ދުލާއި ހިތް އެމީހެއްގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް ދެގުނަވަނަށް ދޭންޖެހޭ ސަމާލުކަން ނުދެވުމަށްވުރެ ބޮޑު ދެރައެއް އެކަކަށްވެސް ނުލިބޭނެ އެވެ. އެއީ އެކަން ނުކުރެވޭނަމަ ފާފަވެރިވުމުގެ އިތުރަށް ދުނިޔޭގެ ދިރިއުޅުންވެސް ކާމިޔާބުނުކުރެވޭނެތީއެވެ.
މީހާގެ ދުލާއި އައުރަ (އަޢުރަ ގުނަވަން) ރައްކައުތެރިކުރާނެ ކަމަށް އެމީހާ ޖާމިނުވެއްޖެނަމަ އެމީހަކު ސުވަރުގެ ވެއްދެވުމަށް ޖާމިނުވެވަޑައިގަންނަވާނެ ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އަދި އެންމެ ގިނަ ބައަކު ނަރަކައަށްދާނީ އެމީހާގެ ދުލާއި އަޢުރައިގެ ސަބަބުން ކަމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ލުޤްމާންގެފާނުގެ މާލިކު މީހާ ބަކަރިއެއް ކަތިލައި އެއިގެ އެންމެ ރަނގަޅު ބައި ގެނައުމަށް އެންގުމުން ލުޤްމާންގެފާނު ގެންދެވީ އެއިގެ ހިތާއި ދުލެވެ. އަނެއް ދުވަހު ބަކަރީގެ އެންމެ ނުބައި ގުނަވަން ގެންނަވަން ބުނުމުންވެސް ގެންދެވީ ހިތާއި ދުލެވެ. ތަފަތާތު ދެ ވާހަކައެއް ބުނުމުން ވެސް އެކައްޗެއް ގެންދަވާތީ ސުވާލުކުރުމުން ޖަވާބުގައި ލުޤްމާންގެފާނު ވިދާޅުވީ "މި ދެ ގުނަވަން ރަނގަޅުވެއްޖެނަމަ މިއަށްވުރެ ރަނގަޅު ދެ ގުނަވަނެއް ނެތް ކަމަށާއި އަދި މި ދެ ގުނަވަން ނުބައިވެއްޖެ ނަމަ މިއަށްވުރެ ނުބައި ދެ ގުނަވަން ނެތް" ކަމަށެވެ.
އަޅުގަނޑުމެންނަށް ބުނެވޭ ބަހެއްގެ ސަބަބުން އެއްބައިފަހަރު ސުވަރުގެ އެބަ ވަދެވެއެވެ. އަނެއްބައި ފަހަރު އެބަ ނަރަކައަށް ދާންޖެހެއެވެ. މިހެން މިވަނީ ބުނެވޭ އެއްޗަކީ އަހަރެމެންގެ ކުރިމަތީގައި ކިތަންމެ ކުޑަ އެއްޗަކަށްވީނަމަވެސް މާތްﷲގެ ޙަޟްރަތުގައި އެއީ ކުޑަ އެއްޗަކަށް ނުވާތީއެވެ.
އެމީހަކު ބުނި ބަހެއްގެ ސަބަބުން ސުވަރުގެ ދެއްވެވިކަން ކީރިތި ޤްރްއާނުން އެނގެން އެބަ އޮތެވެ. މީހާގެ ދުލާއި އައުރަ ރައްކައުތެރިކުރާނެ ކަމަށް އެމީހާ ޖާމިނުވެއްޖެނަމަ އެމީހަކު ސުވަރުގެ ވެއްދެވުމަށް ޖާމިނުވެވަޑައިގަންނަވާނެ ކަމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވައިފައިވާއިރު އަޅުގަނޑުމެންނަށް އަޢުރަ ރައްކައުތެރި ކުރެވިދާނެއެވެ. ނަމަވެސް ދޫ ރައްކައުތެރި ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
ވީމާ މިދެ ގުނަވަން ރައްކައުތެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
- ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންގެ ދަރުސަކުން