލާ ކެތްތެރިން ދެކެ ލޯބިވޮޑަގަންނަވައެވެ.
ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 146 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَاللَّهُ يُحِبُّ الصَّابِرِينَ ﴿١٤٦﴾
މާނައީ: "ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. (146)"
§ ކެތްތެރިވާމީހުންގެ ޖަޒާއަކީ ސުވަރުގެ:
ﷲ ތަޢާލާ އިންސާން ސޫރަތުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا ﴿١٢﴾
މާނައީ: އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ. (12)