ފުރަތަމަ މިކިޔައިދެނީ ޙާދިސާއެކެވެ.
ދިިރއުޅެނީ ކުއްޔަށެވެ. 2 ދަރިން ސްކޫލަށް ދެއެވެ. ދިރިއުޅުމަށް ބޭނުންވާ ފައިސާ ހޯދަން ފިރިމީހާ އެއްވެސް މަސައްކަތެއް ނުކުރާތާ އަހަރުވީއެވެ. ހުރިހާ ޚަރަދެއް ކުރަންޖެހެނީ އަނބިމީހާއަށް ލިބޭ މުސާރައިންނެވެ.
ވަޒިފާއެއް ނުލިބެނީކަމަށް ފިރިމީހާ ބުނާތީ އަނބިމީހާގެ މަސައްކަތުން 3 ތަނަކުން ވަޒީފާ ހަމަޖައްސައިދިނެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ މާދަށް ވަޒީފާއެއް ކަމަށެވެ. ލިބޭނީ މާކުޑަ މުސާރައެއް ކަމަށެވެ. މިވެނި މީހަކު މާރަނގަޅު ވަޒީފާއެއް ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ގޭގެ ކަރަދުތައް ބަލަހައްޓަންޖެހޭތީ އަނބިމީހާއަށް އޮންނަނީ އޭނާއަށް ބޭނުންވާ އެއްވެސް ކަމެއް ނުކުރެވިފައެވެ. މައިންބަފައިންނަށް އެހީއެއް ނުވެވޭތަނުގައި ކޮންމެ މަހަކުވެސް އޮންނަނީ ދަރަނިވެރިވާންޖެހިފައެވެ. ބޭންކުން ނެގިލުއިލޯނު ނުދެއްކޭތީ ލޯނަށް ދަނީ އިތުރުވަމުންނެވެ.
އަނބިމީހާގެ ކެތްތެރިކަން ކޮޅުންލުމުން ދެދަރިން ގޮވައިގެން ނުކުމެގެންދާން އުޅެން ފެށުމުން ފިރިމީހާ ބުނީ އޭނާއަށް ވަޒީފާލިބި އަތްމަތި ތަނަވަސްވުމުން ހޯދަން ނައުމަށެވެ. އަނބިމީހާ ބުނީ ފައިށާ ލިބުނު ދުވަހަކުން ދަރިންގެ ކަންކަން ބަލަހައްޓާލައިފިނަމަ ނިމުނީ ކަމަށެވެ. ނުކުމެގެން މިދަނީ ތަނަވަސް މީހަކު ހޯދަން ނޫންކަމަށާއި ޒިންމާ އުފުލާނެ ފިރިއަކު ލިބުމުގެ އުންމީދުގައި ކަމަށެވެ.
އަނބިމީހާ ނުކުމެގެން ދިއުމުން ފިރިމީހާ ވިސްނައިލިއެވެ. އަންނަމަހުގެ ކުލި ދައްކާނެ ގޮތެކެވެ. ބިލްތައް ދައްކާނެ ގޮތެކެވެ. ކައިބޮއިހަދާނެ ގޮތެކެވެ. އަތަކު އެއްވެސް ފައިށާއެއް ނެތެވެ. ލިބޭނެ ގޮތެއްވެސް ނެތެވެ. ބޭންކުން ލުއިލޯނެއްވެސް ލިބެންއޮތީ ވަޒީފާއެއް އަދާކޮށްގެންނެވެ.
އަނބިމިހާ އާއި ބައްދަލުކޮށް އާދޭސްކުރުމުން އަނެއްކާވެސް ވަޒީފާއެއް ހޯދައިދިނެވެ. ވަޒީފާ ޤަބޫލުކޮށް މަސައްކަތްކުރަން ފެށިއެވެ. ފިރިމީހާއަށް ވިސްނުނެވެ. އަނބިމީހާގެ އެއްވެސް ކުށެއް ހުރިހާ ކުށެއްވެސް ކުރެވުނީ އޭނާއަށެވެ. އެކަން ވިސްނުމުން ގޮސް އަނބިމީހާއާއި ބައްދަލުކުރުމުން އަނބިމީހާ ބުނީ ވަރިނުވެ މިހުރީ ވިސްނިގެން އަންނާނެކަމަށް އުންމީދުކުރެވުނުވަރުންކަމަށެވެ. އެނބުރި ގެއަށްހިނގައިދާނަމެވެ. އެކަމަކު ކުރިން ކަންތައްކުރިގޮތަށް ކަންތައްކޮށްފިނަމަ ވަޤުތުން ގެއިން ނުކުންނާނަމެވެ. ވަރިވެސްވާނަމެވެ.
އެކުވެރިންނޭވެ! އެކުގައި ދިރިއުޅެނިކޮށް ޙާލަތެއް މެދުވެރިވުމާއި ދިރިއުޅެން މަސައްކަތް ނުކުރުމާއި މިއީ މުޅިންތަފާތު ދެކަމެކެވެ. ދިރިއުޅެން ފިރިމީހާ އެއްވެސް މަސައްކަތެއް ނުކުރުމަކީ ބަލައިގަނެގެންވާނެ ކަމެއް ނޫނެވެ. އަހުރެން ބުނާނީ މިޙާދިސާގައި އަނބިމީހާ އެތައް ދުވަހެއްފަހުން އެއެޅި ފިޔަވަޅަކީ މާކުރިން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.
ދެން ބަލައިލަންވީ ދީނަށެވެ. އަނބިދަރިންގެ ޚަރަދުތައް ބެލެހެއްޓުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެކެވެ. އެކަމަށް ޚަރަދުކުރާނެ ފައިސާ ހޯދަން މަސައްކަތްކުރަން ބޭނުންނުވާ ފިރިއަކާއިއެކު އުޅޭކަށް ދީނަކު ނެތެވެ. މިކިޔައިދިން ޙާދިސާގައި އަނބިމީހާ އަމިއްލައަށް ޒިންމާއުފުލައި ދަރަނިވެރިވީފަދައިން އެކަން ކުރާކަށްވެސް ނެތެވެ. ވީމާ އެކަންވެގެންދާނީ ކުރެވޭ މޮޔަ ކަމަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން