ޢަލީ އިޙްޞާން ފިރާޤް
ޢިމްރާންގެ އަނބިކަނބަލުންގެ ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ އާލުޢިމްރާން ސޫރަތުގަޔާއި މަރްޔަމު ސޫރަތުގައެވެ. އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި ޢިމްރާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ حَنَّةُ بِنْتُ فَاقُوذُ بن قتيل އެވެ. އިސްލާމީ ތާރީޚުގައި ދެ ޢިމްރާނެއްގެ ނަންފުޅު ފާހަގަ ކުރެވިފައިވެއެވެ. އެއީ މޫސާގެފާނާއި ހާރޫނުގެފާނުގެ ބަފައިކަލުން عِمْرَانُ بْنُ يَصْهَر އާއި މަރްޔަމުގެފާނުގެ ބަފައިކަލު عِمْرَانُ بْنُ مَاثانَ އެވެ. ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ ޢިމްރާނަކީ، މަރްޔަމުގެފާނުގެ ބަފައިކަލުން عِمْرَانُ بْنُ مَاثانَ އެވެ.
أنوار التنزيل އޭ ކިޔުނު ތަފްސީރުގައި البيضاوي ލިޔުއްވައިފައިވެއެވެ. މިދެންނެވި ދެ ޢިމްރާނުގެ ދެމެދުގައި އަށާރަ ސަތޭހަ އަހަރުގެ ދިގު މުއްދަތެއްވެއެވެ.
މަރްޔަމްގެފާނާއިގެން އާލާސްވެއިންނެވުން:
މަރްޔަމުގެފާނުގެ ބަފައިކަލުން عِمْرَانُ އާއި މައިކަނބަލުން حَنَّةُ އަކީ ނުހަނު ޞާލިޙު ތަޤުވާވެރި ދެބޭކަނބަލުންނެވެ. މާތްﷲ ހަނދުމަކުރައްވާ ޒިކުރުކުރައްވަމުންގެންދެވި ދެކަނބަލުންނެވެ. އޭގެ ދެކަނބަލުން ކާވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ އެއްތަށް ދުވަހެއް ވީއިރުވެސް އޭގެ ދެކަނބަލުންނަކަށް ބޭފުޅަޅު ލިބިވަޑައެއް ނުގަންނަވައެވެ.
މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައިވެއެވެ. حَنَّةُ އަކީ ދަރިމައިނުވާ ބޭކަނބަލެކެވެ. އެއްދުވަހަކު އެކަމަނާ ޅަދަރީންނަށް ކާންދޭ ދޫންޏެއް ދެކެވަޑައިގަތެވެ. އެމަންޒަރު ފެނިވަޑައިގެންނެވުމުން ތުއްޕުޅު ބޭފުޅަކަށް ޝައުޤުވެރިވުމުގެ ޝުޢޫރު އެކަމަނާގެ ހިތްޕުޅުގައި ހިނގައިގެންދިޔައެވެ. އަދި ދަރިކަލަކު ދެއްވުން އެދިވަޑައިގެން މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. ދީލަތިވަންތަ މާތްﷲ އެކަމަނާގެ ދުޢާފުޅު އިޖާބަކުރެއްވިއެވެ. އެކަމަނާ އާލާސްވެއިންނަވައިފިއެވެ. އާލަސްވެއިންނެވުމުން އެކަމަނާގެ ބަނޑުގައިވާ ދަރިކަލުން ބައިތުލް މަޤްދިސްގައި ޚާލިސްވެ އަޅުކަން ކުރަން އިންނަވާ ގޮތުގައި ދޫކޮށްލެއްވުމަށް ނަދުރު ވިދާޅުވިއެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 419-418}
އަރަހުށި މާތްﷲ އެކަމަނާގެ ދުޢާފުޅު ކީރިތި ޤުރްއާނުގެ އާލު ޢިމްރާނު ސޫރަތުގެ 35 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿٣٥﴾
މާނައީ: [عمران ގެ އަނބިކަނބަލުން ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (بيت المقدس ގެ خدمة އަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބަރަސްކަލާނގެ حضرة އަށް خالص ކުރުމަށް، ހަމަކަށަވަރުން، ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) قبول ކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ].
މަރްޔަމުގެފާނު ރައްކައުވުން:
حَنَّةُ ނަދުރު ވިދާޅުވީ އެކަމަނާއަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފިނަމަ އެ ދަރިކަލުން ބައިތުލް މަޤްދިސްގެ ޚިދުމަތަށް ހުސްކޮށް ދޫކޮށްލެއްވުމަށެވެ. އެކަމަނާ އާލާސްވެއިންނަވައި އަދި ރައްކައުނުވަނީ ލޮބުވެތި ފިރިކަލުން ޢިމްރާނު އަވަހާރަވެއްޖެއެވެ. ފިރިކަލުންގެ ވަކިވެވަޑައިގެންނެވުން އެކަމަނާ ނުހަނު ކެތްތެރިކަމާއެކު ބަރުދާސްތުކުރެއްވިއެވެ. ކޮންމެއަކަސް حَنَّةُ ދުވަސްފުޅުފުރާ ފުރިހަމަވެ ރައްކައުވީ އަންހެން ބޭފުޅެކެވެ. އެކަމަނާ އެދިވަޑައިގެން އިންނެވި ފަދަ ފިރިހެން ބޭފުޅެއް ނޫނެވެ. އެވާހަކަ ކީރިތި ޤުރްއާނުގެ އާލުޢިމްރާނު ސޫރަތުގެ 36 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّـهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾
މާނައީ: [ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން اللَّه ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريم އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ.]
މިދެންނެވި އާލު ޢިމްރާނު ސޫރަތުގެ 36 ވަނަ އާޔަތުގައިވާ ބަސްފުޅުތައް އެކަމަނާ ވިދާޅުވީ ފިރިހެން ބޭފުޅަކަށް އުއްމީދު ކުރައްވައިގެން އިންނަވަނިކޮށް އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވުމުންވެ. އެކަމުގެ ސަބަބުން ލިބިވަޑައިގެންނެވި މޮޅިވެރިކަމެއްގެ ސަބަބަން އެހެން ވިދާޅުވެވުނީއެވެ. އެހެނީ އަންހެން ކުދީންނަކީ އެގޮތައް ނަދުރުބުނެގެން މުޙައްރަރު ކުރެވޭ ބައެއްނޫނެވެ. ފިތުރީ ސަބަބުތަކާހުރެ މިސްކިތުގައި އަބަދާއި އަބަދު މަޑުނުކުރެވޭނެ ބައެއް ނޫނެވެ.
ދެން އާޔަތުގައިވަނީ އެދަރިކަނބަލުންނަށް މަރްޔަމް އޭ ވިދާޅުވެ ނަންދެއްވި ވާހަކައެވެ. އެނަންފުޅު ދެއްވީވެސް ޚުދު حَنَّةُ އެވެ. އެދަރިކަނބަލުންނަށް މަރްޔަމް އޭ ވިދާޅުވެ ނަންދެއްވުމަށްފަހު حَنَّةُ ދެން އެދިވަޑައިގެންނެވީ އެދަރިކަނބަލުން ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކުރެއްމަށެވެ. އެކަމަށްޓަކައި އެދިވަޑައިގެން މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. އެދުޢާގައި މަރްޔަމުގެފާނުގެ ދަރިފަސްކޮޅުވެސް ޝާމިލުކުރެއްވިއެވެ. އަރަހުށި މާތްﷲ، حَنَّةُ ގެ ދުޢާފުޅު ވަރަށް ފުރިހަމައަށް އިޖާބަކުރެއްވިއެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" مَا مِنْ مَوْلُودٍ يُولَدُ إِلاَّ وَالشَّيْطَانُ يَمَسُّهُ حِينَ يُولَدُ، فَيَسْتَهِلُّ صَارِخًا مِنْ مَسِّ الشَّيْطَانِ إِيَّاهُ، إِلاَّ مَرْيَمَ وَابْنَهَا " {صحيح البخاري، كتاب التفسير، باب (وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ)، ޙަދީޘް ނަންބަރު 4548}
މާނައީ: [ޝައިޠާނާގެ ބީހުމަކާނުލައި ހަމައެއެއްވެސް ކުއްޖަކު އުފަންނުވެއެވެ. ދަރިފުޅު ވިހާތަނުން ބާރަށް ރޯންފަށަނީ ޝައިޠާނާ އެކުއްޖާގެ ގައިގައި ބީހުމުން ނެވެ. އެގޮތަށް ޝައިޠާނާ ބީހުމަކާނުލައި އުފަންވެވަޑައިގެންނެވީ މަރްޔަމުގެފާނާއި އެކަމަނާގެ ދަރިކަލުންނެވެ.
މި ޙަދީޘު ރިވާކޮށްދެއްވުމަށްފަހު އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ތިބާ އެދޭނެމަ މި އާޔަތް ކިޔަވާށެވެ. وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾ މާނައީ: [އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ].
ބައިތުލްމަޤްދިސްގެ އަޚްބާރުންނާ މަރްޔަމުގެފާނު ޙަވާލުކުރެއްވުން:
ޢިކްރިމާ ވިދާޅުވެފައިވާކަމަށް އިބްނު ޖަރީރު ރިވާކުރައްވައިފައިވެއެވެ. މަރްޔަމުގެފާނުގެ މައިކަނބަލުން އެކަމަނާއާގެން ރައްކައުވެވަޑައިގެން، އެދަރިކަނބަލުން ފޮތިކޮޅަކަށް ލައްވައި ބައިތުލްމަޤްދިސްގެ އަޚްބާރުންގެ އަރިހަށްވަޑައިގެންނެވިއެވެ. އެ އަޚްބާރުންނަކީ ހާރޫނުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބައެކެވެ. އެބޭކަލުންނަކީ އެ ޒަމާނުގައި ބައިތުލްމަޤްދިސް ބެލެހެއްޓުމާ ޙަވާލެވެވަޑައިގެން ތިއްބަވާ ދީނުގެ ޢިލްމުވެރިންނެވެ. މައްކާގެ މީސްތަކުން ކަޢުބާ ބަލަހައްޓަމުން ގެންދާފަދައިން އެބައިމީހުން ބައިތުލްމަޤްދިސް ބަލަހައްޓަމުން ގެންދެއެވެ.
މަރްޔަމުގެފާނުގެ މައިކަނބަލުން އެބައިމީހުންގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. [މިކުއްޖާއަކީ މިސްކިތުގެ ޚިދުމަތަށްޓަކައި އަޅުގަނޑު ނަދުގެންފައިވާ ކުއްޖެކެވެ. އަޅުގަނޑުވަނީ އެދަރިކަނބަލުން ދުނިޔަވީ އެންމެހައި މަސައްކަތްތަކަކުން މިނިވަންކޮށްފައެވެ. ހަމައެކަނި މިސްކިތުގެ ޚިދުމަތަށް ޚާއްޞަކޮށްފައެވެ. މިދަރިކަނބަލުން އަލުން އަނބުރާ ގެއަށް ރައްދުކުރުމެއްނެތެވެ.]
އެކަމަނާގެ ވާހަކަފުޅު ނިމުމުން އަޚްބާރުންގެ މީސްތަކުން ބުންޏެވެ. [އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ. އަހަރެމެންނާގެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވަނީ އެދަރިކަނބަލުންގެ ބަފައިކަލުން ޢިމްރާނެވެ. ޤުރްބާންކުރުމުގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ހުންވަނީވެސް އެކަލޭގެފާނެވެ.]
އަޚްބާރުންގެ މީސްތަކުން މިވާހަކަ ދައްކަން ތިއްބާ زكريّا عليه السّلام ވަޑައިގެން ވިދާޅުވިއެވެ. [އެދަރިކަނބަލުން އަޅުގަނޑާ ޙަވާލު ކުރައްވާށެވެ. އެދަރިކަނބަލުން އެންމެ ޙައްޤުކަން ބޮޑުވެގެންވަނީ އަޅުގަނޑަށެވެ. އެހެނީ އަޅުގަނޑު ކާވެނިކޮށްގެން މިއުޅެނީ އެދަރިކަނބަލުންގެ މައިފުށެގެ ބޮޑުދައިތައާއެވެ.]
زكريّا عليه السّلام މިހެން ވިދާޅުވުމުން ބައިތުލް މަޤްދިސް ބަލަހައްޓާ އަޚްބާރުން އެކަމަނާ ނުރުހުނެވެ. އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. [ތިޔަގޮތަށް ކަންތައްކުރެއްވުމަކީ އަހަރެމެންގެ ހިތްތަކަށް ފަސޭހަގޮތެއްނޫނެވެ. އެހެނީ އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ.] ދެން އެބައިމީހުން ނިންމީ ޤުރުޢަތު ލުމަށެވެ. އެބައިމީހުން ތައުރާތު ލިޔާންގެންގުޅޭ ޤަލަމްތަށް ބޭނުންކޮށްގެންނެވެ. އެބައިމީހުން އެ ޤުރުޢަތުލުމުން ޤުތުޢަތުން ހޮވިވަޑައިގެންނެވީ زكريّا عليه السّلام އެވެ. ދެން زكريّا عليه السّلام، مريم ގެފާނުގެ ބެލެނިވެރިއެއްކަމުގައި ހަމަޖެހިގެންދިޔައެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދެވަނަ ޖިލްދު ޞަފްޙާ 158}
ދެން ޤުރްއާނުގައި ޢިމްރާނުގެ އަނބިކަނބަލުން حَنَّةُ بِنْتُ فَاقُوذُ ގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ މަރްޔަމު ސޫރަތުގައެވެ. މަރްޔަމުގެފާނު، ޢީސާގެފާނާއިގެން ރައްކައުވެވަޑައިގެން އެދަރިކަލުން އުރުވަޑުވައިގެން އެކަމަނާގެ ޤައުމުގެ މީސްތަކުންގެ ގާތަށް ވަޑައިގެންނެވި ވާހަކަތަކުގެ ތެރޭގައެވެ. އެބައިމީހުންނަށް މަރްޔަމުގެފާނު ފެނުމުން އައިސް އެކަމަނާއަށް ދެންނެވި ވާހަކަ މަރްޔަމް ސޫރަތުގެ 27 ވަނަ އާޔަތާއި 28 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا ﴿٢٧﴾ يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ﴿٢٨﴾
މާނައީ: [ފަހެ، އެކަމަނާގެ قوم ގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ. އޭ هارون ގެ أخت އާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ.]
މިދެންނެވި އާޔަތުން މަރްޔަމުގެފާނުގެ މައިކަނބަލުންގެ ވަރަށް ޚާއްޞަ ސިފަފުޅެއް ދޭހަވައެވެ. އެއީ އެކަމަނާގެ އިއްފަތްތެރިކަމާއި އަބުރުވެރިކަމެވެ. އެންމެހައި ފާހިޝް ނުބައި ޢަމަލުތަތަކުން އެކަމަނާ ދުރުހެލިވެވަޑައިގެން އިންނެވިކަމެވެ. ކޮންމެއަކަސް حَنَّةُ ގެ ދަރިކަނބަލުން މަރްޔަމުގެފާނަކީ އަރަހުށި މާތްﷲ ހޮއްވަވައި ޚިޔާރުކުރައްވައިފައިވާ ބޭކަނބަލެކެވެ. حَنَّةُ ގެ މާމަދަރިކަލުން ޢީސާގެފާނަކީވެސް މާތްﷲ ހޮއްވަވައި ޚިޔާރުކުރެއްވި ރަސޫލުބޭކަލުންގެ ތެރެއިން ޚާއްޞަ އިމްތިޔާޒެއް ހާސިލުކުރެއްވި ބޭކަލެކެވެ.