ބައެއް އަންހެނުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުން ގޭތެރޭގައި ތިބޭއިރު ރީތިކޮށް ހެދުންލައި ޒީނަތްތެރިވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ގޭތެރޭގައި ވެސް ތިބެން ޖެހޭނީ ރިވެތިކޮށް ހެދުންލައި ޒީނަތްތެރިވެގެންނެވެ. ހެދުންލާންވީ ބައަކަށް ދެއްކުމަކަށް ނޫނެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ވީމާ އަބަދުވެސް ހެދުން ލާން ޖެހޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށެވެ.
އަނބިން އަބަދުވެސް ގައިން ތާހިރުވެ ރީތިކޮށް ހެދުން ލައިގެން ތިބުމަކީ ފިރިންގެ ލޯބި ވެސް އިތުރުވާ ކަމެކެވެ. ހަމައެފަދައިން ފިރިންވެސް އެފަދައިން ތިބުމަކީ އަނބިންގެ ލޯބި އިތުރުވާ ކަމެކެވެ. ހަމަ އެއާއިއެކު ސާފުތާހިރުވެ ރިވެތި ފޭރާމުން ފޭރާންލައި އެ ފޭރާމާއި އެއްގޮތަށް ތިމާގެ އަޚްލާޤް ބެހެއްޓުމަކީ އެންމެންގެ ލޯބި އިތުރުވާ ކަމެކެވެ.
މިކަމުގައި އިސްލާމް ދީނުގައި އޮތް ގޮތް ތެދުކަން ސަރވޭތަކުން އެނގެއެވެ. ކުރެވިފައި ސަރވޭތަކުގެ މައުލޫމާތަށް ބަލާއިރު ސާފުތާހިރުވެ ރީތިކޮށް ހެދުން ލައިގެން ތިބުމަކީ ތިމާގެ އަމިއްލަ ހިތްހަމަޖެހުން އިތުރުވާ ކަމެކެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މުސްލިމުންނަކީ ރީތިކޮށް ހެދުންލައި ޒީނަތްތެރިވާން ޖެހޭނެ ބައެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މުސްލިމުންނަކީ އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން ރީތިކޮށް ހެދުންލައި ސާފުތާހިރުވެގެން ތިބެން ޖެހޭނެ ބައެކެވެ. އެހެނީ ރީތިވެ ސާފުތާހިރުވެގެން ތިބުމަށް ﷲ ތާޢާލާ ނުހަނު ބޮޑަށް ލޯބިވެވޮޑިގެންވެއެވެ..
ފޭރާން ވުމުގައި ﷲ ތައާލާ ކަނޑައަޅުއްވަވާފައިވާ އިންތަކަށް ބަލަން ޖެހޭނެއެވެ. ލާން ޖެހޭނީ ހުއްދަކުރެއްވެވި ފޭރާމެވެ. ނިވާ ކުރުމަށް އެންގެވި ބައިތަށް ނިވާކުރަން ޖެހޭނެއެވެ. އެތެރެ ފެންނަ ފޭރާން ލައިގެން ނުވާނެއެވެ. އަދި ފޭރާން ގަތުމުގައި އިސްރާފުކުރުމެއް ވެސް ނެތެވެ. އެހެނީ އިސްރާފް ކުރުމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެކެވެ.
މުއްސަނދިން ރީތި ފޭރާން ލައި ރީތި ކާރުގައި އުޅުމުން ބައެއް މީހުން އެބަ ނަފުރަތު ކުރެއެވެ. އެއީ ދެއްކުންތެރި އަމަލެއް ކަމަށްވެސް އެބަ ބުނެއެވެ. ނަމަވެސް އެގޮތަށް އެހައި ފަސޭހައިން ނުނިންމާށެވެ! އެމިހާއަކީ ފަރުޟުތައް ފުރިހަމައަށް އަދާކޮށް ރިވެތި ބަހުން މީސްތަކުންނާއި މުޢާމަލާތުކުރާ އަދި ނިކަމެތިންނަށް ރަޙުމްކުރާ އޯގާތެރިއަކު ކަމުގައިވާނަމަ އެމީހާއަށް ފާޑުކިޔާނީ ކިހިނަކުން ހެއްޔެވެ؟
ވަރަށް އާދައިގެ ފެނަވަރުގެ މީހުންގެ ތެރޭގައި ވެސް މިފަދަ ސިފަތައް ނުހުންނަ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ މީހުން އެބައުޅެއެވެ. ވީމާ ވިސްނާށެވެ! މީހާގެ ދަރަޖަ ކަނޑައަޅަނީ ލައިގެން ހުންނަ ހެދުމަކުން ނޫނެވެ! އެމީހާގެ އަޚްލާޤުންނެވެ. ތަޤްވާވެރިކަމުންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން