މީހާ މަރުވެ ވަޅުލެވުމުން އެމީހެއްގެ ކައްވަޅު ހަނިވެ ފަސްގަނޑު އެމީހަކު ފިއްތައިލާނެއެވެ. ކިހައިވަރަކަށް ހެއްޔެވެ؟ އެއްފަރާތުގެ ކަށިތައް އަނެއް ފަރާތުން ނުކުންނަ ވަރަށެވެ. އެމީހަކަށް އެކަން މެދުވެރިކުރައްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް ޙަދީޘްފުޅުން ޔަޤީންވާކަމަކީ ކޮންމެ މީހަކަށްވެސް އެކަން ކުރިމަތިކުރައްވަވާނެ ކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ
މީހަކާއިވެސް ކައްވަޅުގައި 3 ސުވާލު ކުރައްވަވާނެއެވެ. ކައްވަޅަކީ އެމީހަކަށް އަރާމު، ސުވަރުގޭގެ ބަގީޗާއަކަށްވެގެންދާނީ 3 ސުވާލުގެ ޖަވާބުވެސް ދެވިއްޖެނަމައެވެ. ނޫންނަމަ ކައްވަޅުގައިވެސް އެމީހަކަށް ޙައްޤު ޢަޛާބު އެމީހަކަށް ދެއްވަވާނެތެވެ.
ކައްވަޅުގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދެވި ޢަޛާބުން ސަލާމަތްވުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މުސްލިމަކަށްވިނަމަވެސް ކީރިތި ޤުރްޢާނަށް ޢަމަލުނުކުރާ މީހަކަށް ނުދެވޭނެއެވެ. ޢަމަލުކުރެވޭނީ ޤުރްއާނުގައިވާ އެއްޗެއް އެމީހަކަށް އެނގިގެންނެވެ. މީހުން ކިޔަވާތީ ތިމާވެސް ކިޔަވައިލުމަކުން ނުފުދޭނެއެވެ. މާނަކިޔަންޖެހޭނެއެވެ. މާނަ ނުކިޔައި މާނަ ނުއެނގޭނެތީއެވެ.
ޤިޔާމަތް ދުވަހުގެ ޙިސާބުބެއްލެވުމުގެ ކަންކަން އިހަށް ދުރުގައި ބާއްވަމާ ހިނގާށެވެ. ކައްވަޅުގައި ކުރެވޭ ސުވާލުތައް ކުރެވޭއިރު ތިބާއަށް އޮންނަން ޖެހޭނީ އެކަންޏެވެ. ޤުރްއާނާއި ތިބާ ދުރުހެލި ކުރުވި އެއްވެސް މީހަކު އެތަނަކު ނުހުންނާނެއެވެ. ދުނިޔޭގައި އެމީހުން ތިބިނަމަވެސް އެއިން މީހަކަށް ކުރެވޭނެ އެއްވެސް ކަމެއްވެސް ނުއޮންނާނެއެވެ.
ވީމާ ޤުރްއާން ކިޔެވުމާއި މާނަކިޔުމާއި އަދި ދެންވެސް ތިމާކުރަންޖެހޭ އަޅުކަންކުރުވުމާއި ތިމާ ދުރުހެލިކުރުވާ އެއްވެސް މީހަކާއިއެކުގައި ވަޤުތު ބޭކާރުނުކުރާށެވެ! އެއެންމެންނާއި ދުރުހެލިވާށެވެ. ޤުރްއާން ކިޔަވައި މާނަކިޔައި ހެޔޮ ޢަމަލުތައްކުރަން ހިތްވަރުދޭ މީހުންނާއިއެކުގައިވާށެވެ. ކައްވަޅުގައި ކުރެވޭ 3 ސުވާލަށް ޖަވާބުދެވޭނީވެސް އެއިރުންނެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން