ހިތްހުޅުވާލައި ފުންކޮށް ވިސްނައިލާށެވެ! ތަޤްވާވެރިކަމުގައި ކުރިއަށްދާން މީހަކު މަސައްކަތްކުރާނަމަ އެމީހަކަށް މާތް ﷲ މަގުފަހިކޮށްދެއްވަވާނެތެވެ. އެއީ ޔަޤީންކަމާއިއެކު އެނގެން އޮތް ކަމެކެވެ.
ނިމިގެންދިއަ ރޯދަމަހު އެންމެންވެސް ރޯދަހިފިއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ. ރޯދަ ހިފިއިރު އަހަރެމެން އެންމެންވެސް ތިބީ ޙަލާލު ތަކެތި އަހަރެމެންގެ ކުރިމަތީގައި ހުންނައިރުވެސް ނުކައި ނޮބޮއެވެ. ވީއިރު އަހަރުގެ އެހެންދުވަސްތަކުގައި ﷲ ތަޢާލާ ޙަރާމްކުރެއްވެވި ތަކެތި ނުކައި ނުބޮއެ ނުތިބެވެންވީ ކީއްވެގެން ހެއްޔެވެ؟
ހަމައެގޮތަށް ރަމަޟާން މަހު އަހަރެމެން ތިބީ ހަމަ އެންމެ ފާފައެއް ވެސް ނުކޮށެވެ. ފާފައަކަށްވެދާނެ ހުރިހާ ކަމަކާއި ދުރުހެލިވެގެންނެވެ. ހަމަ އެއާއިއެކު ވީހައި ގިނައިން ހެޔޮ އަމަލުތައް ކުރީމުއެވެ. ވީއިރު ރަމަޟާން މަސް ނިމި ދުވަސްކޮޅެއްވާއިރަށް މިހާރު ފާފަކުރަންވީ ކީއްވެގެންހެއްޔެވެ؟
ތިބެން ބޭނުން އެންމެންނަށް ތިބެވޭނެއެވެ. އެއީ ހަމަ ވަރަށް ބޮޑަށް ޔަޤީން ކަމެކެވެ. ބޭނުންވަނީ ރަމަޟާން މަހު ﷲ ތަޢާލާއަށް ބިރުވެތިވީ މިންވަރަށް އަހަރުގެ ހުރިހާ ދުވަސްތަކެއްގައިވެސް ބިރުވެތިވުމެވެ. ހިތުގެ އިޚްލާޞްތެރިކަމެވެ."
ރަމަޟާންމަހު ފާފަނުކޮށް ތިބެވުނު މީހުންނަށް މިހާރު ނިތިބެވިފަ، އަޅުކަންކުރުން މަދުކުރެވޭނަމަ އެއީ ބިރުވެތިވާންޖެހޭ ބޮޑު މައްސަލައެކެވެ. އެކަމުން އެނގެނީ އީމާންކަމުން ބޮޑުބައެއް އުނިވެގެން ހިނގައްޖެކަމެވެ. ގަދައަޅައި މަސައްކަތްކުރަންވީ އީމާންކަން ވަރުގަދަކުރުމަށެވެ.
--މުފްތީ މެންކުގެ ދަރުސަކުން