ދަރިންނާއެކު އެކަނިވެރިވާންޖެހުމަކީ ލިބޭ ދެރައެއް ނޫން! އެންމެ ފުރަތަމަ ބުރުގަ ސުވަރުގެ ވަނުމަށް ލިބޭ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދަރިންނާއެކު އެކަނިވެރިވާންޖެހުމަކީ ލިބޭ ދެރައެއް ނޫން! އެންމެ ފުރަތަމަ ބުރުގަ ސުވަރުގެ ވަނުމަށް ލިބޭ ފުރުޞަތެއް!

ދަރިން ލިބުމުން ބައެއް ފިރިން އަނބިމީހާ ވަރިކޮށް އެކަނިވެރިކޮށްލައެވެ. އިތުރަށް ނިކަމެތިކޮށްލުމުގެ ގޮތުން ދަރިންނަށް އެހީތެރިނުވެވެސް ތިބެއެވެ. ބުނަންހެއްޔެވެ؟ އެއީ ތިއަ ހީކުރާ ގޮތަށް އޮތްކަމެއް ނޫނެވެ. އެވަޤުތު ނުވަތަ ދުވަސްކޮޅަކަށް އޭނާ އެކަނިވެރިވެ ހިތާމަކުރަންޖެހިދާނެއެވެ. ދަތިޙާލުގަ އުޅެންވެސް ޖެހިދާނެއެވެ. ނަމަވެސް ފަހުން ލައްވަވަން އޮތް ރަޙްމަތް މާބޮޑުވާނެއެވެ.  

"ޤިޔާމަތް ދުވަހު ގޮވާލެއްވޭނެތެވެ. ހިތްހަމަޖެހިގެންނާއި ހިތްދަތިކަމުގެ ވަޤުތުގައިވެސް ﷲ ތަޢާލާއަށް ޙަމްދުކުރި މީހުން ކޮބައިހެއްޔެވެ؟ އެމީހުން އެއްތަނަކަށް އެއްކުރައްވަވާނެތެވެ. އަދި އެންމެ ފުރަތަމަ ބުރުގައި ސުވަރުގެ ވައްދަވާނެތެވެ. އެއީ މިންވަރު ކުރެއްވެވި ހުރިހާ ޙާލަތެއްގައިވެސް ﷲ ތައާލާއަށް ޙަމްދުކުރީތީއެވެ. ޝުކުރުވެރިވީތީއެވެ. ވަޙީބަސްފުލުގައި އޮތީ ޝުކުރުވެރިވާ އަޅުންނަށް އިމެއް ނެތި ނިޢުމަތްތައް އިތުރުކޮށްދެއްވަވާނެކަމަށެވެ."  

ލޮބުވެތި އުޚުތުންނޭވެ! ތިއަކަނަބަލުންގެ ކުށެއްނެތި ކައިވެނިރޫޅުނަސް، އަދި ދަރިންނާއިއެކު އެކަނިވެރިވާންޖެހުނަސް ދެރަނުވާށެވެ! ﷲ ތަޢާލާއަށް ޙަމްދުކުރުންމަތީގައި ޘާބިތުވެހުންނާށެވެ. ހަމައެކަނި އާޚިރަތް ދުވަހަކުވެސް ނޫނެވެ. ދުނިޔޭގައިވެސް ތިބާއަށް އުފާވެރިކަން ދެއްވަވާނެތެވެ.  

ދެންމެ މިބަޔާންކުރީ ޤިޔާމަތް ދުވަހު ދެއްވަވާނެ މަތިވެރި ދަރަޖައެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެމަތިވެރި ދަރަޖަ ލިބިގަތުމަށެވެ. އެންމެ މަތިވެރި ޝަރަފާއި ޢިއްޒަތުގައި، އެންމެ ފުރަތަމަ ބުރުގައި ސުވަރުގެ ވަދެވުމަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ އޮތިއްޔާ ނިކަން ދައްކައިލަބަލާށެވެ. ބުނެދީބަލާށެވެ!

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން