ދަރިން އުފަންވަނީ އެކެއްގެ ބަނޑުން ކަމަށްވެފައި ބައްޕައަކީ އެކަކު ނަމަވެސް ބައެއް ގޭގޭގައި ރަންދަރިންނާއި ގުއިދަރިން ތިބޭނެއެވެ. ބައެއް މުޖުތަމަޢުތަކުގައި މިމައްސަލަ ބޮޑު ނަމަވެސް ކޮންމެ މޖުޖުތަމަޢުއެއްގައިވެސް މިމައްސަލަ އޮވެއެވެ.
މިޒަމާނަކީ ދަރިންގެ މެދުގައި ހަމަކަމާއި އިންޞާފުން ކަންކަން ކުރިނަމަވެސް ބައެއް ދަރިން އެކަން ބަލައި ގަތުމުގައި މައްސަލަތައް ކުރިމަތިވުން ބޮޑުވަމުން އަންނަ ޒަމާނެވެ. ވީއިރު ދަރިންގެ މެދުގައި ހަމަހަމަނުކުރާ މައިންބަފައިންނަށް ދަރިން އިންޞާފުން ކަންކަންކުރާނެކަމަށް އުންމީދުކުރުމެއް ނެތެވެ. މާނައަކީ އެކަމުގެ ފުރުޞަތު ވަރަށް ކުޑަކަމެވެ.
ބައެއް މައިންބަފައިން ބުނަނީ ދަރިންގެ މެދުގައި ހަމަހަމަކޮށް، ކިތަންމެ އިންޞާފުން ކަންކަން ކުރިނަމަވެސް ދަރިން ކަންކަން ކުރަނީ ކުރާނެ ގޮތަކަށް ކަމަށެވެ. ޙާލުބަލާލައި އަޅައިލަނީވެސް ބައެއް ދަރިން ކަމަށެވެ. އެއީވެސް ހަމަ މެދުވެރިވަމުން އަންނަކަމެކެވެ.
ތަފާތަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ތިމާ ޢަމަލުކުރުމާ ނުކުރުމުގެ ތަފާތެވެ. ދަރިންގެ މެދުގައި ހަމަހަމަކުރުމަކީ ރަސޫލް ﷺ އެކަމަކަށް ވަރަށް ބޮޑަށް ބާރު އަޅުއްވަވައި އިރުޝާދު ދެއްވަވާފައިވާ ކަމެކެވެ. ވީމާ ތިމާގެ ވާޖިބު ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަދާކުރެވިފައިވާނަމަ އެކަމުގެ ހިތްހަމަޖެހުން ތިމާއަށް އޮންނާނެއެވެ. އަދި އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ.
ތަޖުރިބާއަށް ބަލާއިރު ގިނަ ފަހަރު މައިންބަފައިންނަށް ބޮޑަށް އެހީތެރިވަނީ އެންމެ ލޯބިން ގެންގުޅުނު ދަރިންނެއް ނޫނެވެ. އިހްމާލުވެވުނުކުދިންނެވެ. އެކަން އެހެން އެވަނީ ކީއްވެގެންހެއްޔެވެ؟
ޖަވާބުވެސް މިދެނީ އަމިއްލަވިސްނުމުންނެވެ. އަހުރެންނަށް ވިސްނޭ ގޮތުން އެހެންދަރިންނަށްވުރެ ބޮޑަށް ވަކި ދަރިއަކަށް ލޯބިދީގެން ގެންގުޅޭނަމަ އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް އޭނާގެ ސުލޫކަށް ކުރެއެވެ. އެކަމުގެ ނަތީޖާއަކަށްވަނީ އެފަދަ ކުދިންގެ ހިތުގައި ހަމައާއި އިންޞާފަށް ލޯބިނެތުމެވެ. އެހެންމީހުންނަށް ރަޙުމްކުރުން ކުޑަވުމެވެ. އަޚްލާޤީ ގޮތުން ނުރަނގަޅު އަސަރުތަކެއް ކުރަނީއެވެ.
މިކަންކަން އެކުދިންގެ ޠަބީޢަތުގައި ހަރުލުމުން މައިންދެކެވެސް ލޯބިނުވެވެނީއެވެ. ބޭނުންބަހެއް ބުނެލަނީއެވެ. ބޭނުންކަމެއް ކޮށްލަނީއެވެ. އެހެން ބުނަން މިޖެހެނީ ގިނަ ޢާއިލާތަކުގައި މައިންބަފައިންގެ ހިތުގައި ޖެހޭފަދަކަންކަން އެންމެ ގިނައިން ކުރަނީވެސް މައިންބަފައިންނަށް އަޅާލައި އެހީތެރިނުވަނީވެސް މައިންބަފައިން އެންމެ ބޮޑަށް ލޯބިދީގެން ގެންގުޅޭކުދިން ކަމަށްވާތީއެވެ.
ވީމާ އަހުރެންގެ އިލްތިމާސަކީ ދަރިންގެ އިންޞާފާއި ހަމަހަމަކަން ޤާއިމުކުރުމެވެ. އެއިރުން މައިންބަފައިންނަށް އެވަނީ އެމީހުންގެ ވާޖިބު އަދާކުރެވިފައެވެ. ﷲ ތަޢާލާގެ ވާގިފުޅާއި ރަޙްމަތަށް އެދުން އޮތީވެސް ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމާއިއެކުގައެވެ. ނޫންނަމަ ކުރެވުނު ފާފައަށް ތައުބާވުމަށްފަހުގައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން