ޢަލީ އިޙްޞާން ފިރާޤް
މިފަހަރުގެ ކުޑަޢީދު ވެގެންދާނީ ގިނަ ބައަކު ރަށުގައި ތިބޭނެ ޢީދަކަށެވެ. ކުރިއަށް ބަންދު ދުވަސްތަކެއް ލިބޭތީއެވެ. އެހެންވެ ޢީދުގައި ހިންގާ ޙަރަކާތްތައްވެސް އިތުރުވެގެންދާނެއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ﷲ ތަޢާލާގެ އިންތަކުގެ ތެރެއިން ޢީދުގެ އުފާ ޙާޞިލްކުރަން މަސައްކަތްކުރާށެވެ!
ސިފަ ބަދަލު ކުރެއްވުމުގެ ޢަޛާބަކީ ހަމައެކަނި މި ކުރީގެ އުއްމަތްތަކަށް ޚާއްޞަ ޢަޛާބެއް ނޫނެވެ. މި އުއްމަތުގެ ބަޔަކުވެސް ރާމާމަކުނުތަކަކަށާއި އޫރުތަކަކަށް ބަދަލު ކުރައްވާނެކަން ޞައްޙަ ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ.
އަބޫމާލިކު އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިވެއެވެ.
" لَيَشْرَبَنَّ نَاسٌ مِنْ أُمَّتِي الْخَمْرَ يُسَمُّونَهَا بِغَيْرِ اسْمِهَا يُعْزَفُ عَلَى رُءُوسِهِمْ بِالْمَعَازِفِ وَالْمُغَنِّيَاتِ يَخْسِفُ اللَّهُ بِهِمُ الأَرْضَ وَيَجْعَلُ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ " { سنن ابن ماجه، كتاب الفتن، باب الْعُقُوبَاتِ ، ޙަދީޘް ނަންބަރު 4020}
މާނައީ: [ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ އުއްމަތުން ބަޔަކު ރާބޯ ހުއްޓެވެ. ނަމަވެސް އެބައިމީހުން އެއަށް ދީފައިވަނީ އެނޫން އެހެން ނަމެކެވެ. އެބައިމީހުންގެ ކުރިމަތީގައި މިޔުޒިކް ޖަހާ މީހުން މިޔުޒިކް ޖަހާ (މިޔުޒިކް ކުޅެ)، ލަވަކިޔާ އަންހެން ކުދިން ލަވަކިޔާ ނެތެވެ. މާތްالله އެމީހުން ބިމަށް ގަންބަވައިލައްވައި އޭގެތެރެއިން ބަޔަކު ރާމާ މަކުނުތަކަކާއި އޫރުތަކަކަށް ބަދަލު ކުރައްވާ ހުއްޓެވެ.]
އަދި ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. އަބޫޢާމިރު ނުވަތަ އަބޫމަލިކު އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
"ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން ބަޔަކު މީހުން ފަށުވި ފޭރާމާއި، ޒިނާއާއި ރަލާއި މިއުޒިކު ސާމާނު ހުއްދަ ކުރާނެއެވެ. އެބައިމީހުންގެ ތެރޭގައި ފަރުބަދައެއްގެ ކައިރީގައި ދިރިއުޅޭ ބަޔަކުވެސް ތިބޭނެއެވެ. ހަވީރު ގަޑީގައި އެއުރެންގެ ބަކަރި ހުއިހައްޕާމީހާ އެއުރެންގެ ބަކަރިތަކާގެން އަންނާނެއެވެ. އައިސް އެބައިމީހުންގެ ގާތުން އެއްޗަކަށް އެދޭނެއެވެ. ނަމަވެސް އެބައިމީހުން އޭނާއަށް ބުނާނެއެވެ. މާދަން އެނބުރި އަންނާށެވެ."
އެދުވަހުގެ ރޭގަނޑުގެ ވަގުތުގައި މާތްﷲ އެބައިމީހުން ހަލާކު ކުރައްވާނެއެވެ. އެ ފަރުބަދަ އެބައިމީހުންގެ މައްޗަށް ވައްޓަވައިލައްވާނެއެވެ. ދެން ބާކީތިބި މީހުން ރާމާމަކުނަށާއި އޫރަށް ބަދަލު ކުރައްވާނެއެވެ. އެބައިމީހުން އެގޮތުގައި ޤިޔާމަތާ ހަމައަށް ދެމިތިބޭނެއެވެ.
{ صحيح البخاري، كتاب الأشربة، باب مَا جَاءَ فِيمَنْ يَسْتَحِلُّ الْخَمْرَ وَيُسَمِّيهِ بِغَيْرِ اسْمِهِ، ޙަދީޘް 5590}