ސިޙުރުވެރިންގެ ގާތަށް ދާންފަށާއިރަށް ޝައިޠޯނާ އެމީހެއްގެ މައްޗަށް ބާރުގަދަކޮށްލައި ގިނަގިނައިން ގެންދުވަންފަށާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
ސިޙުރުވެރިންގެ ގާތަށް ދާންފަށާއިރަށް ޝައިޠޯނާ އެމީހެއްގެ މައްޗަށް ބާރުގަދަކޮށްލައި ގިނަގިނައިން ގެންދުވަންފަށާނެ!

ސިޙުރުހެދުން ގިނަވެފައިވުމަކީ ސިޙުރުވެރިންގެ ގާތަށް ދާންޖެހޭ ސަބަބަކަށް ނުހަދާށެވެ. ފުރަތަމަ ކަމަކަށް އަމިއްލައަށް ރުޤްޔާކުރާށެވެ.

އަމިއްލައަށް ނުކުރެވޭނަމަ އިތުބާރުކުރެވޭ ރުޤްޔާކުރާ މީހެއްގެ ގާތަށްދާށެވެ. ސިޙުރުވެރިންގެ ގާތަށް ދިއުމުން ވެއްޓިއެގަނެވެނީ ޝިރުކުގެ ނުބައި ޢަމަލަކަށެވެ. އެއެޅެވެނީ ޝައިޠޯނާގެ ކަސްތޮޅުގައެވެ. ގިނަ ބައަކަށް މިކަން ނުވިސްނޭތީ މިގެނެސްދެނީ ސަމާލުކަން ދެއްވުން މުހިންމު ލިޔުމެކެވެ.   

ހުންވައްތަރުވާނަމަ ފިހާރައަކުން ޕެންޑޯލްގުޅައެއް ގަންނަ އުޞޫލުން ކިތަންމެ ކުޑަކުޑަ ކަމެއް  ކުރިމަތިވިނަމަވެސް ބާރަށް ދުވަމުން ސިޙުރުވެރިންގެ ގާތަށްގޮސް އެމީހުންނަށް އަޅުވެތިވާ މީހުން ތިބެއެވެ. އެމީހުންނަށް އެކަން އެކުރެވެނީ އެކަން އެގޮތަށް ކުރަން އެމީހުންގެ މައްޗަށް ގަދަވެގެންފައިވާ ޝައިޠޯނާ ވަސްވާސްދޭތީއެވެ.  

ފުރަތަމަ ކަމަކަށް ބަލައިލަންވީ އެކުރެވޭ ފާފައިގެ ބޮޑުމިނަށެވެ!

ސިޙްރަކީ ކީރިތި رسول الله صلى الله عليه وسلم ބަޔާންކޮށްދެއްވާފައިވާ ފަދައިން ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ބޮޑު ފާފައެކެވެ. ފަހެ އެކަލޭގެފާނު حديث ކުރައްވާފައި ވެއެވެ: 

اجْتَنِبُوا السَّبْعَ الْمُوبِقَاتِ ‏‏.‏ قَالُوا وَمَا هُنَّ  ‏ يَا رَسُولَ اللَّهِ  قَالَ  الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ . وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ ‏ (متفق عليه)

މާނައީ: " ހަލާކުދެނިވި ހަތްކަންތަކުން (ހަތް. ބޮޑުފާފައިން) ތިޔަބައިމީހުން އެއްކިބާވާށެވެ. އެބައިމީހުން (އެބަހީ: އަރިހުގައި ތިއްބެވި ޞަޙާބީން)  ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކޮންކަންތަކެއްތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ﷲ އަށް ޝަރީކު ކުރުމާއި. ސިޙްރު ހެދުމާއި. ﷲ ޙުރްމަތްތެރި ކުރެއްވި ނަފްސެއް ޤަތުލު ކުރުމާއި. ރިބާ ކެއުމާއި. ޔަތީމުންގެ މުދާ ކެއުމާއި. ހަނގުރާމައިގެ ދުވަހުގައި ފަހަތަށް އެނބުރި ފިލާން ދުވުމާއި. ކުށާމެދު ޚިޔާލެއް ނެތި ތިބި މުއުމިނު ޢިއްފަތްތެރި އަންހެނުންނަށް قذف ކުރުމެވެ. " 

މި حديث ގައި ބަޔާން ކުރައްވާފައިވާ ބޮޑު ފާފަތަކުގެ ތެރެއިން، ﷲ އަށް ޝަރީކު ކުރުމާ ވިދިގެން އައިސްފައި އެވަނީ ސިޙުރު ހެދުމުގެ ވާހަކައެވެ. ވީމާ މިކަމުންވެސް ސިޙުރުގެ ހުރި ނުބައިކަމާއި، ނުރައްކާތެރިކަން ކިތަންމެ ރަނގަޅަކަށްވެސް ދޭހަވެގެންދެއެވެ. 

ދެން ބަލައިލަންވީ އެހައިބޮޑު ފާފައަކަށް އެކަން ވެގެންދާ ސަބަބަށެވެ!  

ސިޙްރަކީ ޝައިޠާނާއާއި އިންސާނާއާ ދެމެދުގައި ކުރެވޭ އަޤްދެކެވެ. މިޢަޤްދުގެ ސަބަބުން ޝައިޠާނާއަށް އަޅުކަންކޮށް ޚާލިޤުވަންތަ ﷲ އަށް ކުފުރުވުމަށް އެއިންސާނާއަށް މަޖުބޫރުވެއެވެ. އަދި އެމީހަކަށް ޝައިޠާނާ ކުރާ ކޮންމެ އަމުރެއް ތަންފީޒު ކުރަން އޭނާއަށް މަޖުބޫރުވެގެންދެއެވެ.  ބަދަލެއްގެ ގޮތުން ރ މީހުންނަށް ގެއްލުން ދިނުމުގެ ގޮތުން އެއިންސާނާ އެދޭ ކަންތައްތައް ޙާޞިލުކޮށްދިނުމަށް އެޝައިޠާނާ ޙަވާލުވެއެވެ. 

 

- އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާންގެ ލިޔުއްވުމަކުން

މިއަދު އޮންލައިން