ބައިވެރިޔާއަށް ސިއްރުކުރަންޖެހޭ ކަމެއް ސޯޝަލްމީޑިއާގަވެސް ނުކުރާށެވެ! ކުދިކަންކަން ބޮޑުކޮށް ދެމަފިރިން ދުރުކުރުވަން ޝައިޠޯނާ ހުންނާނީ ތައްޔާރަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ބައިވެރިޔާއަށް ސިއްރުކުރަންޖެހޭ ކަމެއް ސޯޝަލްމީޑިއާގަވެސް ނުކުރާށެވެ! ކުދިކަންކަން ބޮޑުކޮށް ދެމަފިރިން ދުރުކުރުވަން ޝައިޠޯނާ ހުންނާނީ ތައްޔާރަށް!

ބައެއް މީހުން ބައިވެރިޔާއަށް އެނގިއްޖެނަމަ ދެމީހުންގެ މެދުގައި މައްސަލަ ޖެހިދާނެ ކަންކަން ސޯޝަލްމީޑިއާގައި ކުރެއެވެ.

ވިސްނިފައި އޮންނަނީ އެއީ ކުޑަކުޑަކަމެއް ކަމަށާއި ބައިވެރިޔާއަށް އެކަން ނުއެނގެނިކޮށް ނިމުނީ ކަމަށެވެ. މިފަދަ ކަންކަން ކުރާމީހުންނަށް ވަސްވާސްދީގެން ބޮޑެތި ކަންކަން ޝައިޠޯނާ ކުރުމައެވެ. އެކަން ވެގެންދަނީ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެއްސުވުމަށް ޝައިޠޯނާއަށް ލިބޭ ފުރުޞަތަކަށެވެ. ވީމާ ބައިވެރިޔާއަށް ސިއްރުކުރަންޖެހޭ ކަމެއް ސޯޝަލްމީޑިއާގަވެސް ނުކުރާށެވެ! ކުދިކަންކަން ބޮޑުކޮށް ދެމަފިރިން ދުރުކުރުވަން ޝައިޠޯނާ ހުންނާނީ ތައްޔާރަށެވެ.  

މިޒަމާނުގައި ކައިވެންޏަށްފަހު ދެމީހުންވެސް ސަމާލުކަންދޭންޖެހޭނެ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ސޯޝަލްމީޑިއާގައި ޙަރަކާތްތެރިވުމެވެ. ކައިވެނީގެ ކުރިން އެމީހަކު ޙަރަކާތްތެރިވި މިންވަރާއި ސަމާލުކަންދިން ކަންކަމަށް ކައިވެންޏަށްފަހު ބަލައިގެން ނުވާނެއެވެ. ކައިވެންޏަށްފަހު ސޯޝަލްމީޑިއާގައި ޙަރަކާތްތެރިވާންޖެހޭނީ ބައިވެރިޔާ ރުހޭ ކަންކަމުގައެވެ. ބައިވެރިޔާ ރުހޭ މިންވަރަށެވެ. އެހެން ނޫންނަމަ ދެމީހުންގެ މެދުގައި މައްސަލަޖެހުން އޮންނާނީ ދާދިގާތުގައެވެ.  

ކައިވެނިކުރަންއުޅޭއިއރު އެކަން ސޯޝަލްމީޑިއާގައި ހާމަކުރުން މުހިންމެއް ނޫނެވެ. އެއީ ޙަސަދަވެރިވާނެ ބައަކު ތިބޭނެތީއެވެ. ނަމަވެސް ކައިވެނިކުރުމަށްފަހު އެކަން ސޯޝަލްމީޑިޢާގައިވެސް ހާމަކުރަންވާނެއެވެ. އެއީ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ.  

މިޘާލަކަށް އެކަނިހުރިހިރު މާބޮޑު ގުޅުމެއް ނެތިވެސް މަޖާކޮށް ބަސްބުނެ ވާހަކަ ދެއްކި ބައަކު އުޅޭނެއެވެ. އަދި މިޒަމާނުގައި ސީރިޔަސްކަމާއިއެކު ބަސްބުނި ބައަކުވެސް ތިބޭނެއެވެ. ގުޅެން ބޭނުންވެގެން ވާހަކަދެއްކި ބައަކުވެސް ތިބުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. ކައިވެނިކުރިކަން ނުއެނގޭނަމަ އެމީހުން ކުރިން ދެއްކި ގޮތަށް ވާހަކަދައްކައިފާނެއެވެ. އެކަން ބައިވެރިޔާއަށް އެނގުމުން ހިތްހަމަނުޖެހޭގޮތްވެ މައްސަލަތައް އުފެދުން އޮންނާނީ ވަރަށް ގާތުގައެވެ. އެބާވަތުގެ ކަންކަމުން ސަލާމަތްވެވޭނީ ކައިވެނިކުރިކަން އެމީހުންނަށް އެނގުމުންނެވެ.  

މިވާހަކަކޮޅު މިދެއްކީ ސޯޝަލް މީޑިއާ ބޭނުންކުރާ އެންމެންނަކަށް ނޫނެވެ. ސޯޝަލްމީޑިއާގައި ޙަރަކާތްތެރިވާ މީހުންނަށް، ގިނަ ބައަކާއި ގުޅުން ބާއްވާ މީހުންނަށް ޚާއްޞަކޮށްގެންނެވެ.  

އަދިވެސް ކުޑަކުޑަ އެއްކަމެއް ފާހަގަކޮށްލާނަމެވެ. ބައިވެރިޔާ ގެނެސްދޭ ކޮންމެ ހަދިޔާއަކީ ތިބާ އެހައި ބޮޑަށް ބޭނުން ނޫން އެއްޗަކަށްވެސް ވެދާނެއެވެ. ނަމަވެސް ގެނެސްދޭވަޤުތު އެފަދަ ބަހެއް ނުބުނާށެވެ. ހިނިތުންވެ ހުރެ ބަލައިގަންނާށެވެ. އެކަން ތަކުރާރުވާނަމަ ރަނގަޅު ވަޤުތެއް ހޯދައިގެން ހަދިޔާއަށް ތިބާ ބޭނުންވާ ތަކެތި ކިޔައިދޭށެވެ. އެއިރުން އެކަން ޙައްލުވާނެއެވެ. އިން ޝާ ﷲ

 

-ހީނާ ޚާން މުޚްތާރުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން