ފަށްކުރުމެއް!: ސުބްޙާނަﷲ ގެ މަތިވެރިކަމާ މާނައާ ޛިކުރުކުރުމުން ލިބިގަންނަންވީ ފައިދާތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ފަށްކުރުމެއް!: ސުބްޙާނަﷲ ގެ މަތިވެރިކަމާ މާނައާ ޛިކުރުކުރުމުން ލިބިގަންނަންވީ ފައިދާތައް!

سُبُحَانَ اللهِ މިއީ ކޮންމެ ނަމާދަކަށްފަހު 33 ފަހަރު ކިޔާ ޛިކުރެކެވެ.

ވިސްނައިލަން އޮތްކަމަކީ ކިޔާއިރު އެންމެ ކުޑަމިނުން މާނައަށް ވިސްނައިލެވޭ ހެއްޔެވެ؟ އެހެންކަމުން މިގެނެސްދެނީ ޛިކުރުގެ މަތިވެރިކަމާ މާނައާ ޛިކުރުކުރުމުން ލިބިގަންނަންވީ ފައިދާތައް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ 

سُبُحَانَ اللهِ! 

" سُبُحَانَ الله" މި ޛިކުރަކީ މަތިވެރި ޛިކުރެކެވެ. މި ޛިކުރު ކިޔާ މީހަކަށް އެތައް ސަވާބަކާއި ދަރުމައެއް ލިބޭނޭ ކަމަށް ވާރިދުވެފައިވެއެވެ. މިއީ، އެތަކެއް ޙަޤީޤަތްތަކެއް އެކުލެވޭ، މާނަ ފުން ޛިކުރެކެވެ. އަވަސް ނަޒަރެއްގައި، ދިވެހި ބަހުން މި ކަލިމައިގެ މާނައަށް ބަލަންޏާ، މި ކަލިމައިގެ މާނައަކީ، "މާތް ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ!" 

"سبحان الله" މި ޛިކުރުކުރުމުގެ ބޭނުމަކީ، އަޅާގެ އަމިއްލަ ނަފްސުން އެ އިލާހު ހުސްޠާހިރުވަންތަ ކުރުމެވެ. އެހެނީ، އިންސާނީ ހިތަކީ އެނބުރޭ ވަހުތާނެކޭ ބުނާތީ އަޅުގަނޑުމެން އަޑުއަހާ ފަދައިން އެ ހިތަކީ ހަމަ ޙަޤީޤަތުގައި ވެސް އެކަހަލަ އެއްޗަކަށް ވާކަމެވެ. އިންސާނާގެ ހިތަށް އަރައިފައިބާ ޚިޔާލާއި ފިކުރަކީ އެއްވެސް ހައްދެއް ނެތް އެއްޗެކެވެ. ވަސްވާހާއި ވަހުމަކީ އެހައި އަވަހަށް، އެހައި ފަސޭހައިން އެ ހިތުގެ ތެރެއަށް ވަންނަ އެއްޗެއްސެވެ. ބައެއް ޞަޙާބީބޭކަލުން ވެސް އެކަމާ މެދު މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ޝަކުވާ ކުރެއްވި ކަމަށް ވާރިދުވެފައިވެއެވެ. 

" فقد جاء ناس من أصحاب النبي صلى الله عليه وسلم فسألوه: إنا نجد في أنفسنا ما يتعاظم أحدنا أن يتكلم به؟ قال: وقد وجدتموه؟ قالوا: نعم، قال: ذاك صريح الإيمان. (مسلم)  

މާނައީ: "ނަބީ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ވިދާޅުވިއެވެ. ތިމަންބޭކަލުންގެ ހިތަށް އަރާ އެއްޗެހީ ބޮޑު ކަމާ މެދު ތިމަން ބޭކަލުން ބިރުފުޅު ހީވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެގޮތަށް ދިމާވޭތޯއެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އާދޭހެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ޞަރީޙު އީމާންކަމެވެ."  

އެކަލޭގެފާނުގެ މުރާދުފުޅަކީ، އެއީ އީމާނުގެ އަހުލުވެރީން މާތް ﷲ ގެ މަގުން އެއްކިބާކުރުމުގެ ގޮތުން، އެބޭކަލުންގެ އީމާނުގައި ރެނދުއަޅުވައިލުމުގެ ގޮތުން ޝައިޠާނާ ވައްދާ ވަސްވާސްކަމުގައެވެ. އެހެންކަމުން، މި ޙަދީޘުން ވެސް އެނގިގެންދަނީ، އިންސާނާގެ ހިތަކީ އެއަށް ވަރަށް ފަސޭހައިން ވަސްވާހާއި ވަހުމު ވަންނަ އެއްޗެއްކަމެވެ. ޝައިޠާނާ އެންމެ ބޮޑަށް އިންސާނާގެ ހިތަށް ވައްދާނެ ވަހުމަކީ މާތް ﷲ ގެ ޛާތުފުޅާ ގުޅޭ ކަންކަމުގެ ވަހުމު ކަމާ މެދަކު ޝައްކެއް ނެތެވެ. ޞަޙާބީންގެ ވާހަކަފުޅުން ވެސް އެ އިޝާރާތްކުރެވެނީ އެފަދަ ކަންކަމަށެވެ. 

ވުމާއެކު، "سبحان ﷲ"، މި ޛިކުރުގެ ބޭނުންޖެހިފައިވަނީ އަޅުގަނޑުމެން އިންސާނުންނަށެވެ. އެހެނީ، މާތް ﷲ އީ ދާއިމަށް ހުސްޠާހިރުވަންތަ އިލާހެވެ. އަޅުގަނޑުމެން އެ ޛިކުރު ކުރިޔަސް،  ނުކުރިޔަސް ޙަޤީޤަތަކީ މިއީއެވެ. އެކަލާނގެއީ ތާއަބަދަށް ހުސްޠާހިރުވަންތަ އިލާހެވެ. އަދި މި ޛިކުރުގެ ސަބަބުން މާތްﷲ ގެ ޙަޟްރަތަށް ކުރާނޭ އެއްވެސް ފައިދާއެއް ވެސް ނެތެވެ. ފައިދާ އޮތީ، އަޅުގަނޑުމެންނަށެވެ. އެހެނީ، އަޅުގަނޑުމެންގެ ހިތަށް އަރައިފައިބާ ޝައްކާއި ވަސްވާހާއި ވަހުމުތަކުން އެ އިލާހު ތަނައްޒުހުވެ ހުސްޠާހިރުވެވޮޑިގެންވާ ކަމަށް، މި ކަލިމައިން އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ހަނދާންކޮށްދެވެނީއެވެ. އަދި އެ ކަންކަމުން އަޅުގަނޑުމެން ދުރުވެ ރައްކައުތެރިވާ ކަމަށް އަޅުގަނޑުމެންނަށް  އިޤުރާރު ވެވެނީއެވެ.  

ހަމަ މިގޮތަށް، ނަޒަރު ހިންގައިލައިފިއްޔާ، މިފަދަ އެހެން ޛިކުރުތައް ވެސް ވާރިދުވެފައިވަނީ އަޅުގަނޑުމެންނަށް ހެވަކަށެވެ. އަޅުގަނޑުމެންގެ އީމާންތެރިކަން ތާޒާކުރުމަށެވެ. މަންފާ އޮތީ އަޅުގަނޑުމެންނަށެވެ. الله أكبر!  

- ޝައިޚް ޝަފީޢު ޢަބްދުﷲ 

- މިއަދުނޫސް

 

މިއަދު އޮންލައިން