ރަމަޟާންމަހު ރޭއަޅުކަމުގަ 2 ގަޑިއިރު ހޭދަކޮށްފަ މިހާރު 15 މިނިޓް ހޭދަނުކުރެވުނީމާ ﷲ ތަޢާލާގެ ރަޙްމަތަށް އެދޭ މީހަކަށްވެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރަމަޟާންމަހު ރޭއަޅުކަމުގަ 2 ގަޑިއިރު ހޭދަކޮށްފަ
މިހާރު 15 މިނިޓް ހޭދަނުކުރެވުނީމާ ﷲ ތަޢާލާގެ ރަޙްމަތަށް އެދޭ މީހަކަށްވެވޭނެތަ؟


ރަމަޟާން މަހު ވަރަށް ދިގުކޮށް އިމާމާއިއެކު ދަމުނަމާދުކުރީމުއެވެ. އެންމެ ކުރުކޮށް ބެލިނަމަވެސް ތަރާވީހްނަމާދާއި ދަމުނަމާދުކުރަން ވާނީ 2 ގަޑިއެއްހައިއިރު ހޭދަކުރެވިފައެވެ. އެއީ އިމާމްއާއިއެކުގައެވެ. ރަމަމާންމަސް ނިމުމުން އިމާމް އާއިއެކު ރޭއަޅުކަންކުރުމުގެ ފުރުޞަތު ގެއްލިގެންދެއެވެ.

ރަމަޟާންމަހަސްފަހު އޮތީ އެކަނި ހުރެ ނުވަތަ ދެމަފިރިން އެކުގައި ނުވަތަ ޢާއިލާ އެކުގައި ތިބެގެން ކުރުމެވެ. ދަމުނަމާދުކުރުމުގެ ވާހަކަދައްކާއިރަށް ގިނަ ބައަކަށް ހީވަނީ އެއީ ވަރަށް ބޮޑު ކަމެއްހެންނެވެ. ވަރަށް ގިނަ ރަކްޢަތްކުރަންޖެހޭނެ ކަމަށާއި ކޮންމެ ރަކްޢަތެއްގައި ވަރަށް ދިގުކޮށް ކިޔަވަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.

ދިގުކޮށް ކުރެވެން ނެތްމީހާ އެންމެ 2 ރަކްޢަތް ކުރިނަމަވެސް ފުދޭނެއެވެ. އަދި ޤުރްއާނުން ފަސޭހަ މިންވަރަކަށް ކިޔަވަންވީއެވެ. ކޮންމެހެން ދިގުކޮށް ކިޔަވާކަށް ނުޖެހެއެވެ. އެކަމުގައި އޮތީ އެމީހަކަށް ކެރިކުޅަދާނަވީ މިންވަރެކެވެ.

ދެން ކޮށްލުން މުހިންމު ކަމަކީ އެހެން ނަމާދުތަކަށްވުރެ ރުކޫޢާއި ސުޖޫދު ދިގުކޮށްލުމެވެ. އެކަންކުރަންވެސް އޮތީ އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކަށެވެ.  

ދެން ބަލައިލަންވީ ދުޢާކުރުމަށެވެ. ރަސޫލް ﷺ ކުރެއްވެވި ދުޢާތައް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ދަސްކުރަން ބޭނުންނަމަ ދަސްކޮށްލާށެވެ. ނުއެނގޭނަމަ އެމީހަކު ބޭނުން ދުޢާއެއް ކުރާށެވެ. އެމީހަކު ބޭނުންވާ ކަމަކަށް އެދި ދުޢާކުރާށެވެ. އެމީހެއްގެ ބަހުންވެސް ކުރެވޭނެއެވެ. އަދި ބަލައިގެންވެސް ދުޢާކުރެވޭނެއެވެ.

ވީމާ އެކަނިހުރެ ދަމުނަމާދުކުކުރުމަކީ ބުރަކަމެއްކަމަށް ނުދެކޭށެވެ. އެއީ ވަރަށް ލުއިކޮށްވެސް ކުރެވެން އޮތް ކަމެކެވެ. މުހިންމީ ދަމުނަމާދުކުރުމެވެ. ރަމަޟާން މަސް ނިމުމުން ދަމުނަމާދުކުރުން ހުއްޓައިލުމަކީ ވަރަށް ދެރަކޮށްކުރެވޭ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން