ނަޙީތަކުން ދުރުވެހުރެ ކުރާ ކޮންމެކަމެއްގައިވެސް އިޚްލާޞްތެރިވީމާ ޘަވާބުލިބޭ ހެޔޮ ޢަމަލަކަށްވެ ހެޔޮކަމުގެ ކޮޅަށް ދާނީ ބަރުވަމުން! އިން ޝާ ﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 5ސ
ނަޙީތަކުން ދުރުވެހުރެ ކުރާ ކޮންމެކަމެއްގައިވެސް އިޚްލާޞްތެރިވީމާ ޘަވާބުލިބޭ ހެޔޮ ޢަމަލަކަށްވެ ހެޔޮކަމުގެ ކޮޅަށް ދާނީ ބަރުވަމުން! އިން ޝާ ﷲ

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ކުރަންޖެހޭ މަސައްކަތްތައް ގިނަވާތީ އަލުކަންކުރަން ވަޤުތުހޯދާނެ ގޮތަކާއިމެދު ސުވާލުކުރައްވާ ކިޔުންތެރިންނަށް ތިރީގައިވާ ލިޔުމުން ގިނަ ކަންތައްތަކެއް ސާފުވެލައްވާނެއެވެ. އިން ޝާ ﷲ  

މިއަދު އަޅުގަނޑުމެންގެ ދިރިއުޅުންވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. ތަކެތީގެ އަގުތައްވަނީ އިންތިހާއަށް ބޮޑުވެފައެވެ. ރަށުން ރަނގަޅު ވަޒީފާއެއް ނުލިބުމުންނާއި ރަށުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލްއެއް ނެތިގެންނާއި އަދި ދަރިންނަށް ކިޔަވައިދޭން މާލެއަށް ބަދަލުވެގެން ދިރިއުޅޭ އެތައް އާއިލާއެއް އެބައުޅެއެވެ. ދިރިއުޅޭ ގެއަށް ދައްކަންޖެހޭ ކުލި ބިރުން ފިއްކަޑައިގެންދާހާ ބޮޑެވެ. ދެމަފެރިން ވަޒީފާއަށް ނުގޮސް ގިނަ ފަހަރު ޚަރަދުތައް ފޫނުބެއްދެއެވެ. ބައެއް ފަހަރު ދެތިން ފަޒީފާވެސް އަދާކުރަންޖެހެއެވެ. ނަތީޖާއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުމެވެ. މީގެ ސަބަބުން ބައެއް މީހުން އަޅުކަންތަންތަކާއި ދުރުވެއެވެ. 

އަޅުގަނޑުމެން ހަލްޤުކުރެއްވުމުގެ މަޤްސަދު ވަރަށް ގިނަ މީހުން މިވަނީ ހަދާން ނެތިފައެވެ. އައްޛާރިޔާތު ސޫރަތުގެ 56 ވަނަ އާޔަތުގެ މާނާއިވަނީ " އަދި ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސާނުން ހެއްދެވީ އެމީހުން ތިމަން ރަސްކަލާނގެއަށް އެކަނި  އަޅުކަން ކުރުމަށެވެ" މި އާޔާތުގެ މާނައިން އިންސާނުން ހަލްޤްކުރެއްވުމުގެ މަޤްސަދު ވަރަށް ރަނގަޅަށް ހާމަވެއެވެ.

އަޅުކަންތައްތަކޭ ބުނުމުން ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ އެއީ ހަމައެކަނި ނަމާދު ކުރުމާއި ، ރޯދަ ހިފުމާއި، ޒަކާތް ދިނުމާ ހައްޖުވުން ފަދަ ކަންތައްތައް އެކަނި ކަމަށެވެ. ނަމަވެސް އަޅުކަމަކީ އޭގައި ވަރަށް ގިނަ ކަންތައްތަލެއް އެކުލެވޭ ކަމެކެވެ. އަޅުކަމަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ކޮންމެ ބުނުމަކާއި، ޢަމަލެކެވެ. އަޅުކަމުގެ ތެރެއަށް ހެޔޮކަނަތައްތަކަށް އަމުރުކުރުމާއި ނުބައި ކަންތައްތައް މަނާ ކުރުމާއި ޛިކުރުކުރުމާއި ޤުރުއާން ކިޔެވުންފަދަ ކަންތައްތައް ޝާމީލުވާނެއެވެ. އަދި ހަމައެހެންމެ ﷲ ސުބުހާނަހޫ ވަތަޢާލާދެކެ ލޯބިވުމާއި، އެކަލާނގެއަށް ބިރިރުވެތިވުމާއި، އެކަލާނގެ ރަޙުމަތަށް އުންމީދުކުރުމާއި އެކަލާނގެއަށް ވަކީލުކުރުންފަދަ ކަންތައްތައް ހިމެނޭނެއެވެ. 

އަހަރަމެން ހަލާލު ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެކަންތައްތައް އަޅުކަމަށް ބަދަލު ކޮށްލުމުގެ އިޚްތިޔާރު އަޅުގަނޑުމެންގެ އަތުގައިވެއެވެ. އެއީ ކުރާ ޢަމަލުގައި އިހްލާސްތެރިވުމާއި ﷲ ސުބުހާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ހޯދުމުގެ ނިޔަތުގައި ކުރުމެވެ. އަހަރަމެން ދިރިއުޅުމަށް މަސައްކަތް ކުރާއިރު ކުރަންވީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެދިގެންނެވެ. އަނބިދަރިންނަށް ޚަރަދު ކުރުމަށް ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ ފިރިހެނުންގެ މައްޗަށް ވާޖިބު ކުރައްވާފައެވެ. ފިރިން އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށްޓަކައި މަސައްކަތް ކުރާއިރު ﷲ ސުބުހާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެދިގެން ކުރާނަމަ ވާނީ ހަމަ އަޅުކަމަކަށެވެ.  އަނބިން ފިރިމީހާގެ ކަންތައްތަކާއި ދަރިން ބެލުމާއި ގޭތެރޭގެ އެހެނިހެން މަސައްކަތް ކުރާއިރު ﷲ ސުބުހާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެދިގެން ކުރާނަމަ އެވެސް ވާނީ އަޅުކަމަކަށެވެ. ހަމަ އެގޮތަށް ތިމާއަށް ކުޅަދާނެވާ މިންވަރަށް މަސައްކަތް ކޮށްފައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ވަކީލުކުރުންވެސް މި ވަންނަނީ އަޅުކަމުގެ ތެރެއަށެވެ. އަޅުގަނޑުމެން ކޮންމެ ތަނަކު ވީނަމަވެސް އަބަދުވެސް ތިމާ ކުރާ ކަންތައްތައް ﷲ ސުބުހާނަހޫ ވަތަޢާލާ ބައްލަވާ ވޮޑިގެންވާކަށް ދަނެގެން އުޅުމަކީވެސް އަޅުކަމެކެވެ.  

އަހަރަމެން ހަލްޤުކުރެއްވުނީ ދުނިޔެ އާރާސްތޮކޮށް އުސް އިމާރާތްތައް ބިނާ ކުރުމަށްނޫނެވެ. ﷲ އަށް އަޅުކަށްކުރަމަށެވެ. ދިރިއުޅުމަށްޓަކައި މަސައްކަތްވެސް ކުރަންވާނެއެވެ. ނަމަވެސް އެކުރާ ކަމަކީ ތިމާ އަޅުކަންތައްތައް ކުރުމަށް އޮތް ހުރަކަށްވެގެން ނުވާނެއެވެ. ފަރުޟު ނަމާދަށްފަހު އެންމެ މަތިވެރިވެގެންވާ ނަމާދަކީ ދަމު ނަމާދެވެ. ބުރަކޮށް އުޅެމުންވެސް ދަމުނަމާދައި އިތުރު ސުންނަތް އަޅުކަންތައް ކުރުމަށް މަސައްކަތް ކުރަންވާނެއެވެ. ޤުރުއާން ކިޔެވުމާއި ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޟްރަތަށް ޛިކުރު ކުރުމުގައި ދެމިހުންނަށްވާނެއެވެ. އަޅުގަނޑުމެން ދުނިޔެއަށް ހަލްޤުކުރެއްވުމުގެ މަޤްސަދު ހަދާންކޮށް އެންމެހާ އަޅުކަންތައްތަކުގައި ހީވާގިވާންވާނެއެވެ.  

ލިޔުނީ: އުންމު ނަވާރު

މައުލޫމާތު ނެގީ: ތައުހީދުގެ ޚުލާޞާ

  

މިއަދު އޮންލައިން