ދިރިއުޅެން ކުރާ މަސައްކަތްކުރަމުން، އުފަލުގައި
ދިރިއުޅެމުން މިހާރުވެސް ދުވާލަކު 76 ސަޖިދަކުރާ މީހުން މަދެއް ނޫނެވެ. އަދި އެއަށްވުރެ ގިނައިން ކުރާ މީހުންވެސް އެބައުޅެއެވެ. 76 ޢަދަދުން ގިނަވީމާ ޖެހިލުންނުވެ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ. އެއިރުން އެއީ ތިބާއަށްވެސް ހަމަ ފަސޭހައިން ކުރެވޭނެ ކަމެއްކަން ވިސްނޭނެއެވެ. އިން ޝާ ﷲ
އެންމެ ބޮޑު ބުއްދިވެރިއަކީ ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެ ކަމަށް ވިސްނައި އެކަމަށް އަބަދުވެސް ތައްޔާރުވެގެން ހުންނަ މީހެކެވެ. އެކަމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ކޮންމެ ދުވަހަކު މަދުވެގެން ފަރުޟުކުރެއްވެވި ވަރަށް އަދި އެއިގެ އިތުރުންވެސް ވީހާގިނައިން ސަޖިދަކުރުމެވެ. ސަޖިދަކުރުން މާނަމިކުރަނީ ނަމާދުކޮށް ސަޖިދަކުރުމަށެވެ.
ކޮންމެ ދުވަހަކު ވެސް ކޮންމެ މުސްލިމެއްގެ މައްޗަށް 5 ނަމާދު ފަރުޟުކުރައްވަވާފައިވާކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އަދި އެނަމާދުތަކުގެ ރަކްޢަތްތަކުގެ އަދަދާއި ރުކޫއާއި ސުޖޫދުތަކުގެ ޢަދަދުވެސް އެބަ އެނގެއެވެ.
5 ނަމާދުގައި ހިމެނިގެންވަނީ 17 ރަކްޢަތެވެ. އެއީ
ފަތިސްނަމާދުގައި 2، މެންދުރު ނަމާދުގައި 4، ޢަޞްރު ނަމާދުގައި 4، މަޣްރިބް ނަމާދުގައި 3، އަދި ޢިޝާ ނަމާދުގައި 4 ރަކްޢަތެވެ. ރުކޫޢަކީ ކޮންމެ ރަކްޢަތެއްގައި އެއްފަހަކުރާ ކަމެކެވެ. ވީމާ އެއީ 17 ރުކޫޢްއެވެ. އަދި ކޮންމެ ރަކްޢަތެއްގައި 2 ފަހަރު ނުވަތަ 2 ސަޖިދަކުރަމުއެވެ. ވީމާ އެއީ 34 ސަޖިދައެވެ.
ދެން ބަލައިލަންވީ ރަވާތިބް ސުންނަތްތަކަށެވެ. ކޮންމެ ދުވަހަކު ކުރަންޖެހޭ ރަވާތިބް ސުންނަތްތަކުގެ ތެރެއިން މަދުވެގެން 12 ރަކްއަތް އެބަކުރަންޖެހެއެވެ. ސުވަރުގެއިން ގަނޑުވަރެއް ލިބުން އޮތީ ކޮންމެ ދުވަހަކު 12 ރަކްޢަތްކޮށްގެން ކަމަށްވާތީއެވެ. އެއީ އިތުރު 24 ސަޖިދައެވެ.
ދެން އަނެއްކާވެސް ސުންނަތަކަށް އެނބުރިލަމާހެއްޔެވެ؟ ޞުޙާ ނަމާދުގައި މަދުވެގެން 2 ރަކްޢަތެވެ. ވިތުރިގައި 3 ރަކްޢަތެވެ. ދެން ތަހައްޖުދު ނަމާދެވެ. އެއީ 4 ރަކްޢަތްކަމަށް ބަލަމާ ހިނގާށެވެ. އެއިރުން އިތުރު އެވީ 9 ރަކްޢަތެވެ. އިތުރު 18 ސޖިދައެވެ.
ވީމާ ޖުމުލަ މިހަމަވީ 17+ 12+ 9 = 36 ރަކްޢަތެވެ. 34+ 24+ 18 = 76 ސަޖިދައެވެ. އަޞްލަށް ބަލައިފިނަމަ މިއީ އަހުރެމެން ޤަވާއިދުކޮށް ކޮންމެ ދުވަހަކު ސަޖިދަ ކުރަން އޮތް އެންމެ މަދު ޢަދަދެވެ.
ސުންނަތް ނަމާދުތައް އެމީހަކު ކުރަން ބޭނުންވާހައި ވަރަކަށް ކުރުމުގެ ފުރުޞަތު އެބައޮތެވެ. އިތުރަށް ރަކްޢަތްކުރާ ވަރަކަށް ކުރެވޭ ސަޖިދަތައްވެސް ގިނަވާނެއެވެ. ގިނަވިވަރަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވާނެއެވެ. އަހުރެންގެ އިލްތިމާސަކީ ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން ވެސް ކުރިން ބަޔާންކުރިފަދައިން36 ރަކްޢަތާއި، 76 ސަޖިދަކުރަމުން ގެންދިއުމެވެ.
އެއިރުން އިން ޝާ ﷲ އެމީހަކަށް އަބަދުވެސް ދާނީ ފަރުޟުނަމާދާއި ސުންނަތް ނަމާދުތައް ކުރެވެމުންނެވެ. ފަހުން ސުންނަތްތައް ކުރަންހުއްޓައި ކުރަން ނުފެށި އުޅެނިކޮށް މަރުއައިސް ބައްދަލުކޮށްގެން އެކަމުގެ ހިތާމަކުރާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
--މިއަދުނޫސް